ދުނިޔެ
އިޒްރޭލުގެ އިންތިޚާބު: ވަގުތީ ނަތީޖާއިން ނަތަންޔާހޫގެ ޕާޓީ ކުރީގައި
ބެންޖަމިން ނަތަންޔާހޫ--
އިޒްރޭލުގެ ޤާނޫނުހަދާ މަޖިލިސް (ކްނެސެޓް) ގެ އިންތިޚާބުގައި ވޯޓު ކަރުދާހުގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ ގިނަ ކަރުދާސް ގުނައި ނިމުނުއިރު، ވަގުތީ ނަތީޖާއިން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ލީކޫޑް ޕާޓީ ކުރީގައި އޮތް ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އަލްޖަޒީރާއިން އިސްރާއީލުގެ ސެންޓްރަލް އިލެކްޝަންސް ކޮމިޓީގެ ރަސްމީ ހިސާބުތަކަށް ހަވާލާދީ ހާމަކޮށްފައިވާ ގޮތުގައި، ކްނެސެޓް އިންތިޚާބުގައި މިހާތަނަށް 1.6 މިލިއަނަށް ވުރެ ގިނަ ވޯޓު ވަނީ ގުނާފައެވެ. މީގެ ތެރޭގައި ހިމެނޭ ޞައްޙަ ވޯޓުގެ 22.24 އިންސައްތައާއެކު ނަތަންޔާހޫގެ ލީކޫޑް ޕާޓީ އޮތީ އެއްވަނައިގައެވެ. މިއީ ކުރީގެ އަދާހަމަކުރުމުގައި ހުރި 23.36 އިންސައްތައާ އަޅާބަލާއިރު ކުޑަކޮށް ދަށް އަދަދެކެވެ.
ވަގުތީ ނަތީޖާއިން ދެވަނައިގައި 15.41 އިންސައްތައާއެކު އޮތީ އައިސެންކޮޓްގެ ޔަޝާރު ޕާޓީއެވެ. އެ ޕާޓީއަށް ލިބިފައިވާ ވޯޓުގެ ނިސްބަތްވެސް ކުރިން ހުރި 15.74 އިންސައްތައިން ވަނީ ދަށަށް ގޮސްފައެވެ.
ތިންވަނައަށް ޖެހިލާފައިވަނީ 8.28 އިންސައްތަ ވޯޓު ހޯދި ފަލަސްތީނު-އިސްރާއީލު ޖޮއިންޓް ލިސްޓެވެ. އެ ލިސްޓު ކުރި ހޯދާފައިވަނީ 8.22 އިންސައްތަ ހޯދި ނަފްތާލީ ބެނެޓްގެ ޕާޓީއާ ވާދަކޮށް ވަރަށް ކުޑަ ފަރަގަކުންނެވެ.
މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވާ ގާތްގަނޑަކަށް 7.33 މިލިއަން މީހުންގެ ތެރެއިން 5.69 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ވޯޓުލާފައެވެ. މި ހިސާބުތަކަކީ އަދި ވަގުތީ ނަތީޖާތަކެކެވެ.

ގުދުސްގައި އޭނާއަށް ތާއީދުކުރާ ފަރާތްތަކާ މުހާތަބުކޮށް ނަތަންޔާހޫ ވަނީ ވާހަކަދައްކާފައެވެ.
އޭނާ ބުނީ އިސްރާއީލުގެ ދުޝްމަނުންނާ ކުރިމަތިލައި، އެމީހުން ބަލިކުރުމުގެ ބާރު އިސްރާއީލަށް ލިބިފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް އެކަން ވާނެ ކަމަށެވެ. އަދި އެމީހުންނަކީ ބާރަށް ހަޅޭއްލަވާ ސިންގާތަކެއް ކަމަށާއި، ކުރިން އިސްރާއީލުގެ އަޑު ނީވޭ މީހުންނަށް މިހާރު އެ އަޑު އިވޭނެ ކަމަށް ވެސް ބުންޏެވެ. ނަތަންޔާހޫ އޭނާގެ ވާހަކަ ނިންމާލީ އިސްރާއީލު އަބަދުވެސް ދެމި އޮންނާނެ ކަމަށް ބުނަމުންނެވެ.
މި އިންތިހާބަކީ، އޮކްޓޫބަރު 7، 2023 ގައި ޙަމާސްއިން އިސްރާއީލަށް ދިން ޙަމަލާއާއި ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ނަސްލުހޭދުކުރުމުގެ ހަނގުރާމަ ފެށުނު ފަހުން އިސްރާއީލުގައި ބާއްވާ ފުރަތަމަ ޤާނޫނުހަދާ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުމެވެ.