ޚަބަރު
ބޮޑުތަކުރުފާނު މަގު ހެދުން: ޕޭވްމަންޓް ގައު ނެގުމާއި ހޮޅިވަޅުލުމުގެ މަސައްކަތް ފަށައިފި
ބޮޑުތަކުރުފާނު މަގު ހެދުން. ފޮޓޯ: އެމްޓީސީސީ
މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބިޔަ މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ ދަށުން، ސެގްމަންޓް 2 ގައި ހިމެނޭ ޕޭވްމަންޓް ގައުތައް ރަސްފަންނު ސަރަޙައްދާ ހަމައަށް ނެގުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
މި މަޝްރޫޢަކީ ވެރިރަށް މާލޭގެ ބޮޑުވަށަމަގު ތަރައްޤީކޮށް، ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
އެމްޓީސީސީން މަޢުލޫމާތު ދެއްވި ގޮތުގައި، ފޭސް 3 ގެ ސެގްމަންޓް 1 ގައި މިހާރު ކުރިއަށްދަނީ ކޭބަލް ޓްރެންޗް ޝަޓަރިންގ ހެދުމާއި އަދި އަޑީގައި ވަޅުލަންޖެހޭ ޔޫޓިލިޓީ ހޮޅިތައް އެޅުމުގެ މަސައްކަތެވެ. މީގެއިތުރުން، އަންނަ ހަފުތާގެ ތެރޭގައި ކޭބަލް ޓްރެންޗްތަކުގެ ކޮންކްރީޓް މަސައްކަތްތައް ފެށުމަށް ވަނީ ތާވަލުކުރެވިފައެވެ. މި މަސައްކަތްތަކާއެކު ވެސްޓްޕާކް ސަރަޙައްދުގައި ފެންހިންދާ ވަޅުތައް (ސްޓޯމްވޯޓާ ވެލްސް) ޤާއިމުކުރުމުގެ އަމަލީ މަސައްކަތް ވެސް ވަނީ ފަށާފައެވެ.
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ބެލުމުގެ ދަށުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ އަމާޒަކީ ބޮޑުތަކުރުފާނު މަގު ހަތަރު ލޭނަށް ފުޅާކޮށް، ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމެވެ. މި ފިޔަވަހީގެ މަސައްކަތްތައް ނިމުމުން މަގުމަތީގެ ދަތުރުފަތުރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި އަދި ދެވަނަ ފިޔަވަހި (ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް އަދި ނޯތު ހާބަރާ ހަމައަށް) މީގެކުރިން ވަނީ ނިންމައި ޢާންމުކޮށް ހުޅުވާލާފައެވެ. މިހާރު ކުރިއަށްދާ ތިންވަނަ ފިޔަވަހީގައި ވެސްޓްޕާކް އަދި އެމްޕީއެލް ސަރަޙައްދުން ފެށިގެން ސުނާމީ ބިނާއާ ހަމައަށް މަގު ފުޅާކުރުމާއި، ޕޭވްމަންޓް ހެދުމުގެ އިތުރުން ލަފާފުރުމަށް 6 ލޯންޗު ޖެޓީ ތަރައްޤީކުރުން ހިމެނެއެވެ. މުޅި މި ފިޔަވަހި ނޮވެމްބަރު 2026 ގެ ނިޔަލަށް ނިންމުމަށް ވަނީ އަމާޒުހިފާފައެވެ.
މި މަޝްރޫޢުގެ ދަށުން އެމްޑަބްލިޔުއެސްސީއާ ގުޅިގެން ފެނާއި ނަރުދަމާގެ ވިއުގަ އަޕްގްރޭޑްކުރުމާއި، ވިއްސާރަ މޫސުމުގައި ފެންބޮޑުވުން ހައްލުކުރުމަށް ޒަމާނީ ޕަމްޕު ސްޓޭޝަންތައް ބެހެއްޓުމުގެ މަސައްކަތް ވެސް ދަނީ ކުރެވެމުންނެވެ. މީގެއިތުރުން، ވިޔަފާރި ބަނދަރު ސަރަޙައްދުގެ ތޮއްޖެހުން އެއްކޮށް ހައްލުކުރުމަށްޓަކައި 2027 ވަނަ އަހަރުގެ ނޮވެމްބަރު 11 ގެ ކުރިން މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ރާވާފައެވެ.