ޚަބަރު
އެޕަލް އިވެންޓް: ނަލަ ކުލަތަކާއެކު އައިފޯން 16 އާއި އެއާޕޮޑްސް އަދި އެޕަލް ވޮޗް ނެރެފި
އެޕަލްގެ އާ ސީރީޒް
އެޕަލްއިން ރޭ ބޭއްވި "އިޓްސް ގްލޯ ޓައިމް" ގެ އިވެންޓުގައި އައިފޯން 16، އައިފޯން 16 ޕްރޯ އަދި 4 ވަނަ ޖެނަރޭޝަންގެ އެއާޕޮޑްސްގެ އިތުރުން އެޕަލް ވޮޗް އަލްޓްރާ 2ގެ ކަޅުކުލަ އާއި އެޕަލް ވޮޗްގެ 10ވަނަ ސީރީޒް ވަނީ އިއުލާން ކޮށްފައެވެ.
މިފަހަރުގެ އައިފޯނުގައި ބޭނުންކުރެވިފައިވާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފީޗާ އަކީ އެންމެ ފާހަގަ ކޮށްލެވޭ އެއްކަމެވެ. އައިފޯން 16 ގެ ހުރިހާ މޮޑެލްއެއްގައިވެސް އޭއައި އެޑްވާންސް ކޮށްފައި ވާއިރު އައިފޯން އެކްސްއިން ފެށިގެން ފަހުގެ ފޯނުތަކަށް އައިއޯއެސް 18 ވަނީ ތައާރަފުކޮށްފައެވެ. މިކަމަށް ބޭނުންވާ ސިސްޓަމް އަޕްގްރޭޑު ކުރުން އޮންނާނީ މިމަހު 16 ގައި ކަމަށް ރޭގެ އިވެންޓުގައި ވަނީ އިއުލާން ކޮށްފައެވެ.
އައިފޯން 16 ސީރީޒް
އެޕަލް 16ގެ އައު ސީރީޒް
އެޕަލް އިން ރޭ ތަޢާރަފްކުރި އައިފޯން 16 ޕްރޯ، އައިފޯން 16 ޕްރޯ މެކްސް އާއި އައިފޯން 16 އަދި އައިފޯން 16 ޕްލަސްއާ ގުޅިގެން އެ ކުންފުނިން ކުރިންވަނީ އިއުލާން ކޮށްފައެވެ. މިއީ އާދައިގެ މޮޑެލްތަކަށް ވުރެ ރީތި ސްކްރީންތަކާއި ކެމެރާތައް ހުންނަ އެޕަލްގެ ޕްރީމިއަމް ފޯނުތަކެވެ.
އެޕަލްގެ އައިފޯން 16 ޕްރޯގައި 6.3 އިންޗީގެ ޑިސްޕްލޭއެއް އަދި އެޕަލް 16 ޕްރޯ މެކްސްގައި 6.9 އިންޗީގެ ޑިސްޕްލޭއެއް ހުންނައިރު، މިއީ ކުރީގެ މޮޑެލްތަކަށްވުރެ ބޮޑު ޑިސްޕްލޭއެކެވެ.
އައިފޯން 16 ފަސް ކުލަޔަކުން ހުރެ އެވެ. އެއީ ކަޅު، ހުދު، ފިޔާތޮށި، ފެހި އަދި ނޫކުލައިންނެވެ.
މި ސީރީޒްގައި ހިމެނޭ އޭ18 ޕްރޯ ޗިޕުން އާ ކެމެރާ ފީޗާސްތަކަށްވެސް ލިބޭނެކަމަށް އެޕަލްއިން ބުނާއިރު، ޑޭޓާ 2 ގުނަ އަވަހަށް ކިޔައިލެވޭ 48 މެގަޕިކްސެލްގެ އާ "ފިއުޝަން ކެމެރާ" އާއި ވައިޑް އެންގަލް ޝޮޓްތަކުގައި އިތުރު ތަފްސީލު ލިބޭ 48 މެގަޕިކްސެލްގެ އަލްޓްރާވައިޑް ކެމެރާ ހިމެނެއެވެ. 5x ޓެލެފޮޓޯ ކެމެރާއިން ޒޫމް ފޮޓޯތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދެއެވެ. އައިފޯން 16 ޕްރޯ އަދި ޕްރޯ މެކްސްގައި ހިމެނޭ ކެމެރާއިން 4K ރިޒޮލިއުޝަންގައި 120 ފްރޭމްސްގެ ވީޑިއޯ ރެކޯޑު ކުރެވޭނެ އެވެ.
ޕްރޯ މޮޑެލްތަކުގައި ހަތަރު "ސްޓޫޑިއޯ ކޮލިޓީ" މައިކް ހުންނައިރު، އެއީ ރެކޯޑިންތަކަށް ފަރުމާކޮށްފައިވާ މައިކްތަކެއް ކަމަށް އެކުންފުނިން ބުނެއެވެ. އެޕަލް އިން "އިންޑަސްޓްރީ ފަސްޓް" ގެ ނަމުން ނަންދީފައިވާ އާ "އޯޑިއޯ މިކްސް" ފީޗާއެއްގައި މެޝިން ލާނިން ބޭނުންކޮށްގެން ޔޫޒަރއެއްގެ ވާހަކަ ދެއްކުމުން ބެކްގްރައުންޑް އެލިމެންޓްތައް ދެނެގަނެ، އެ އެލިމެންޓުތައް ވަކިކޮށްދޭނެކަމަށް އެޕަލް ކުންފުނިން ބުނެއެވެ.
އައިފޯން 16 ސީރީޒްގެ ފޯނުތަކަށް މުޅިން އާ ފީޗާއެއް ކަމަށްވާ ވިޝުއަލް އިންޓެލިޖެންސް މިއަހަރުގެ ފަހުކޮޅު އަންނާނެކަމަށް އެ ކުންފުނިން ބުނެއެވެ. މި ފީޗާ ބޭނުން ކޮށްގެން ރެސްޓޯރެންޓެއް ނުވަތަ މިޔުޒިއަމްއެއް ކެމެރާއަށް ކެޕްޗާ ކުރުމުން އެތަނުގެ ތަފްސީލުތައް ފަސޭހައިން ހޯދައިލެވޭނެ އެވެ. އެހެންނަމަވެސް މިފީޗާ އަދި ލިބޭނީ މަދު ގައުމަކަށެވެ. އެޕަލްއިން ބުނީ އިތުރު ގައުމުތަކަށް މި ފީޗާ ތަޢާރަފުކުރަން މަސައްކަތް ކުރާކަމަށެވެ.
އައިފޯން 16 އަދި އައިފޯން 16 ޕްލަސްގެ އަގު ފެށެނީ 799 ޑޮލަރާއި 899 ޑޮލަރުންނެވެ. އައިފޯން 16 ޕްރޯގެ އަގު 999 ޑޮލަރުން ފެށޭއިރު، ޕްރޯ މެކްސްގެ އަގު 1،199 ޑޮލަރުން ފެށޭ ކަމަށް އެޕަލް އިން ބުނެއެވެ. މި ދެ މޮޑެލް ވެސް ހުކުރު ދުވަހު ޕްރީއޯޑަރު ކުރެވޭއިރު، މާކެޓުގައި ގަންނަން ލިބެން ހުންނާނީ ސެޕްޓެންބަރު 20 ގައެވެ.
އެއާޕޮޑްސް 4
އެޕަލްގެ އައު އެއަރޕޮޑްސް ސީރީޒް
ރޭގެ އިވެންޓުގައި ތަޢާރަފް ކުރި އެއާޕޮޑްސްގެ ހަތަރުވަނަ ޖެނެރޭޝަން ވަނީ އަޑުއިވުމުގެ ހިއްސުގައި މައްސަލަޖެހޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފީޗާތަކެއް ހިމަނައިފައެވެ. މިއީ މިފަހަރުގެ އެއާޕޮޑްސް ހާއްސަވާ އެއް ސަބަބެވެ. މީގެ އިތުރުން ވަށައިގެންވާ އަޑުތައް ކެންސަލް ކޮށްދޭ ފިޗާއެއްވެސް ވަނީ ހިމަނާފައެވެ. އަޑު މަޑު ތަނަކުން އަޑު ގަދަ ތަނަކަށް ދާނަމަ މެނުއަލްކޮށް އަޑުތައް ކެންސަލް ކުރާކަށް ނުޖެހޭނެއެވެ. އެއާޕޮޑްސް އަމިއްލައަށް އެކަން ކޮށްދޭނެއެވެ. މީގެ އިތުރުން އަމިއްލައަށް ވާހަކަ ދައްކާނަމަ އޮޓޯއިން އެއާޕޮޑްސްގެ އަޑު މަޑުކޮށްދޭނެއެވެ. ކޮންމެ ގޮތަކުން ބެލިނަމަވެސް މިއީ ދުނިޔޭގައި މިހާތަނަށް ތަޢާރަފް ކުރެވުނު އެންމެ އެޑްވާންސް އެއް ޑިވައިސެވެ. އެއާޕޮޑްސްއާއެކު ސިރީ ބޭނުންކުރާނަމަ ސިރީއަށް ޖަވާބު ދިނުމުގެ ގޮތުން އާނ ނުވަތަ ނޫނޭކޭ ބުނުމުން އެއާޕޮޑްސްއިން އެކަން ދެނެގަންނާނެއެވެ. އެއާޕޮޑްސް 4 ގައި ހިމެނޭ މި ހުރިހާ ފީޗާއެއް އެއަށްވުރެން އެޑްވާންސްކޮށް އެއާޕޮޑްސް ޕްރޯ 2 ގައި ހިމަނާފައިވެއެވެ.
އެއާޕޮޑްސް 4 ޗާޖު ކުރުމަށް ސީ ޕޯޓް ޗާޖަރެއްގެ އިތުރުން ވަޔަލެސްކޮށްވެސް ޗާޖު ކޮށްލެވޭނެއެވެ. އެއާޕޮޑްސް 4 129 ޑޮލަރަށް ވިއްކާއިރު، އެކްޓިވް ނޮއިސް ކެންސެލިން އާއި އެކު އެއާޕޮޑްސް 4 ގެ އަގަކީ 179 ޑޮލަރެވެ.
އެޕަލް ވޮޗް 10
އެޕަލް ސީރީޒް 10ގެ ވޮޗް
ރޭގެ އިވެންޓެގައި އެޕަލް ވޮޗް 10 ވަނަ ޖެނެރޭޝަންގެ ދެ ގަޑިއެއް ތަޢާރަފް ކުރިއެވެ. އެއީ އެޕަލް ވޮޗް 10 އާއި އެޕަލް ވޮޗް އަލްޓްރާ 2 އެވެ.
މިއީ މިހާތަނަށް އެޕަލް އިން އުފެއްދި އެންމެ ތުނި ޑިޒައިން - ސީރީޒް 9 އަށް ވުރެ %10 ތުނި — އަދި މިހާތަނަށް އުފެއްދި އެންމެ ބޮޑު ޑިސްޕްލޭ ފެންނަ ގަޑިއެވެ. އަދި އެޕަލް ވޮޗް އަލްޓްރާ ގައި %30 ސްކްރީން އޭރިއާ ބޮޑެވެ.
އެޕަލް އިން ބުނީ އެޕަލް ވޮޗް ސީރީޒް 10 އިން ސްލީޕް އެޕްނިއާ އަށް އެލާޓް ކުރެވޭނެ ކަމަށާއި އެއީ ނިދާފައި ތިއްބާ ނޭވާލުން ހުއްޓިދާނެ ބައްޔެއް ކަމުން މިއީ އަމިއްލައަށް ދެނެގަތުން ވަރަށް މުހިންމެ ބައްޔެއްކަމެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެއް ބިލިއަނަށް ވުރެ ގިނަ މީހުންނަށް ސްލީޕް އެޕްނިއާ ޖެހޭކަމަށް އެޕަލް އިން ބުނެއެވެ.
އެޕަލްއިން ރޭގެ އިވެންޓުގައި އެޕަލް ވޮޗްގެ މުޅިން އާ ޓައިޓޭނިއަމް ފިނިޝް ވެސް ވަނީ ދައްކާލާފައެވެ. މީގެ ބަރުދަނަކީ ކުރީގެ މޮޑެލްތަކަށް ވުރެ %20 އާއި ހަމައަށް ދަށް އަދި "ކާބަން ނިއުޓްރަލް" އެއްޗެއް ކަމަށް އެޕަލްގެ ޗީޕް އޮޕަރޭޓިންގް އޮފިސަރ ޖެފް ވިލިއަމްސް ވަނީ ބުނެފައެވެ. އަދި މި ޑިވައިސްގައި 50 މީޓަރާއި ހަމައަށް ވޯޓާ ރެސިސްޓަންސް ކުރެވޭނެ ގޮތް ވެސް ވަނީ ހިމަނާފައެވެ.
30 މިނެޓުގެ ތެރޭގައި %80 ބެޓެރީއަށް ގަޑި ޗާޖު ކުރެވޭއިރު، ސީރީޒް 10 އަކީ މިހާތަނަށް އެންމެ އަވަހަށް ޗާޖުކުރާ އެޕަލް ގަޑި ކަމަށް ވިލިއަމްސް ބުންޏެވެ. އަދި 18 ގަޑިއިރުގެ ބެޓެރީ ހުންނަ ގަޑި ވެސް ލިބޭނެއެވެ. މީގެ އިތުރުން ފޯނު ކޯލްތައް ރަނގަޅު ކުރުމަށްޓަކައި އެޕަލް އިން ވަނީ ވާހަކަތައް ސާފުކޮށް އަޑު އިވޭ ގޮތަށް ބެކްގްރައުންޑް ނޮއިސް ކަނޑުވާލަދޭ ނިއުރަލް ނެޓްވޯކެއް ސީރީޒް 10 ގައި ހިމަނާފައެވެ.
ފިޓްނަސްއާ ބެހޭ ގޮތުން ވާހަކަ ދައްކާއިރު، އެޕަލް ވޮޗް އިން ވަނީ ވޯކްއައުޓްތައް ޓްރެކް ކުރުމަށް އާ ގޮތްތަކެއް ތައާރަފްކޮށްފައެވެ.
މީގެ ތެރެއިން ފާހަގަ ކޮށްލެވެނީ ޓައިޑްސް އެޕް އަދި ވޯޓާ ޓެމްޕަރޭޗަރ ސެންސަރުތައް ދެނެގަތުމަށް ހިމަނާފައިވާ އެޕްތަކެވެ.
މިފަހަރު ނެރުނު ވޮޗް އެސްއީ 249 ޑޮލަރަށް ވިއްކާއިރު ސީރީޒް 9 ވިއްކާނީ 399 ޑޮލަރަށެވެ. އަދި އަލްޓްރާ 2 ވިއްކާނީ 799 ޑޮލަރަށެވެ. މި ގަޑިތައް މި މަހުގެ 22 އިން ފެށިގެން ގަންނަން ލިބޭނެއެވެ.