Ads by Farudhun

ޚަބަރު

ދިރިނޫޅެވޭ ވަރުވުމުން ނޮޅިވަރަމުގެ ތިން ގެއެއްގެ މީހުން އެހެން ގެތަކަށް ބަދަލުކޮށްފި

ދިރިނޫޅެވޭ ވަރުވުމުން ނޮޅިވަރަމުގެ ތިން ގެއެއްގެ މީހުން އެހެން ގެތަކަށް ބަދަލުކޮށްފި

ފެން ހިންދުމުގެ މަސައްކަތުގައި ފުލުހުން ހަރަކާތްތެރިވަނީ / ފޮޓޯ: ފުލުހުން

farudhun logo

ފަރުދުން

23 އޮކްޓޯބަރު 2026، 06:03

23 އޮކްޓޯބަރު 2026، 06:03

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހދ. ނޮޅިވަރަމުގެ 20 ގެއަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބި، ދިރިނޫޅެވޭ ވަރަށް ހާލަތު ގޯސްވި ތިން ގެއެއްގެ މީހުން ރައްކާތެރި އެހެން ގެތަކަށް ބަދަލުކޮށްފިއެވެ.

މި ދުވަސްވަރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް މޫސުން ގޯސްވެފައިވާއިރު، ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެއް ސަރަހައްދަކީ ހދ. އަތޮޅެވެ. އެގޮތުން އެ އަތޮޅުގެ ނޮޅިވަރަމަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން ފުލުހުންނާއި ކައުންސިލް ގުޅިގެން ދަނީ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެ ރަށު މަގުތަކުން ފެންހިންދުމަށްޓަކައި މިހާތަނަށް ހަތަރު ކޯރު ކަނޑާފައިވާއިރު، ފަސްވަނަ ކޯރު ކެނޑުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރަމުންނެވެ.

ރާއްޖޭގެ އެކި އަތޮޅުތަކުގެ ރަށްރަށަށް ބޯކޮށް ވާރޭވެހި، މަގުތަކުގައްޔާއި މީހުން ދިރިއުޅޭ ގެތަކުގައި ފެންބޮޑުވަމުންދާތީ، އާންމު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައްޔާއި ފެންހިންދުމުގެ މަސައްކަތުގައި ކައުންސިލްތަކާއި އެހެނިހެން މުއައްސަސާތަކާ ގުޅިގެން ފުލުހުން ދަނީ މެދުކެނޑުމެއްނެތި ހަރަކާތްތެރިވަމުންނެވެ.

ފުލުހުން ބުނި ގޮތުގައި، ހދ. އަތޮޅުގެ އިތުރު ރަށްތަކަށް ވެސް ވަނީ ވިއްސާރައިގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އެގޮތުން ހދ. ނޭކުރެންދޫގެ ތިން ގެއަކަށާއި ފިހާރައަކަށް ފެންވަދެފައިވާތީ އެ ތަންތަނުގައި ވެލިބަސްތާ ޖަހައި ފުލުހުން ވަނީ ރައްކާތެރިކަން ފޯރުކޮށްދީފައެވެ. އަދި ހދ. ކުމުންދޫ ގެއަކަށް ފެންވަދެ ހިފާގެންގުޅޭ ބައެއް ތަކެއްޗަށް ގެއްލުންވެފައިވާއިރު، އެ ރަށު ކައުންސިލާ ގުޅިގެން މަގުމަތިން ފެންހިންދުމުގެ މަސައްކަތް ވެސް ފުލުހުން ވަނީ ކޮށްފައެވެ. މީގެއިތުރުން ކުޅުދުއްފުށި ސިޓީއަށާއި ނޮޅިވަރަންފަރަށް ވެހުނު ބޯ ވާރޭގައި ފެންބޮޑުވެގެން އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ހދ. ފިނޭގެ މަގުތަކުގައި ބޮޑުވި ފެންގަނޑު ހިންދުމަށް އާންމުންނާއި މުއައްސަސާތަކާ އެކު ފުލުހުން ވަނީ މަސައްކަތްކޮށްފައެވެ.

ފެންހިންދުމުގައި ފުލުހުންނާއި އާންމުން ގުޅިގެން މަސައްކަތްކުރަނީ / ފޮޓޯ: ފުލުހުން

ހދ. އަތޮޅުގެ އިތުރުން ޅ. އަތޮޅުގެ ރަށްތަކަށް ވެސް ދަނީ ވިއްސާރައިގެ ބޮޑެތި އަސަރުތަކެއް ކުރަމުންނެވެ. އެ އަތޮޅުގެ ކުރެންދޫ، ހިންނަވަރު އަދި ނައިފަރަށް ބޯކޮށް ވާރޭވެހި، މަގުތަކުގައި ފެންބޮޑުވެ ގޭގެއަށް ފެންވަންނަމުން ދާތީ މިއަދު ހެނދުނު 09:30 އިން ފެށިގެން ފުލުހުން ދަނީ އެ ރަށްރަށުގައި ހަރަކާތްތެރިވަމުންނެވެ. 

ވިއްސާރައާ ގުޅިގެން ރަށްރަށަށް ދިމާވެފައިވާ ފެންބޮޑުވުމުގެ ހާލަތުން އަރައިގަތުމަށާއި، ރައްޔިތުންގެ މުދަލާއި ގެދޮރު ރައްކާތެރިކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކާއި ކައުންސިލްތަކާ ގުޅިގެން ފުލުހުން މިހާރުވެސް ދަނީ މައިދާނުގައި ހަރަކާތްތެރިވަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450