ޚަބަރު
އިމިގްރޭޝަން ޤާނޫނާ ޚިލާފަށް ދިވެހިރާއްޖޭގައި އުޅުމަށް އެއްވެސް ފަރާތަކަށް ފުރުސަތެއް ނުދެވޭނެ: ޝަމްޢާން

އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްޢާން ވަޙީދު. ފޮޓޯ:އިމިގްރޭޝަން
އިމިގްރޭޝަން ޤާނޫނާ ޚިލާފަށް ދިވެހިރާއްގައި އުޅުމަށް އެއްވެސް ފަރާތަކަށް ފުރުސަތެއް ނުދެވޭނެ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެއްޖެއެވެ.
އިމިގްރޭޝަންް ކޮންޓްރޯލަރ ޝަމްޢާން މިހެން ވިދާޅުވެފައިމިވަނީ ފްރާންސްއަށް ނިސްބަތްވާ 7 މީހުންގެ ޢާއިލާއެއް ރާއްޖޭގައި ވިސާއަކާއި ނުލައި ދިރިއުޅެމުންދާ ކަމުގެ ވާހަކަތަކެއް ރާއްޖޭގެ މަޝްހޫރު ނޫހެއްގެ ސުރުޙީއަށް އަރުވައިފައި ވަނިކޮށެވެ.
މިކަމާ ގުޅިގެން ޝަމްޢާން އެކްސްގައި ކުރައްވައިފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނާ ޚިލާފަށް ފްރާންސަށް ނިސްބަތްވާ 7 މީހުންގެ ޢާއިލާއެއް ރާއްޖޭގައި ދިރިއުޅެމުންދާ ކަމުގެ މަޢުލޫމާތު 'އިމިގްރޭޝަން ވޮޗް' އަށް 18 ޖުލައި 2024 ވަނަ ދުވަހު ލިބިފައިވާ ކަމަށެވެ.
އަދި މިމަޢުލޫމާތާއި ގުޅުގެން އެ މައްސަލަ އެ އިދާރާއިން ބެލުމަށްފަހު 2024 އޮކްޓޫބަރު 23 ވަނަ ދުވަހު އެ މައްސަލާގައި ހިމެނޭ އިސްފަރާތް އިމިގްރޭޝަނަށް ހާޒިރު ކުރެވިފައިވާ ކަމަށެވެ.
އަދި އެ ފަރާތްތަކުގެ ޕާސްޕޯޓުގެ މުއްދަތު ހަމަވެފައިވާތީ، މި ޢާއިލާ ރާއްޖެއިން ފުރުވާލުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމަންޓު ހޯދުމުގެ މަސައްކަތް ޚާރިޖިއްޔާ އާއި ގުޅިގެން އެ އިދާރާއިން ކުރަމުންދާ ކަމުގައި ވެސް ވަނީ ބުނެފައެވެ.
އަދި ފްރާންސްގެ އެއާލާގެ ޓްރެވަލް ޑޮކިއުމަންޓް ލިބުނުހާ އަވަހަކަށް ފުރުވާލުމަށް ވަނީ ހަމަޖެހިފައި ކަމަށްވެސް ޝަމްޢާން ވަނީ ވިދާޅުވެފައެވެ. ޝަމްޢާން އިތުރަށް ވިދާޅުވީ އިމިގްރޭޝަން ޤާނޫނީ ޚިލާފަށް ދިވެހިރާއްޖޭގައި އުޅުމަށް އެއްވެސް ފަރާތަކަށް ފުރުސަތެއް ނުދެވޭނެ ކަމަށެވެ.
ފްރާންސަށް ނިސްބަތްވާ އެ 7 މީހުންގެ ޢާއިލާ ދިރިއުޅެމުންދަނީ ތ.ވޭމަންޑުގައި ކަމަށް “މިހާރު” ނޫހުންވަނީ ބުނެފައެވެ. އަދި އެޢާއިލާ ރާއްޖޭގައި ދިރިއުޅެމުންދާތާ 12 އަހަރު ވެފައިވާ ކަމަށާއި، ތ.ވޭމަންޑޫގައި ދިރިއުޅުމުގެ ކުރިން ގދ.ތިނަދޫގައި އަދި ލ.އަތޮޅުގައި ވެސް އުޅެފައިވާކަމަށް ބުނެފައިވެއެވެ.
12 އަހަރު ކުރިން ރާއްޖެއަށް ޓުވަރިސްޓް ވިސާގައި ރާއްޖެއަށް މިޢާއިލާ އައިރު އެއީ 5 މީހުންގެ ޢާއިލާއެއް ކަމަށް “މިހާރު” ގައި ވަނީ ބުނެފައެވެ. ފްރާންސްގެ އެއާއިލާގެ ހަގަށް ތިބި ދެކުދިން އުފަންވެފައި ވަނީވެސް ވޭމަންޑޫގައެވެ. އެދެމަފިރިންނާއި އެމީހުންގެ ކުދިންނަކީ މުސްލިމުން ކަމަށްވެސް “މިހާރު”ގައި ވަނީ ބުނެފައެވެ.