ޚަބަރު
އިސްލާމްދީނާއި ޚިލާފް ނުވާ ގޮތަށް ހެދުން އަޅާނަމަ، އެމީހަކު އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާދިނުމުގައި އަދި ވަޒީފާ އަދާކުރުމުގައި އެއްވެސް ތަފާތެއް ކޮށްގެންނުވާނެ- ރައީސް
ރައީސް ޑރ.މުޙައްމަދު މުޢިއްޒު/ ފޮޓޯ: ރައިސް އޮފީސް
އިސްލާމްދީނާއި ޚިލާފް ނުވާ ގޮތަށް ހެދުން އަޅާނަމަ، އެމީހަކު އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާދިނުމުގައި އަދި ވަޒީފާ އަދާކުރުމުގައި އެއްވެސް ތަފާތެއް ކޮށްގެންނުވާނެ ކަމަށް ރައިސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވެފައި މިވަނީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި ވަނީ އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާދިނުމުގައި ތަފާތުކުރުން ގެނުވާގޮތަށް ކުރީގައި ހަދާ އަދިވެސް ޢަމަަލުކުރަމުންދާ ހުރިހާ ގަވާއިދުތަކާއި އުސޫލުތައް ބަދަލު ކުރުމަކީ ކުރަންޖެހޭ ކަމެއްކަމަށެވެ. އަދި މިހާރު އެކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށްވެސް ރައީސްގެ ޕޯސްޓްގައި ވެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައި މިވަނީ އިއްޔެ ދ.ހުޅުދެލީ މެޖިސްޓްރޭޓް ކޯޓުގެ ވަޒީފާއަކަށް ކުރިމަތިލީ އަންހެނަކު މޫނު ބުރުގާ އަޅާތީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ޑިސްކޮލިފައި ކުރި މައްސަލަ އަކާއި ގުޅިގެންނެވެ.
މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް އިތުރަށް ވިދާޅުވީ މި މުޖުތަމަޢު އަކީ ހުރިހާ މާނައެއްގައި ޢަދުލުވެރިކަމާއި އިންސާފުވެރިކަން އިސްކުރާ މުޖުތަމަޢަކަށް ހަދަން އެންމެން ޢަޒުމް ކަނޑައަޅަން ވާނެ ކަމަށެވެ.
އިއްޔެ ހުޅުދެލިން ޑިސްކޮލިފައިވީ ސަބަބެއް ކަމަށް ޑީޖޭއޭއިން ބުނެފައި ވަނީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 129 ވަނަ މާއްދާގައި މުވައްޒަފުން މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަންވާނީ ކާކުކަން ރަނގަޅަށް އެނގޭ ފަދަ ގޮތެއްގައި ކަމަށް ބަޔާންކޮށްފައި ވާތީ، ކެނޑިޑޭޓަކީ މޫނު ބުރުގާ އަޅާ ފަރާތެއްކަން ކަށަވަރުކުރުމަށް ފަހު މޫނު ބުރުގާ އަޅާ ނަމަ ރެކުރޫޓްމަންޓް ޕްރޮސެސް ކުރިއަށް ގެންދަން ނުފެންނާތީީ ކަމަށެެވެ.
ރާއްޖޭގައި މިވަގުތު ބައެއް ސްކޫލްތަކާއި ސިވިލް ސަރވިސް ވަޒީފާތަކުގައި މޫނުބުރުގާ އަޅާ ފަރާތްތަކުން ދަނީ ވަޒީފާ އަދާކުރަމުންނެވެ. ކުރިއަށް އޮތްތަނުގައި މިހާރު ޢަަމަލުކުރަމުންދާ ގަވައިދުތަކާއި އުސޫލުތަކަށް ބަދަލު ގެނައުމާއެކު މޫނު ބުރުގާއަޅާ ގިނަ ފަރާތްތަކަށް ވަޒީފާގެެ ފުރުސަތު އިތުރަށް ތަނަވަސް ވެގެން ދާނެއެވެ.