Ads by Exprox

ޚަބަރު

ހުޅުމާލެއިން ގިނަ އަދަދެއްގެ ޕާކިން ޖާގަ ކުއްޔަށް ދޫކުރަން ހުޅުވާލައިފި

ހުޅުމާލެއިން ގިނަ އަދަދެއްގެ ޕާކިން ޖާގަ ކުއްޔަށް ދޫކުރަން ހުޅުވާލައިފި

ހުޅުމާލެ- ފޮޓޯ: އެޗް.ޑީސީ

farudhun logo

ފަރުދުން

17 ސެޕްޓެމްބަރު 2024، 09:30

17 ސެޕްޓެމްބަރު 2024، 09:30

ހުޅުމާލޭގައި ގާއިމްކޮށްފައިވާ ޕޮކެޓް ޕާކިން ޖާގަތައް ކުއްޔަށް ދޫކުރަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ހުޅުވާލައިފި އެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގައި ގާއިމްކޮށްފައިވާ އަށް ޒޯނަކުން 1،374 ޕާކިން ޖާގައަށް ކުރިމަތިލެވޭނެ ކަމަށެވެ. އަދި ޕާކިން ޖާގައަށް ހުށަހެޅޭނީ މާލޭ ސަރަހައްދަށް ރަޖިސްޓްރީކޮށްފައިވާ ކެޓަގަރީ B1 ނުވަތަ C1 ގެ ވެހިކަލެއް އޮންނަ މީހުންނަށެވެ. ޕާކިން ހޯދަން ހުށަހަޅާ މީހަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ މީހަކަށް ވާން ޖެހޭނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ. މި ޒޯންތައް ކުއްޔަށް ހިފުމަށް އުމުރުން 18 ފުރިފައިވާ ކޮންމެ ދިވެއްސަކަށް ކުރިމަތިލެވޭނެ އެވެ. ކާރާއި ޕިކަޕް ފަދަ ވެހިކަލްތަކަށް އެއް އަހަރަށް ދޫކުރާ މި ޕާކިން ޖާގަތަކުގެ މަހު ކުއްޔަކީ 2،000ރ. އެވެ.

ޕާކިން ސްލޮޓުތައް ދޫކުރުމުގައި އިސްކަންދޭނެ ވަކި ތަރުތީބެއް އެ ކުންފުނިން ވަނީ އެކުލަވާލާފައެވެ. ފުރަތަމަ އިސްކަންދޭން ނިންމާފައި ޕާކިން ޖާގަ ހޯދަން ހުށަހަޅާފައިވާ ޒޯންގައި ދިރިއުޅޭ ހުޅުމާލޭގެ ރައްޔިތުންނެވެ. އެއަށްފަހު، ޕާކިން ޖާގަ ހޯދަން ހުށަހަޅާފައިވާ ޒޯން ނޫން އެހެން ޒޯނެއްގައި ދިރިއުޅޭ ހުޅުމާލޭގެ ރައްޔިތުންނަށެވެ. ހުޅުމާލެ ފިޔަވައި މާލެ ސަރަހައްދަށް ރަޖިސްޓްރީކޮށްފައިވާ އެހެން ވެހިކަލްތަކަށް ޕާކިން ޖާގަ ދޫކުރަން ނިންމާފައި ވަނީ އެ ވެހިކަލްތަކަށް ފަހު ކަމަށް ވެސް އެޗްޑީސީން ބުންޏެވެ. 

ޕާކިން ޖާގަތައް ދޫކުރާނީ އެ ޖާގަތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން، ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެންނެވެ. ޕާކިން ޖާގައަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 01 އޮކްޓޯބަރު 2024އެވެ. ހުޅުމާލެއިން ދޫކުރާ މި ޕޮކެޓް ޕާކިން ޖާގަތަކުގެ ސަބަބުން ވެހިކަލް ޕާކުކުރުމުގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco