Ads by Exprox

ޚަބަރު

ޗައިނާގެ ވެރިކަންކުރާ ޕާޓީގެ ދަޢުވަތަކަށް ޕީއެންސީގެ ވަފުދެއް ޗައިނާއަށް

ޗައިނާގެ ވެރިކަންކުރާ ޕާޓީގެ ދަޢުވަތަކަށް ޕީއެންސީގެ ވަފުދެއް ޗައިނާއަށް

ސީޕީސީގެ ދަޢުވަތަކަށް ކޮންގްރެސްގެ ޓީމެއް ފުރަނީ- ފޮޓޯ: ޕީއެންސީ

farudhun logo

ފަރުދުން

18 ސެޕްޓެމްބަރު 2024، 01:05

18 ސެޕްޓެމްބަރު 2024، 01:05

ޗައިނާގެ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ (ސީޕީސީ)ގެ ދަޢުވަތަކަށް ރާއްޖޭގެ ވެރިކަންކުރާ ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގުރެސް (ޕީއެންސީ)ގެ މަތީ ފަންތީގެ ވަފުދެއް ޗައިނާއަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ.

ޕީއެންސީން ވިދާޅުވީ މިއީ ސީޕީސީގެ އިންޓަނޭޝަނަލް ޑިޕާޓުމެންޓުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. މި ދަތުރުފުޅުގައި ޗައިނާއަށް ވަޑައިގަންނަވާ ކޮންގްރެސް ޕާޓީގެ މަތީ ފަންތީގެ ވަފުދުގައި އެންމެ އިސްކޮށް ހުންނަވާނީ ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީނެވެ.

މި ދަތުރުގެ މަޤުޞަދަކީ ފަހުގެ ތާރީޚެއްގައި ދުނިޔެ ދުށް އެންމެ ހަލުވި އިޤުތިޞާދީ ކުރިއެރުން ޗައިނާއިން ހާސިލުކުރި ގޮތުގެ ތަޖުރިބާއިން ދަސްކުރެވެން ހުރި ކަންކަން ދަސްކޮށް ދެ ޕާޓީގެ މެދުގައި އޮތް ގުޅުން ބަދަހިކޮށް ތަޖުރިބާތައް ހިއްސާކުރުން ކަމުގައި ޕީއެންސީން މަޢުލޫމާތުދެެއެވެ. އޭގެ އިތުރަށް މި ދަތުރުފުޅުގައި ކޮންގްރެސްގެ ވަފުދުން ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާގެ އިންޓަނޭޝަނަލް ޑިޕާޓުމެންޓުގެ މިނިސްޓަރ ލިއު ޖިންޗާއޯއާ ބައްދަލުކުރައްވާނެއެވެ. ހަމައެއާއެކު ޗައިނާގެ އެކި ސިޓީތަކަށް ކުރައްވާ ޒިޔާރަތުގައި އެ ސިޓީތަކުގެ ސީޕީސީގެ އިސްވެރިންނާ ބައްދަލުކުރައްވައި ދެ ޕާޓީގެ މެދުގައި ތަޖުރިބާ ހިއްސާކުރެއްވުން ކުރިއަށްދާނެއެވެ. 

އެ ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުން ޗައިނާގެ 5 ސިޓީއަކަށް ޒިޔާރަތްކުރައްވާނެއެވެ. އެ ޒިޔާރަތުގެ ތެރޭގައި އެ ސިޓީތަކުގައި ހިންގާ އެކި ސިނާއަތްތައް ކުރިއެރިގޮތުގެ ތަޖުރިބާތައް ބެއްލެވުމަށް އެކި ތަންތަނަށް ޒިޔާރަތްކުރައްވަން ހަމަޖެހިފައިވާކަމަށް ޕީއެންސީން ވިދާޅުވިއެވެ. 

ޕީއެންސީގެ 17 ބޭފުޅަކު ކުރައްވާ މި ދަތުރަކީ ސެޕްޓެންބަރު 18 ވަނަ ދުވަހުން ފެށިގެން 26 ސެޕްޓެންބަރުގެ ނިޔަލަށް ކުރައްވާ ދަތުރެކެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco