Ads by Farudhun

ޚަބަރު

ރައީސް މުޢިއްޒުގެ ޒިޔާރަތަކީ ވިޔަފާރީގެ އައު ފެށުމެއް: ޕާކިސްތާނުގެ ބޮޑުވަޒީރު

ރައީސް މުޢިއްޒުގެ ޒިޔާރަތަކީ ވިޔަފާރީގެ އައު ފެށުމެއް: ޕާކިސްތާނުގެ ބޮޑުވަޒީރު

ރައީސް މުއިއްޒުއާއި ޕާކިސްތާނުގެ ބޮޑު ވަޒީރު--

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

22 އޮކްޓޯބަރު 2026، 06:20

22 އޮކްޓޯބަރު 2026، 06:20

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައިވާ ވިޔަފާރިއާއި އިންވެސްޓްމަންޓް ކުރިއެރުވުމުގައި އިންޤިލާބީ ބަދަލެއް ގެނުވާނެ އައު ފެށުމެއް ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ އިސްލާމްއާބާދުގައި ބޭއްވި ޕާކިސްތާން ބިޒްނަސް ފޯރަމް 2026 ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބޮޑުވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، މިހާރު ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ އަގަކީ ގާތްގަނޑަކަށް 13 މިލިއަން އެމެރިކާ ޑޮލަރެވެ. ނަމަވެސް، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އެ ޢަދަދު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ރައީސް ޑރ. މުޢިއްޒުގެ އަރިހުން އެދިވަޑައިގަތުމުން، އެމަނިކުފާނު ވަގުތުން އެކަމަށް އެއްބަސްވެވަޑައިގެންފައިވާ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. 

މި ލަނޑުދަނޑި ޙާޞިލުކުރުމަށް ޓަކައި، ރައީސް މުޢިއްޒު މާލެ ވަޑައިގަންނަވާތާ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޕާކިސްތާނުގެ އިސް ވިޔަފާރިވެރިންނާއި ސަރުކާރުގެ ވަޒީރުން ހިމެނޭ ވަފުދެއް ރާއްޖެއަށް ޒިޔާރަތްކުރާނެކަން ވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގައި ދަތުރުފަތުރުގެ ދައުރު މުހިންމުކަން ފާހަގަކުރައްވަމުން، ވައިގެ މަގުންނާއި ކަނޑުގެ މަގުން ދެ ޤައުމު ގުޅާލުމުގެ މަސައްކަތް އަވަސްކުރުމަށް ވަނީ ނިންމާފައިކަން ބޮޑު ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ) ނުވަތަ އެހެން އެއާލައިނެއް މެދުވެރިކޮށް ސީދާ ދަތުރުތައް ފެށުމަށް ފީސިބިލިޓީ ދިރާސާއެއް ހެދުމަށް ސިވިލް އޭވިއޭޝަން މިނިސްޓްރީއަށް އަންގަވާފައިވާ ކަމަށާއި، ރާއްޖޭގެ ޤައުމީ އެއާލައިނުން ވެސް މިފަދަ ދަތުރުތައް ފެށުމުގެ ޕްލޭނެއް އެކުލަވާލަމުންދާ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. 

މީގެ އިތުރުން، ކަރާޗީ ނުވަތަ ގްވާދަރުން މާލެއަށް އިތުބާރު ހުރި ކަނޑުބޯޓުފަހަރުގެ ސީދާ ދަތުރުތައް ފެށުމަށް ދެ ޤައުމުގެ ކަމާބެހޭ ވަޒީރުން ގުޅިގެން މަސައްކަތްކުރެއްވުމަށް ބޮޑުވަޒީރު އެދިވަޑައިގެންނެވިއެވެ.

މި ވާހަކަފުޅުގައި ބޮޑުވަޒީރު ވަނީ ދެ ޤައުމުގެ ދެމެދުގައި ދެކެވޭ ވާހަކަތައް އަވަސް މުއްދަތެއްގައި ޢަމަލީ އެއްބަސްވުންތަކަކަށް ބަދަލުކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފައެވެ. މިއީ 10 އަހަރަށް ފަހު ދިވެހިރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުކަން ފާހަގަކުރައްވައި، މިއީ ކުރިއަށް އޮތް ތަނުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ހެއްކެއް ކަމަށް ވިދާޅުވަމުން، ބޮޑުވަޒީރު ވަނީ އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450