Ads by Exprox

ޚަބަރު

ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައިފި

ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

farudhun logo

ފަރުދުން

09 ސެޕްޓެމްބަރު 2024، 02:20

09 ސެޕްޓެމްބަރު 2024، 02:20

ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު،  ތަޞްދީޤުކުރައްވައިފިއެވެ.

މި ބަލަކީ 22 އޮގަސްޓު 2024 ވީ ބުރާސްފަތި ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 32 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤާނޫނުގެ މައިގަނޑު މަޤުސަދުތަކުގެ ތެރޭގައި އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން އެކަށީގެންވާ ގޮތެއްގައި ދިވެހިރާއްޖޭގެ ބިން ތަރައްޤީކޮށް ބެލެހެއްޓޭނެ ފަދައަކުން، ބިނާވެށި ޕްލޭންކުރުމަށް މަގުފަހިކުރުން ހިމެނެއެވެ. އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ތަރައްޤީކުރުމަށް މަގުފަހިވާނެ ގޮތަކަށް ބިނާވެށި ޕްލޭންކޮށް ހިންގުމާގުޅޭ އުސޫލުތައް ކަނޑައެޅުންވެސް މި ޤާނޫނުގެ މަޤުސަދުތަކުގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުންވެސް މި ޤާނޫނުގެ ބޭނުން ފުރިހަމަކުރުމަށް މުހިންމު ކަންތައްތަކެއް މި ޤާނޫނުގައި ހިމަނާފައިވެއެވެ.

ބިނާވެށި ޕްލޭންކުރުމާއި ހިންގުމާބެހޭ ޤައުމީ ސިޔާސަތު ކަނޑައަޅާނީ، ވަޒީރުންގެ މަޖިލީހުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ. މި ޤާނޫނުގެ ދަށުން ބިނާވެށި ޕްލޭންތައް އެކުލަވައިލައި، އެ ޕްލޭންތައް ފާސްވުމަށްފަހު، އެ ޕްލޭންތައް ތަންފީޒުކުރެވެމުންދާ ގޮތް ބެލުމާއި، ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން ބިން ތަރައްޤީކުރުމުގެ ހުއްދަތައް ދިނުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވަނީ ވަކި އިދާރާތަކަށެވެ. 

ބިން ތަރައްޤީކުރުމުގެ ހުއްދަތައް ދިނުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ އިދާރާތައް:

1. މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް
2. ސިޓީ ކައުންސިލް
3. ރަށު ކައުންސިލް
4. އަރބަން ސަރަޙައްދުތައް ޕްލޭންކުރުމަށް ކަނޑައަޅާ އިދާރާތައް
5. ސިނާޢީ ސަރަޙައްދުތައް ޕްލޭންކުރުމަށް ކަނޑައަޅާ އިދާރާތައް
6. އިޤްތިޞާދީ ޚާއްޞަ ސަރަޙައްދުތައް ޕްލޭންކުރުމަށް ކަނޑައަޅާ އިދާރާތައް

ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުމާއެކު، އެ ޤާނޫނު މިހާރު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ އިއްޔެއިން ފެށިގެން 6 މަސްދުވަސް ހަމަވާ ތާރީޚުގައެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco