ޚަބަރު
ނޮޅިވަރަންފަރަށް ބޯކޮށް ވާރޭވެހި ގިނަ ގެތަކަށް ގެއްލުންވެއްޖެ
ނޮޅިވަރަންފަރުގައި ފެންބޮޑުވުން. ފޮޓޯ: އެންޑީއެމްއޭ
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހދ. ނޮޅިވަރަންފަރަށް ބޯކޮށް ވާރޭވެހި، އެ ރަށުގެ ގިނަ ގެތަކަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. އެ ރަށުން މިހާތަނަށް 60 އަށްވުރެ ގިނަ ގެއަކަށް ފެންވަދެގެން ވަނީ ރިޕޯޓްކޮށްފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ގިނަ ގެތަކުގެ އަޑިން ފެން އަރަމުންދާއިރު، ގޭގޭގައި ހިފާގެންގުޅޭ ތަކެއްޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ނަމަވެސް، މީހުން ގެދޮރުން ނެރެ ހުސްކުރަންޖެހޭ ފަދަ ޙާލަތަކަށް އަދި ނުދާ ކަމަށާއި، މިހާރުވެސް ރަށަށް ވާރޭ ވެހެމުންދާ ކަމަށް އެ ރަށު ކައުންސިލުން މަޢުލޫމާތު ދެއެވެ. ފެންބޮޑުވުމާ ގުޅިގެން ފުލުހުންނާއި ރައްޔިތުން ގުޅިގެން ގެތަކަށް ފެން ނުވަންނާނެހެން ވެލިބަސްތާ ޖެހުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ނޮޅިވަރަންފަރުގެ އިތުރުން ހދ. ކުޅުދުއްފުށި ސިޓީއަށްވެސް ބޯކޮށް ވާރޭވެހި، ފެންބޮޑުވެގެން މިހާތަނަށް 190 އަށްވުރެ ގިނަ ގެއަކުން ވަނީ ރިޕޯޓްކޮށްފައެވެ. ކުޅުދުއްފުށީ ކައުންސިލުން އެ ގެތަކުގެ ޙާލަތު ބަލަމުންދާއިރު، ކައުންސިލާއި، ފުލުހުންނާއި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އަދި މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރުސީ) ގުޅިގެން ދަނީ ރަށުތެރޭން ފެންހިއްކުމުގެ މަސައްކަތް ކުރަމުންނެވެ. މިވަގުތަށް ކުޅުދުއްފުށްޓަށް ވާރޭ ވެހުން ހުއްޓާލާފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެކްސްގައި ހާމަކޮށްފައިވާ ގޮތުގައި، ވިއްސާރައިގެ އަސަރުކޮށްފައިވާ ރަށްތަކުގެ ޙާލަތު އެ އޮތޯރިޓީން ދަނީ ގާތުން ބަލަމުންނެވެ. އަދި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް، ރަށު ކައުންސިލްތަކާ ގުޅިގެން އެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެންޑީއެމްއޭ އިން ބުނެފައިވެއެވެ.