ޚަބަރު
ތިލަފުށީ އެމްޕީއެލް ސައިޓުގެ ކުއޭ ވޯލް މަޝްރޫއުގެ 67 އިންސައްތަ ނިމިއްޖެ
ތިލަފުށީ އެމްޕީއެލް ސައިޓުގެ ކުއޭ ވޯލް މަޝްރޫއު ތެރެއިން/ ފޮޓޯ: އެމްޓީސީސީ
ކ. ތިލަފުށީގައި ހުންނަ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ސައިޓުގައި 100 މީޓަރުގެ ކުއޭ ވޯލްއެއް ފަރުމާކޮށް އިމާރާތްކުރުމުގެ މަސައްކަތުގެ 67 އިންސައްތަ ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން މައުލޫމާތު ދިން ގޮތުގައި އައު ކީވޯލް އާ އިންވެގެންވާ މަގު ހެދުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި މުޅި މަޝްރޫއުގެ ޖުމްލަ 67 އިންސައްތަ ވަނީ ނިމިފައެވެ.
މި މަޝްރޫއު އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 1 ޖޫން 2026 ގައެވެ. މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސީއީއޯ ކެޕްޓަން ހުސައިން ޝަފީގު ސޮއިކުރެއްވިއިރު، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑައިރެކްޓަރު އަހުމަދު ސައުދީއެވެ. ޖުމްލަ 18.8 މިލިއަން ރުފިޔާގެ މި މަޝްރޫއު ނިންމުމަށް ކަނޑައަޅާފައިވަނީ 120 ދުވަހުގެ މުއްދަތެކެވެ.
Project Update: Design and Construction of 100m Quaywall and Paving Works at K. Thilafushi MPL Site New quay wall adjacent road works have been completed. Overall project progress has reached 67%. Follow more updates at: https://t.co/gj1h168wwY #MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC
— MTCC Plc (@MTCCPlc) November 15, 2026
މަޝްރޫއުގެ މުހިންމު ބައިތައް
މި މަޝްރޫއުގެ ދަށުން 100 މީޓަރުގެ ޑޮމެސްޓިކް ކުއޭ ވޯލްއެއް ހެދުމާއި، 6,775 އަކަމީޓަރުގެ ސަރަހައްދެއްގައި ކޮންކްރީޓް ޕޭވްމަންޓް އެޅުން ހިމެނެއެވެ. މީގެ އިތުރުން ބަނދަރު ފުންކުރުމާއި، 112 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ޖެހުމުގެ އިތުރުން 30 ޓަނުގެ ބޮލާޑް ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލަށް ބާރުބޮޑުވުން ކުޑަކުރުމަށްޓަކައި، މުދާ ކްލިއަރ ކުރުމުގެ މަސައްކަތްތައް ތިލަފުއްޓަށް ބަދަލުކުރުމެވެ. މިއީ މުދާ އުފުލާ އުޅަނދުފަހަރަށް ހާއްސަ ހިދުމަތްތަކެއް ދިނުމަށް ގާއިމުކުރެވޭ ސަރަހައްދެކެވެ.
ތިލަފުށީގައި ކުރިއަށްދާ މި މަސައްކަތަކީ މާލޭ ވިޔަފާރި ބަނދަރު އެއްކޮށް ތިލަފުއްޓަށް ބަދަލުކުރުމުގެ ބޮޑު މަޝްރޫއުގެ މުހިންމު ބައެކެވެ. ސަރުކާރުގެ އަމާޒަކީ 11 ނޮވެމްބަރު 2027 ގެ ނިޔަލަށް ބަނދަރުގެ ހުރިހާ އޮޕަރޭޝަންތަކެއް ތިލަފުއްޓަށް ބަދަލުކޮށް، މާލޭގެ މަގުތަކަށް ދިމާވެފައިވާ ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ.
ލިޔުން ޝާއީ ކުރިތާ 48 ގަޑިއިރުވެފައިވާތީ ހިޔާލު ހުށައެޅުމުގެ ފުރުސަތު ބަންދުކުރެވިފައި