ޚަބަރު
ސިހުރު ހެދިކަމަށް ލިބުނު ރިޕޯޓާ ގުޅިގެން މީދޫއާއި އަލިފުށިން 12ގެ ބަލާފާސްކޮށްފި

ރ. މީދޫގެ މަތިން 2021 ގައި ނަގާފައިވާ ފޮޓޯއެއް، ފޮޓޯ: ވިޒިޓް މީދޫ (ފޭސްބުކް)

ފަރުދުން
13 ޖެނުއަރީ 2025، 03:19
13 ޖެނުއަރީ 2025، 03:19
ހުލާސާ
މީދޫއިން 7 ގެ ފާސްކޮށްފައިވާއިރު އަލިފުށިން ފާސްކުރީ 5 ގެ.
ރ އަލިފުއްޓާއި އެ އަތޮޅު މީދޫގައި ސިހުރު ހަދާކަމަށް ރިޕޯޓުކޮށްފައިވާ މައްސަލައަކާ ގުޅިގެން އެ ދެ ރަށުގައި ފުލުހުންގެ ޙާއްސަ އޮޕަރޭޝަނެއް ފަށައިގެން ކުރިޔަށްދާކަމަށް އެ އިދާރާއިން އާދީއްތަ ދުވަހު ހާމަކޮށްފައިވާއިރު، އެ އޮޕަރޭޝަނުގައި ދެ ރަށުން ޖުމްލަ 12 ގެއެއް ބަލާފާސްކޮށްފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މީދޫއިން ފާސްކޮށްފައިވަނީ 7 ގެއެވެ. އަދި އަލިފުށިން ފާސްކުރީ 5 ގެއެކެވެ. ނަމަވެސް މި ގެ ތަކުގެ މަޢުލޫމާތެއް ފުލުހުން ހިއްސާއެއް ނުކުރެއެވެ.
މީގެ އިތުރުން، މި ގެ ތަކުން ފެނުނު އެއްޗެއްގެ އެއްވެސް މަޢުލޫމާތެއް ފުލުހުން އަދި ހިއްސާކޮށްފައި ނުވާއިރު، މި އޮޕަރޭޝަންގައި މީހަކު ހައްޔަރު ކުރިކަމަކަށް ވެސް ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލައާ ގުޅޭ ބައެއް ވާހަކަތައް އެ ރަށްތަކުގެ މީހުން ވެސް އަންނަނީ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.
މިފަދަ މައްސަލައެއްގައި މިދިޔަ އަހަރު ށ. ކނަޑިތީމުގައި ހިންގި އޮޕަރޭޝަނެއްގައި، އެ ރަށުގެ ގެތަކެއް ބަލާފާސްކޮށް ސިހުރު ހެދުމަށް ބޭނުންކުރާ ސާމާނުތަކެއް ހޯދާފައިވެއެވެ.