Ads by Exprox

ޚަބަރު

ކުރީގެ ރައީސް ޔާމީނަށް ކުރާ ދައުވާތަކުގެ ޝަރީއަތް މަޑުޖައްސާލައިފި

ކުރީގެ ރައީސް ޔާމީނަށް ކުރާ ދައުވާތަކުގެ ޝަރީއަތް މަޑުޖައްސާލައިފި

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް- ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

16 ސެޕްޓެމްބަރު 2024، 02:02

16 ސެޕްޓެމްބަރު 2024، 02:02

ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދަޢުވާއާއި ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓުގައި އޮތުމުން އެ މައްސަލައިގެ ޝަރީޢަތް ކްރިމިނަލް ކޯޓުން މަޑުޖައްސާލަން ނިންމައިފި އެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގެ ތެރެއިން ރިޝްވަތު ނަގައި އެ ފައިސާ ލޯންޑަކުރި ކަމަށް ބުނާ މި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވިއެވެ. ނަމަވެސް ރައީސް ޔާމީނުގެ ފަރާތްޕުޅުން އެ މައްސަލަ އިސްތިއުނާފް ކުރެއްވުމުން ހައި ކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލް ކޮށްފައެވެ. ހައި ކޯޓުން ވަނީ އެ މައްސަލަ ކްރިމިނަލް ކޯޓުގައި އަލުން ބަލަން އަމުރުކޮށްފަ އެވެ. ނަމަވެސް ހައި ކޯޓުގެ ހުކުމުގައި އާ ހެކިތަކެއް ބަލައިނުގަނެވޭނެ ކަމަށް ނިންމާފައިވާތީ އެ ބައި ދައުލަތުން އޮތީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށްދިޔަ އަޑުއެހުމުގައި  ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމުގެ ބައި ކުރިއަށްގޮސްފައިވެއެވެ. ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިމެންދެން އެ ބައި ކުރިއަށް ނުގެންގޮސް މަޑުޖައްސާލުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ އެދިވަޑައިގެންފައެވެ.

ދައުލަތުން ބުނެފައިވަނީ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ މައްސަލަ މަޑުޖައްސާލަން ސުޕްރީމް ކޯޓުން އަންގާފައިނުވާ ކަމަށާއި، އެހެންނަމަވެސް ޔާމީންގެ ވަކީލުން ފާހަގަކުރެއްވި ގޮތަށް، އެ ދެ މައްސަލައިގައި ގުޅުމެއް އެބައޮތް ކަމަށެވެ. ނަމަވެސް ޝަރީޢަތް މަޑުޖައްސާލުމާ މެދު ސީދާ ވަކި ގޮތެއް ދައުލަތުން ހާމަކޮށްފައެއް ނުވެއެވެ.

މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ ސުޕްރީމް ކޯޓުގައި އޮތް މައްސަލަ އާއި ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލައިގައި ފުށުއެރުމެއް އޮތް ކަމަށް ގަބޫލު ކުރެވޭ ކަމަށާއި ސުޕްރީމް ކޯޓުން މައްސަލަ ނިމެންދެން އެ މައްސަލަ މަޑުޖައްސާލަން ނިންމެވީ ކަމަށެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco