ޚަބަރު
އެމްޕީއެލްގެ ބޯޑު ޑިރެކްޓަރުކަމަށް އާދަމް އަދީމް އައްޔަންކޮށްފި
އާދަމް އަދީމް--
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް އާދަމް އަދީމް އައްޔަންކޮށްފިއެވެ.
އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑަށް އާދަމް އަދީމް އައްޔަންކޮށްފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް މެންބަރުން އައްޔަންކުރުމުގެ ޒިންމާ އޮންނަ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިންނެވެ. އާދަމް އަދީމް އެމްޕީއެލްގެ ބޯޑަށް އައްޔަންކުރުމާއެކު، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި މިހާރު ޖުމްލަ 8 މެންބަރުން ތިއްބަވާނެއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް މެމްބަރަކު އައްޔަނުކުރުން https://t.co/CyvrRvlR6Y
— Privatization & Corporatization Board (@pcb_gov) November 10, 2026
އެމްޕީއެލްގެ ބޯޑުގެ ޗެއަރޕާސަންގެ މަޤާމުގައި ހުންނެވީ އާމިނަތު ހަމީދުއެވެ. އަދި ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ކެޕްޓަން ޙުސައިން ޝަފީޤުއެވެ. ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަޤާމު ފުރުއްވަމުން ގެންދަވަނީ މުޙައްމަދު ލަމްޢާންއެވެ.
މީގެ އިތުރުން އެމްޕީއެލްގެ ބޯޑުގައި ނޮން-އެގްޒެކެޓިވް ޑިރެކްޓަރުންގެ ގޮތުގައި ތިއްބަވަނީ އަޙްމަދު އިލްޔާސް، މުޙައްމަދު ވަޙީދު، އަޙްމަދު އީހާބް އަދި ފާތިމަތު ޝަފަގް ރަފީޢުއެވެ.
ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި، ކޯޕަރަޓައިޒް ކުރުމުގެ އިތުރުން މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ޤާނޫނުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަންކުރުމާއި ވަކިކުރުމުގެ އެންމެހައި އިޚްތިޔާރާއި މަސްއޫލިއްޔަތު ދީފައިވަނީ ޕީސީބީއަށެވެ.