Ads by Exprox

ޚަބަރު

ރާއްޖޭގައި ބައިނަލްއަޤްވާމީ ބަންކަރިން ޚިދުމަތް ފަށައިފި

ރާއްޖޭގައި ބައިނަލްއަޤްވާމީ ބަންކަރިން ޚިދުމަތް  ފަށައިފި

ބައިނަލްއަޤުވާމީ ބަންކަރިންގ ޚިދުމަތް ރާއްޖޭގައި ފެށުން- ފޮޓޯ: ސޯޝަލްމީޑިއާ

farudhun logo

ފަރުދުން

19 ސެޕްޓެމްބަރު 2024، 07:25

19 ސެޕްޓެމްބަރު 2024، 07:25

އިޤްތިޞާދީ އިންޤިލާބީ ބަދަލެއް ގެނެސްދޭނެ ބައިނަލްއަޤްވާމީ ފެންވަރުގެ ބަންކަރިންގ ޚިދުމަތް ރާއްޖޭގައި މިއަދު ފަށައިފިއެވެ. 

ބަންކަރިންގ ޚިދުމަތްދޭ މައި ކުންފުނި އެސްޓީއޯއިން ޚިދުމަތް ފެށުމުގެ ދެތިން ދުވަސްކުރިން ބަންކަރިން ޚިދުމަތަށް ބުކިން ލިބެމުންދާކަމަށް ވިދާޅުވެފައިވެއެވެ. ބަންކަރިންގެ ޚިދުމަތް ދިނުމަށް އެސްޓީއޯއިން ވަނީ 2 ބޯޓު ރާއްޖެ ގެނެސްފައެވެ. މިއީ ގާތްގަނޑަކަށް 4000 ޓަނުގެ ތެޔޮ އުފުލޭ 2 ބޯޓެވެ. ބަންކަރިން ޚިދުމަތުގެ ދަށުން ބޯޓްތަކަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނީ  އެސްޓީއޯއިންނެވެ. ބަންކަރިންގ ޚިދުމަތް ރާއްޖޭގައި ފަށާފައިވާއިރު މި މަސައްކަތް ފަށާފައި މިވަނީ ދުނިޔޭގެ ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ކުންފުނި ވިޓޯލްއާ ގުޅިގެންނެވެ. ވިޓޯލްއަކީ މިހާރު ވެސް ސިންގަޕޫރާއި ޔޫއޭއީ އަދި މޮރިޝަސްގައި ވެސް ބަންކަރިންގެ ޚިދުމަތް ދިނުމުގައި ތަޖުރިބާ ހުރި ކުންފުންޏެކެވެ.

ބަންކަރިންގެ ޚިދުމަތް ފެށުމުގެ ގޮތުން ވަނީ އެންމެ ފުރަތަމަ މި ޚިދުމަތް ފޯރުކޮށްދިން ބޯޓުތަކަށް ވޯޓާ ސެލިއުޓް ދީފައެވެ. ބަންކަރިން އެންމެ ފުރަތަމަ ފެށީ، މިކަމަށް ބޭނުންކުރާ މެރިން ބެއްލާއިން، އެމްއެސްއެސްގެ ބޯޓު، ވައިސީ ބެރިއަރއަށް ތެޔޮ ފޯރުކޮށްދީގެންނެވެ. އެސްޓީއޯ އިން މި ވަގުތަށް ފޯރުކޮށްދޭނީ ޑީސަލާއި ލޯ ސަލްފާ ފިއުލް އެވެ. އޭގެ ތެރެއިން ޑީސަލް ފޯރުކޮށްދޭނީ ޔޮޓްތަކައި ލަގްޒަރީ ބޯޓުތަކަށެވެ. ކާގޯ ބޯޓުތަކާއި އެ ނޫން ކޮންޓެއިނަރު ބޯޓުތަކަށް ލޯ ސަލްފާ ފިއުލް ފޯރުކޮށްދޭނެއެވެ.

ބަންކަރިންއާ ގުޅިފައިވާ އެހެން ޚިދުމަތްތައް ދިނުމަށްޓަކައި މޯލްޑިވްސް ޕޯޓްސް ލިމިޑެޓް، އެމްޕީއެލްއިން ވަނީ އުތުރު މެރިޓައިމް ސަރވިސަސް ޤާއިމްކޮށްފައެވެ. އެގޮތުން އެ ބޯޓުފަހަރަށް ބޭނުންވާ މެރިޓައިމް ޚިދުމަތްތައް ފޯރުކޮށްދޭނެއެވެ. 

އިހަވަންދިއްޕޮޅު ނުވަތަ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި ފެށި ބަންކަރިންގ ޚިދުމަތަކީ ތާރީހުގައި ވެސް ރާއްޖޭގައި ބަންކަރިންގ ޚިދުމަތްދޭން ފެށި ފުރަތަމަ ފަހަރެވެ. މި ޚިދުމަތް އުތުރުގައި ފެށުމަށް ހއ. ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ބައިވެރިވެވަޑައިގެންނެވިއެވެ. ބަންކަރިން ޚިދުމަތް ފައްޓަވައި ދެއްވީ، ރައްޔިތުންގެ މަޖިލިހުގެ ހއ. އަތޮޅުގެ ދާއިރާތައް ތަމްސީލް ކުރައްވާ މެމްބަރުންނެވެ. އެގޮތުން ހޯރަފުށި ދާއިރާގެ މެމްބަރު ޢަލީ މޫސާ، ދިއްދޫ ދާއިރާ މެމްބަރު ޢަބްދުއްލަތީފު މުޙައްމަދު، ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު، ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ ޝަރީފް އަދި އިހަވަންދޫ ދާއިރާގެ މެމްބަރު އަޙުމަދު ނަސީރު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco