ޚަބަރު
ތެލާއި ފަރމަސޫޓިކަލްސްއަކީ ވިޔަފާރީގެ ގުޅުން ބަދަހި ކުރެވޭނެ މުހިންމު ދާއިރާތަކެއް: ރައީސް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
ތެލާއި ފާމަސޫޓިކަލްސްއަކީ ރާއްޖެއަށް ފުޅާދާއިރާއެއްގައި އެތެރެކުރާ މުދާ ކަމަށްވުމާއެކު، އެއީ ޕާކިސްތާނާއި ދިވެހިރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކުރެވިދާނެ މުހިންމު ދާއިރާތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދެ ޤައުމުގެ ދެމެދުގައި ބޭއްވި "މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޯލްޑް ޗެއިން ލޮޖިސްޓިކްސް، ފިނިހޫނުމިން ކޮންޓްރޯލްކޮށްގެން އެތެރެކުރާ ބާވަތްތައް، ޒަމާނީ ފުޑް ޕްރޮސެސިންގ އަދި މޫސުމަށް އަންނަ ބަދަލުތަކާ އެއްގޮތަށް ދަނޑުވެރިކަމުގެ ޓެކްނޮލޮޖީގެ ދާއިރާއިން ޕާޓްނަރޝިޕްތައް ޤާއިމުކުރުމަށް މަރުޙަބާ ވިދާޅުވާ ކަމަށެވެ. މީގެއިތުރުން، ވިޔަފާރި ފުޅާކުރުމަށްޓަކައި ދަތުރުފަތުރުގެ ގުޅުން ވަރުގަދަކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކުރައްވައި، ޖަޒީރާ ޤައުމަކަށް ކަނޑުދަތުރުފަތުރަކީ އިޤްތިޞާދީ މައިނާރު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންކަމުން ދެ ޤައުމުގެ ދެމެދުގައި މުދާ އުފުލުމަށް ލުއިފަސޭހަ މަގުތަކެއް ތަނަވަސްކުރުމަށްޓަކައި، ޕާކިސްތާނާއި ރާއްޖެއާ ދެމެދު ސީދާ ވިޔަފާރި ބޯޓުފަހަރު ދަތުރުކުރެވޭނެ އިންތިޒާމުތައް ހޯދުމަށް ދެ ޤައުމުގެ ޝިޕިންގ، ޕޯޓް އަދި ލޮޖިސްޓިކްސް ކުންފުނިތަކަށް ރައީސް ބާރުއެޅުއްވިއެވެ. ހަމައެއާއެކު، ސީދާ ވައިގެ ދަތުރުތައް ފެށުމަށާއި ދަތުރުތައް އިތުރުކުރުމަށް އެއާލައިންތަކަށާއި އޭވިއޭޝަން ދާއިރާގެ ބައިވެރިންނަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
ޞިއްޙީ ދާއިރާއަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ސަރަޙައްދީ ޓާޝަރީ ހޮސްޕިޓަލްތަކުން ފެށިގެން ރަށްރަށުގެ ޞިއްޙީ މަރުކަޒުތައް ތަރައްޤީކުރުމަށް ސަރުކާރުން ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުންދާ ކަމަށެވެ. އެހެންކަމުން، އިތުބާރުހުރި، ފެންވަރު ރަނގަޅު އަދި ސެޓިފައިޑް މެޑިކަލް ސަޕްލައިއަށް އޮތް ބޭނުންތެރިކަން އިތުރުވަމުންދާތީ، ޕާކިސްތާނުގެ ފާމަސޫޓިކަލް އުފެއްދުންތެރިންނަށާއި ޞިއްޙީ ޚިދުމަތްދޭ ފަރާތްތަކަށް ރާއްޖޭގައި ފުރުޞަތުތައް ފަހިވެފައިވާ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ބޯހިޔާވަހިކަމާއި، ބިންހިއްކުމުގެ ބިޔަ މަޝްރޫޢުތަކާއެކު ރާއްޖެއަށް އުމްރާނީ ބޮޑު ބަދަލެއް އަންނަމުންދާކަން ފާހަގަކުރައްވައި، ޕާކިސްތާނުގެ ކޮންސްޓްރަކްޝަން ކުންފުނިތަކަށާއި، ޑިވެލޮޕަރުންނަށާއި އިންޖިނިއަރިންގ ދާއިރާގެ ތަޖުރިބާކާރުންނަށް އެ މަސައްކަތްތަކުގައި ބައިވެރިވުމަށް ރައީސް ދަޢުވަތު އެރުވިއެވެ.
އިއާދަކުރަނިވި ހަކަތައިގެ ދާއިރާއަކީ ވެސް އިންވެސްޓްމަންޓްގެ ބޮޑެތި ފުރުޞަތުތަކެއް އޮތް ދާއިރާއެއް ކަމަށް ރައީސް ވިދާޅުވިއެވެ. ޑީޒަލް އެތެރެކުރުމަށް ރާއްޖެއިން އަހަރަކު އެތައް ސަތޭކަ މިލިއަން ޑޮލަރެއް ޚަރަދުކުރަންޖެހޭތީ، އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަކީ ހަމައެކަނި ތިމާވެށީގެ ކަމެއް ނޫން ކަމަށާއި، އެއީ އިޤްތިޞާދީ އަދި މާލީ ގޮތުން ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ އެއްޗަކަށް ހެދުމަށް ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށާއި، މިއީ ފަސް އަހަރު ދުވަހުގެ ތެރޭގައި އިއާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު ހަތަރުގުނައަށް އިތުރުކުރުން ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.