ޚަބަރު
ޔޫޒަބަލް ރިޒާވް 61 މިލިއަން ޑޮލަރަށް އިތުރުވެއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ފަރުދުން
09 ސެޕްޓެމްބަރު 2024، 09:06
09 ސެޕްޓެމްބަރު 2024، 09:06
މާލީ ހާލަތު ރަނގަޅު ކުރުމާއި ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޖުމުލަ ރިޒާވްއާއި ބޭނުން ކުރެވޭ ރިޒާވް 61 މިލިޔަން ޑޮލަރަށް އިތުރު ކުރެވިފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ބޭނުންކުރެވޭ ރިޒާވުގައި ޖުލައި މަހުގެ ނިޔަލަށް ހުރީ 45 މިލިޔަން ޑޮލަރެވެ. ޔޫޒަބަލް ރިޒާވް ނުވަތަ ބޭނުންކުރެވޭ ރިޒާވުގައި ޖުލައި މަހުގެ ނިޔަލަށް 45 މިލިޔަން ޑޮލަރު ހުރިއިރު މިއަދަދު މިދިޔަ މަހު 61.22 މިލިޔަން ޑޮލަރަށް އިތުރުވެފައިވެއެވެ. މިއީ ޖުލައި މަހާއި އަޅާބަލާއިރު 36 އިންސައްތައިގެ ކުރިއެރުމެކެވެ.
އެމްއެމްއޭ އިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ރިޒާވް ވަނީ 395 މިލިއަން ޑޮލަރުން 444 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. މިއަހަރުގެ ނިޔަލަށް ޔޫސަބަލް ރިޒާވާއި ސޮވެރިން ޑިވެލޮޕްމަންޓް ހިމަނައިގެން ރާއްޖޭގެ ރަސްމީ ރިޒާވް 2024ގެ ބަޖެޓަށް އަންދާޒާ ކުރި އަދަދު ކަމަށްވާ 606 މިލިއަން ޑޮލަރަށްވުރެ އިތުރުވެގެންދާނެ ކަމަށް އެމްއެމްއޭއިން އަންދާޒާކޮށްފައިވެއެވެ.
އެމްއެމްއޭއިން ބުނެފައިވަނީ ރާއްޖޭގެ ރަސްމީ ރިޒާވްގެ ހާލަތު ރަނގަޅުކުރުމަށް މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި ސަރުކާރާއި އެމްއެމްއޭ ގުޅިގެން ރީފައިނޭންސް ގްރީން ބޮންޑެއް އިޝޫ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެ އިތުރުން، ސާކް ފްރޭމްވާކްގެ ދަށުން ރިޒާވް ބޭންކް އޮފް އިންޑިއާ އާއެކު 400 މިލިއަން ޑޮލަރުގެ ފޮރިން ކަރަންސީ ސްވޮޕް އެރޭންޖްމަންޓެއް ގާއިމުކުރުމުގެ ފަންނީ ހުރިހާ މަސައްކަތެއް ނިމި، މި އެރޭންޖްމަންޓްގައި ސޮއި ކުރުމުގެ މަސައްކަތް ކުރަމުންދާ ކަަމަށް ވެސް އެމްއެމްއޭއިން ބުނެއެވެ.
ދައުލަތުގެ މާލީ ނިޒާމަށް ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް އެމްއެމްއޭ އާއި ސަރުކާރުން ގުޅިގެން ސިޔާސަތުތައް ބަދަލުކޮށް އެދެވޭ ނަތީޖާއަކަށް ވާސިލްވެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން މީގެ ކުރިންވެސް އެމްއެމްއޭއިން ވަނީ ދީފައެވެ.