ޚަބަރު
އިންޒެކްގެ ދެވަނަ ސެޝަންގެ ޕެނަލިސްޓުން ހާމަކޮށްފި
އިންޒެކްގެ ދެވަނަ ސެޝަންގެ ޕެނަލިސްޓުން. ފޮޓޯ: ޒަކާތު ހައުސް
އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް (އިންޒެކް 2026) ގެ ދެވަނަ ސެޝަންގައި ބައިވެރިވެވަޑައިގަންނަވާ ޕެނަލިސްޓުން މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ.
މި ކޮންފަރެންސްގެ ދެވަނަ ސެޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 'ވިލުންތެރިކަމުގެ އަސާސު: އެކި ދާއިރާތައް އެކުގައި މަސައްކަތްކުރުމާއި، ގުޅިގެން ނެރެވިދާނެ ހައްލުތައް' މި މައުޟޫޢުގެ މައްޗަށެވެ. މި ސެޝަންގައި ޒަކާތުގެ އިދާރާތަކާއި، ޓެކްނޮލޮޖީ ދާއިރާއާއި، އިޖުތިމާޢީ ޚިދުމަތްތަކުގެ އިތުރުން އަމިއްލަ ވިޔަފާރިތަކުގެ ދާއިރާއިން މަންދޫބުން ބައިވެރިވެވަޑައިގެން، ގުޅިގެން މަސައްކަތްކުރުމުގެ ތެރެއިން އެހީތެރިކަމަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ދެވޭ އެހީ ހަރުދަނާކުރެވިދާނެ ގޮތްތަކާ މެދު މަޝްވަރާކުރާނެއެވެ.
މި ސެޝަންގެ ޕެނަލިސްޓުންގެ ގޮތުގައި ހިމެނިވަޑައިގަންނަވަނީ މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާޢު ޢައްބާސް، މައިންޑްކޯގެ ހެޑް އޮފް ޑިޖިޓަލް ސޮލިއުޝަންސް މުޙައްމަދު އަރުޝަދު، މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާގެ ސޯޝަލް ސަރވިސަސް ކޯޑިނޭޓަރ ޢަބްދުﷲ އަޝްރަފް އަދި މޯލްޑިވްސް ނެޝަނަލް ޗެމްބަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީގެ ނައިބު ރައީސް ޙަސަން ޝަމާމެވެ. މި މަޝްވަރާތައް މޮޑެރޭޓްކުރައްވާނީ މޯލްޑިވްސް ޒަކާތު ހައުސްގެ އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ ޢާއިޝަތު ޝައްމާ ޢާމިރެވެ.
މި ސެޝަންގައި، މުއައްސަސާތަކުން ވަކިވަކިން މަސައްކަތްކުރުމުގެ ބަދަލުގައި، ސަރުކާރުގެ އިޖުތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކާއި ޑިޖިޓަލް ވަސީލަތްތަކުގެ އިތުރުން އަމިއްލަ ދާއިރާގެ މަސައްކަތްތަކާ ޒަކާތާއި އިސްލާމީ އިޖުތިމާޢީ ފައިނޭންސް ގުޅުވައިދޭ ޤައުމީ ފެންވަރުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަށް އަލިއަޅުވާލާނެއެވެ. އަދި އެހީ ލިބޭ ފަރާތްތަކަކީ މާލީ އެހީތެރިކަމަށް އަބަދުމެ ބަރޯސާވުމުގެ ބަދަލުގައި، އަމިއްލަ ފައިމައްޗަށް ތެދުވެ އިޤްތިޞާދީ ގޮތުން ފުދުންތެރި ބަޔަކަށް ހެދުމަށް ޓަކައި ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރެވިދާނެ ގޮތްތައް ދެނެގަތުމަށް ފުރުޞަތު ލިބިގެންދާނެއެވެ.
އިންޒެކް 2026 ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ 28 އޮކްޓޫބަރު 2026 ވާ ދުވަހުގެ ހެނދުނު 8:30 އިން ރޭގަނޑު 7:00 އަށް، މާލޭގެ އިސްލާމީ މަރުކަޒުގައެވެ.