ދުނިޔެ

ޔޫކޭގެ ފެއާފޯޑް ބޭސްއަށް ހަމަލާދޭން އުޅުނު މައްސަލައިގައި 3 މީހަކަށް ދައުވާކޮށްފި

ޔޫކޭގެ ފެއާފޯޑް ބޭސްއަށް ހަމަލާދޭން އުޅުނު މައްސަލައިގައި 3 މީހަކަށް ދައުވާކޮށްފި

އިންގްލެންޑްގެ ހަނގުރާމަމަތީ ބޯޓެއް. ފޮޓޯ: ރޮއިޓާސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 ނޮވެމްބަރު 2026، 05:55

11 ނޮވެމްބަރު 2026، 05:55

އިނގިރޭސިވިލާތުގެ ފެއާފޯޑް އެއާ ބޭސް ހިމެނޭހެން، އެމެރިކާ އާއި ޔޫރަޕްގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް ގާތްގަނޑަކަށް 20 ހަމަލާއެއް ދިނުމާއި ހަމަލާދޭން ރޭވި ކަމުގެ ތުހުމަތުގައި އީރާނާ ގުޅުން އޮންނަ 3 މީހެއްގެ މައްޗަށް އެމެރިކާގެ ޕްރޮސެކިއުޓަރުން ދަޢުވާ އުފުލައިފިއެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްއިން ބުނި ގޮތުގައި މި 3 މީހުން އަމަލުކޮށްފައިވަނީ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އާއި އިރާގުގެ ކަތާއިބު ހިޒްބުﷲ އަށް ވާގިވެރިވުމުގެ ގޮތުންނެވެ. މި މައްސަލައިގައި ޓެރަރިޒަމާ ގުޅުންހުރި ދަޢުވާތައް އުފުލާފައިވަނީ މުޙައްމަދު ބާޤިރު ސަޢުދު ދާވޫދު އަލް-ސަޢުދީ، މުޙްސިން މުހާޖިރީ އަދި މުޙައްމަދު ޢަލީ އަލް-ޙަސަނީގެ މައްޗަށެވެ. އަލް-ސަޢުދީ މިހާރުވެސް ހުރީ ނިއުޔޯކުގެ ޖަލެއްގައެވެ. ނަމަވެސް އަނެއް ދެ މީހުން ތިބި ތަނެއް ޕްރޮސެކިއުޓަރުން ހާމަކޮށްފައެއް ނުވެއެވެ.

އެމެރިކާގެ އަސްކަރިއްޔާގެ ބޮންއަޅާ މަތިންދާބޯޓުތައް ބޭނުންކުރަމުން ދިޔަ އިނގިރޭސިވިލާތުގެ އާރްއޭއެފް ފެއާފޯޑް ބޭސް ކައިރިން، މިދިޔަ ސެޕްޓެމްބަރު މަހު ހުދު ކުލައިގެ ވޭންތަކެއްގައި ޝައްކުކުރެވޭ ހަރަކާތްތަކެއް ހިންގި ބަޔަކު ފެނިގެން ފުލުހުންނަށް ރިޕޯޓުކުރީ އެ ސަރަހައްދުގެ ދަނޑުވެރިއެކެވެ. އެ މައްސަލައިގައި 7 މީހަކު ހައްޔަރުކުރުމަށްފަހު ކަފާލާތުގެ ދަށުން ދޫކޮށްލި ނަމަވެސް، ފަހުން އޭގެ ތެރެއިން ދެ މީހަކު އީރާނުގެ ޖާސޫސީ އިދާރާއަށް އެހީތެރިވި ކަމުގެ ތުހުމަތުގައި އަލުން ހައްޔަރުކޮށް ވަނީ ދަޢުވާ އުފުލާފައެވެ. މި ހާދިސާއާ އެއްވެސް ގުޅުމެއް ނެތް ކަމަށް އީރާނުން ވަނީ މީގެ ކުރިން ބުނެފައެވެ.

އެމެރިކާގެ ކޯޓު ލިޔުންތަކުން އެނގޭ ގޮތުގައި، ޢުމުރުން 35 އަހަރުގެ އިރާޤު ރައްޔިތެއް ކަމަށްވާ އަލް-ޙަސަނީ ވަނީ ތެޔޮ ފީފާތަކާއި ގޮވުމުން ގެއްލުންދޭ ޒާތުގެ ދަގަނޑު އެތިކޮޅުތައް އަރުވާފައިވާ ވޭންތަކެއް އެ މަރުކަޒާ ދިމާއަށް ދުއްވުމަށް އިރުޝާދު ދީފައެވެ. އަދި އީރާނާއި އިރާޤުގެ ރައްޔިތުކަން އޮންނަ ޢުމުރުން 32 އަހަރުގެ އަލް-ސަޢުދީ، އިރާޤުގައި ތިބި އޭނާގެ މަންމައާއި ދައްތައަށް ފޯނުން ގުޅައި ކޯޑު ބަހުރުވައިން މުވާސަލާތުކޮށް، އަލް-ޙަސަނީ އަދި 48 އަހަރުގެ އީރާން ރައްޔިތެއް ކަމަށްވާ މުހާޖިރީއާ ގުޅިގެން މި ރޭވުން ވިލަރެސްކުރި ކަމަށް ޕްރޮސެކިއުޓަރުން ބުނެއެވެ.

މެންހަޓަންގެ އެމެރިކާ އެޓާނީ ޖޭމީ މެކްޑޮނަލްޑް ވިދާޅުވީ، ދަޢުވާ ލިބޭ މީހުން މަސައްކަތްކުރީ އީރާނާ ގުޅުންހުރި ޓެރަރިސްޓް ޖަމާއަތްތަކުގެ ނަމުގައި، އެމެރިކާ ސިފައިން ތިބި އިނގިރޭސިވިލާތުގެ ފެއާފޯޑް ބޭސް އަދި ޔޫރަޕާއި އެމެރިކާގެ ޔަހޫދީ މުޖުތަމައުތަކަށް އަމާޒުކޮށް ޓެރަރިޒަމްގެ ހަރަކާތްތަކެއް ހިންގުމަށް ކަމަށެވެ. އަދި އީރާނާއި އެ ޤައުމުން ވާގިވެރިވާ ޖަމާއަތްތަކުގެ ނުރައްކަލަކީ ހަގީގަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ މެއި މަހުން ފެށިގެން އެމެރިކާގެ ބަންދުގައި ހުރި އަލް-ސަޢުދީގެ މައްޗަށް މީގެ ކުރިންވެސް ވަނީ އެމެރިކާއާއި ޔަހޫދީ އަމާޒުތަކަށް ހަމަލާދިނުމަށް ރޭވި ކަމުގެ ދައުވާ އުފުލާފައެވެ. ނަމަވެސް އޭނާ ވަނީ ކުށަށް އިންކާރުކޮށް، އޭނާއަކީ "ހަނގުރާމައިގެ އަސީރެއް" ކަމަށް ބުނެފައެވެ. އަލަށް އުފުލި ދައުވާތަކާ ގުޅިގެން އީރާނުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450