ކުޅިވަރު
ހަތަރު ޓީމާއެކު އެފްއޭއެމް ވިމެންސް ލީގު އާދިއްތަ ދުވަހު ފަށަނީ
މިދިޔަ އަހަރު މާޒިޔާއިން ޝީލްޑް އުފުލާލަނީ / ފޮޓޯ: މިހާރު
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ވިމެންސް ލީގު، ހަތަރު ޓީމާއެކު އަންނަ އާދިއްތަ ދުވަހު ފެށުމަށް ތައްޔާރުވެއްޖެއެވެ.
މި އަހަރުގެ ވިމެންސް ލީގުގައި ވާދަކުރަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަދި މޯލްޑިވްސް ސޮކަރ މޭޓްސްއެވެ. މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުންނެވެ. އެގޮތުން، ރައުންށް ރޮބިން އުސޫލުން ދެ ބުރު ކުޅުމަށް ފަހު، ލީގު ތާވަލުގެ އެއްވަނަ ހޯދާ ޓީމަކަށް މުބާރާތުގެ ޗެމްޕިއަންކަން ލިބިގެންދާނެއެވެ.
ބޮޑު މެދުކެނޑުމަކަށް ފަހު، އެފްއޭއެމް ވިމެންސް ލީގު އަލުން ބާއްވަން ފެށީ މިދިޔަ އަހަރުއެވެ. މިދިޔަ އަހަރު މި މުބާރާތް ބޭއްވީ 11 އަހަރުގެ ދިގު މެދުކެނޑުމަކަށް ފަހުގައެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ވާދަކޮށް ޗެމްޕިއަންކަން ހޯދާފައިވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުންނެވެ.
މިދިޔަ އަހަރުގެ މުބާރާތުގައި ފެނިގެންދިޔަ ބައެއް ޓީމުތައް މި އަހަރުގެ ލީގުގައި ވާދައެއް ނުކުރެއެވެ. އެގޮތުން މިދިޔަ ފަހަރު ވާދަކުރި އޮޑި ސްޕޯޓްސް ކްލަބް، ޓީސީ ސްޕޯޓްސް ކްލަބް، ވިކްޓަރީ ސްޕޯޓްސް ކްލަބް އަދި ބިސް ބުރު ސްޕޯޓްސް ކްލަބުން މި އަހަރުގެ މުބާރާތުގައި ބައިވެރިވެފައެއް ނުވެއެވެ. ޓީމުތަކުގެ އަދަދު މި ފަހަރު މަދުވި ނަމަވެސް، މުބާރާތް ވާދަވެރިވެ ފޯރިގަދަ ވާނެ ކަމަށް ބެލެވެއެވެ.