ޚަބަރު
މާރަންދޫގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި
މާރަންދޫގައި ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރުން/ފޮޓޯ: ޕީއެސްއެމް
ހުލާސާ
މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެއްޓެވުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރައްވަމުން
ހއ. މާރަންދޫގައި ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި ކަމާއި ގުޅޭގޮތުން އެއްބަސްވުމުގައި ސޮއިކޮށްފައި މި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހއ. މާރަންދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވެވި ޚާއްޞަ ރަސްމިއްޔާތުގައެވެ.
މި އެއްބަސްވުމުގައި މާރަންދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ޖައިލަމް ޙާރޫންއެވެ. އަދި ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ބީއެމްއެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފްއެވެ.
މުޅި ރާއްޖެއަށް ބޭންކިންގެ ޚިދުމަތް ފުޅާކުރެއްވުމަށް ސަރުކާރުން ވަނީ ޚާއްޞަ މަސައްކަތްތަކެއް ފައްޓަވާފައެވެ. އެގޮތުން، މާރަންދޫގައި ބޭންކިންގގެ ޚިދުމަތް ދެނީ ބީއެމްއެލްގެ އެޖެންޓެއް މެދުވެރިކޮށެވެ. މީގެ އިތުރުން، މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެއްޓެވުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. މި ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އިފްތިތާޙުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ދަނީ ރާއްޖޭގެ 90 ރަށެއްގައި 150 އޭޓީއެމް ބަހައްޓައިގެން ޚިދުމަތް ދެމުންނެވެ. އަދި މި އަހަރުގެ މާރިޗު މަހުގެ ނިޔަލަށް 17 ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ދަނީ މަސައްކަތްކުރަމުންނެވެ.