ޚަބަރު
އަގު ނުޖަހާތީ 17 ފިހާރައަކަށް ނޯޓިސް ފޮނުވައިފި
ހުޅުމާލޭގަައި ހުންނަ ގްރޯސަރީ ފިހާރައެއް. ފޮޓޯ: ލޮނުމެދު
ވިއްކަން ބަހައްޓާފައި ހުންނަ މުދަލުގައި އަގު ޖަހާފައި ހުރިތޯ ބެލުމަށް މާލޭގެ 34 ފިހާރައެއް ބަލައި ފާސްކޮށް، ޤާނޫނާ އެއްގޮތަށް އަގު ޖަހާފައި ނުވާ 17 ފިހާރައަކަށް ނޯޓިސް ފޮނުވާފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އިޤްތިޞާދީ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި އިންސްޕެކްޝަން ކުރިއަށްގެންގޮސްފައިވަނީ މި އޮކްޓޫބަރު މަހުގެ 15 އިން 20 އަށެވެ. ބަލައި ފާސްކުރި ތަންތަނުގެ ތެރެއިން 17 ފިހާރައެއްގައި ޤާނޫނާ އެއްގޮތަށް މުދަލުގައި އަގު ޖަހާފައި ހުރި ނަމަވެސް، ބާކީ 17 ފިހާރައިން ފެނިފައިވަނީ އަގު ނުޖަހައި ހުރި މައްސަލައެވެ. އެހެންކަމުން އެ ފަރާތްތަކަށް ވަނީ ޤާނޫނާ އެއްގޮތަށް އަގު ޖެހުމަށް އަންގާ ރަސްމީ ނޯޓިސް ދީފައެވެ.
މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގައި، ވިއްކާ މުދަލުގެ އަގަކީ ކޮބައިކަން މުދާ ގަންނަ ފަރާތަށް ސާފުކޮށް އެނގޭގޮތަށް މެނުވީ އެއްވެސް މުދަލެއް ވިއްކަން ބެހެއްޓުމަކީ މަނާކަމެކެވެ. މުދާ ގަންނަ ފަރާތްތަކަށް ސާފުވާނޭހެން އަގު ޖަހާފައި ނުހުންނަ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި، މިކަމަށް އިތުރަށް ސަމާލުވުމަށް އެ ވުޒާރާއިން ވަނީ ވިޔަފާރިވެރިންނަށް އިލްތިމާސްކުރައްވާފައެވެ.
ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން މުދަލުގައި އަގު ޖަހާފައިވާ ކަމަށް ބެލެވޭނީ:
މުދަލުގެ އަގު ސީދާ އެ މުދަލެއްގައި ލިޔެ، ޕްރިންޓްކޮށް ނުވަތަ ހަރުކޮށްފައި ހުރުން
މުދާ ބަހައްޓާފައި ހުރި ތަނެއްގައި އަގު ލިޔެ ނުވަތަ ހަރުކޮށްފައި ހުރުމާއެކު، އެއީ ކޮން މުދަލެއްގެ އަގެއްކަން ސާފުކޮށް އެނގެން ހުރުން
އިޤްތިޞާދީ ވުޒާރާއިން ވިދާޅުވީ، ކޮންސިއުމަރ ޕްރޮޓެކްޝަން ޤާނޫނުގެ 66 ވަނަ މާއްދާގެ ދަށުން މިފަދަ އިންސްޕެކްޝަންތައް މެދުކެނޑުމެއްނެތި ކުރިއަށްގެންދާނެ ކަމަށެވެ. އަދި ޤާނޫނާ ޚިލާފަށް އަގު ނުޖަހައި މުދާ ވިއްކާ ފަރާތްތަކާމެދު އެ ޤާނޫނުގެ 84 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅަމުން ގެންދާނެ ކަމުގެ އިންޒާރުވެސް ވަނީ ދެއްވާފައެވެ.
ބާޒާރާއި ފިހާރަތަކުގައި މުދާ ހުރި އަގުތައް ޢާންމުންނަށް ފަސޭހައިން ބަލާލެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އެ ވުޒާރާއިން ވަނީ "އަގުމަގު" ގެ ނަމުގައި ޕޯޓަލްއެއްވެސް ތަޢާރަފުކޮށްފައެވެ. މި ޕޯޓަލްގެ މައިގަނޑު ބޭނުމަކީ އަސާސީ ކާބޯތަކެތީގެ އަގުތައް އެއްތަނަކުން ފެންނަން ހުރުމާއެކު ރައްޔިތުންނަށް ހެޔޮ އަގުގައި ތަކެތި ލިބޭނެ މަގު ފަހިކޮށްދިނުމެވެ. އެ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި މިހާތަނަށް 224 ފިހާރައެއް ވަނީ އަގުމަގު ޕޯޓަލްގައި ރަޖިސްޓްރީކޮށްފައެވެ.