ދުނިޔެ

ޖިންސީ ގޯނާގެ ޝިކާރައަކަށްވި މީހުންނަށް ނިއުޔޯކުގެ އާޗްޑައޮސިސްއިން800 މިލިއަން ޑޮލަރުދެނީ

ޖިންސީ ގޯނާގެ ޝިކާރައަކަށްވި މީހުންނަށް ނިއުޔޯކުގެ އާޗްޑައޮސިސްއިން800 މިލިއަން ޑޮލަރުދެނީ

ނިއުޔޯކުގެ އާޗްޑައޮސިސް ޖިންސީ ގޯނާގެ ޝިކާރައަކަށްވި 1،300 މީހުންނަށް 800 މިލިއަން ޑޮލަރު ދިނުމަށް އެއްބަސްވުން.. ފޮތޯ:އަލްޖަޒީރާ

ފާޠިމަތު ޝާނީ އަޙްމަދު

ފާޠިމަތު ޝާނީ އަޙްމަދު

25 އޮކްޓޯބަރު 2026، 12:04

25 އޮކްޓޯބަރު 2026، 12:04

ކެތޮލިކް ފާދިރީންގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ގާތްގަނޑަކަށް 1،300 މީހެއްގެ ޤާނޫނީ ދަޢުވާތައް ކޯޓުން ބޭރުގައި ޙައްލުކުރުމަށްޓަކައި، 800 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ދެއްކުމަށް އެމެރިކާގެ ނިއުޔޯކު އާޗްޑައޮސީސް އިން އެއްބަސްވެއްޖެއެވެ.

މިއީ 2024 ވަނަ އަހަރު ލޮސް އެންޖެލިސްގެ އާޗްޑަޔޮސީސް އިން އެއްބަސްވި 880 މިލިއަން ޑޮލަރުގެ އެއްބަސްވުމަށްފަހު، އެމެރިކާގެ ތާރީޚުގައިވެސް މިފަދަ މައްސަލައެއް ކޯޓުން ބޭރުގައި ނިންމަން އެއްބަސްވި ދެވަނައަށް އެންމެ ބޮޑު މާލީ ބަދަލެވެ.

ނިއުޔޯކުގެ އާޗްބިޝޮޕް ރޮނަލްޑް ހިކްސް ވިދާޅުވީ، ދަޢުވާކުރި ފަރާތްތަކާއި އެ ފަރާތްތަކުގެ ވަކީލުންނާއެކު ވެވުނު އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރުން އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު ކަމަށެވެ.

"މާތްރަސްކަލާނގެ އިރާދަފުޅާއެކު، އަނިޔާ ލިބުނު ހުރިހާ ފަރާތްތަކަކަށް ކޮންމެވެސް މިންވަރެއްގެ ޝިފާއަކާއި ޞުލްޙަވެރިކަމެއް ގެނެސްދެވޭނެ މަގުމަތީގައި އަޅުގަނޑުމެން މިތިބީ." 

ފާދިރީންނަށް ފޮނުއްވި އީމެއިލެއްގައި އަދި މީޑިއާއަށް ދެއްވި ބަޔާނުގައި އޭނާ ވިދާޅުވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން ބަލިމީހުންނަށް ފަރުވާދިނުމާއި، ފަޤީރުންނާއި ނިކަމެތިންނަށް އަޅާލުމުގެ އިތުރުން ކުދިންނަށް ތަޢުލީމު ދިނުމުގެ މައިގަނޑު މަޤްޞަދަށް އާޗްޑައޮސިސްގެ ފުރިހަމަ ސަމާލުކަން އަލުން އަނބުރާ ގެނައުމުގެ ފުރުޞަތުވެސް ލިބިގެންދާނެ ކަމަށެވެ. މި ޚަބަރު އެންމެ ފުރަތަމަ ރިޕޯޓްކުރި ދަ ނިއުޔޯކް ޓައިމްސް އިން ބުނެފައިވާ ގޮތުގައި، އަނިޔާ ލިބުނު ގާތްގަނޑަކަށް 1،300 މީހުންގެ ތެރެއިން ކޮންމެ މީހަކަށްވެސް އާޗްޑައޮސިސް އޮފް ނިއުޔޯކުން މަދުވެގެން 250،000 ޑޮލަރު ލިބޭނެއެވެ. އަދި ލިބުނު އަނިޔާގެ ބޮޑުމިނަށް ބަލައި މިއަށްވުރެ އިތުރަށްވެސް ލިބުމުގެ ފުރުޞަތު އޮންނާނެއެވެ.

"އާޗްޑައޮސިސް އޮފް ނިއުޔޯކާ ދެކޮޅަށް ދަޢުވާ އުފުލި، އަނިޔާ ލިބުނު ފަރާތްތަކުގެ އިއްތިފާޤީ އެއްބަސްވުމަކީ އިންޞާފު ހޯދުމުގެ މަސައްކަތުގައި ވަރަށް ވަރުގަދަ މުހިންމު ވަގުތުކޮޅެއް. އަނިޔާ ލިބުނު ފަރާތްތަކުގެ ހިތްވަރާއި، ޤުރުބާނީ އަދި ޢަޒުމުގެ ސަބަބުން، ޒިންމާދާރުކުރުވުމަށާއި ޖަވާބުދާރީ ކުރުވުމަށް މާނަހުރި ފިޔަވަޅެއް އެޅުމަށް ވަނީ މަގުފަހިވެފައި." 

ނިއުޔޯކް ސްޓޭޓުގައި ކެތޮލިކް ފައްޅިއާ ދެކޮޅަށް 1،000 އަށް ވުރެ ގިނަ ދަޢުވާ ހުށަހެޅި ފަރާތްތަކުގެ ވަކީލު ޖެފް އެންޑަސަން ބަޔާނެއްގައި ވިދާޅުވިއެވެ.

މި އެއްބަސްވުމަކީ ދަޢުވާކުރި ފަރާތްތަކުގެ ވަކީލުންނާއެކު އެތައް އަހަރެއް ވަންދެން ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެކެވެ. 2000 ގެ އަހަރުތަކުގެ ކުރީކޮޅުން ފެށިގެން އެމެރިކާގެ ކެތޮލިކް ފައްޅިތަކުގައި ހިނގާފައިވާ ޖިންސީ ގޯނާގެ ބޮޑެތި މައްސަލަތައް ފެންމަތިވެފައިވާއިރު، މީޑިއާތަކުގެ ތަޙުޤީޤުތަކުން ހާމަވި ގޮތުގައި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އެތައް ހާސް ކުޑަކުދިންނަކަށް ވަނީ ޖިންސީ އަނިޔާ ލިބިފައެވެ. އެ މައްސަލަތައް ކަމާބެހޭ އިދާރާތަކަށް ރިޕޯޓްކުރުމުގެ ބަދަލުގައި، ޗާޗުގެ ވެރިން ވަނީ ކުށްކުރި ފާދިރީން އެހެން ތަންތަނަށް ބަދަލުކޮށް، އެކަންކަން ސިއްރުކޮށްފައެވެ.

އެމެރިކާގެ އެކި ކަންކޮޅުތަކުގައިވާ ޑަޔޮސީސްތަކުން މިފަދަ މައްސަލަތަކުގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި އެތައް ސަތޭކަ މިލިއަން ޑޮލަރެއް ދައްކަން ޖެހިފައިވާއިރު، ފާއިތުވި ޖޫން މަހު ސެން ފްރެންސިސްކޯގެ އާޗްޑަޔޮސީސް އިންވެސް ވަނީ 530 މީހެއްގެ ދަޢުވާތައް ނިންމުމަށް 395 މިލިއަން ޑޮލަރު ދިނުމަށް އެއްބަސްވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450