ޚަބަރު
ރައީސްގެ ދެކަނބަލުން ޕާކިސްތާނުގެ އެންމެ ބޮޑު މިސްކިތަށް ޒިޔާރަތްކުރައްވައިފި
ރައީސްގެ ދެކަނބަލުން ޕާކިސްތާނުގެ އެންމެ ބޮޑު މިސްކިތަށް ޒިޔާރަތްކުރެއްވުން---
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެމަނިކުފާނާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޕާކިސްތާނުގެ އެންމެ ބޮޑު މިސްކިތް، ފައިސަލް މިސްކިތަށް ޒިޔާރަތްކުރައްވައިފިއެވެ.
ޕާކިސްތާނުގެ އިސްލާމްއާބާދުގައި ހުންނަ މަޝްހޫރު ފައިސަލް މިސްކިތަކީ އެ ގައުމުގެ އެންމެ ބޮޑު މިސްކިތުގެ އިތުރުން، އޭގެ ހާއްސަ ފަރުމާއާއި ދީނީ އަދި ތާރީޚީ މުހިންމުކަމުގެ ސަބަބުން ދުނިޔޭގެ ސަމާލުކަން ހޯދާފައިވާ ފާހަގަކޮށްލެވޭ އިސްލާމީ ބިނާއެކެވެ.

ރައީސްގެ މި ދަތުރުފުޅަކީ ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ މިފަދަ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. އަދި މިއީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަން އިތުރު ހަރުފަތަކަށް ގެންދިއުމުގެ މަޤްޞަދުގައި ކުރައްވާ ދަތުރުފުޅެކެވެ.
މި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށްޓަކައި މުހިންމު 20 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އޭގެ ތެރޭގައި ދަތުރުފަތުރާއި، ތަޢުލީމާއި، ސިއްޙީ ދާއިރާގެ އިތުރުން ދިފާޢީ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުންތައް ހިމެނެއެވެ. މި އެއްބަސްވުންތަކުގެ މައިގަނޑު އަމާޒަކީ ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމާއި، އެކި ދާއިރާތަކުން މިހާރުވެސް ދެމުންދާ އެއްބާރުލުން އިތުރަށް ހަރުދަނާކުރުމެވެ.
މި މަހުގެ 22 ގެ ނިޔަލަށް ކުރިއަށްދާ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.