ޚަބަރު
ވިލާ ފައުންޑޭޝަންގެ ފަރާތުން ޕޮލިސް ސްޓޭޝަނެއް އެޅުމުގެ ޙުއްދައަކަށް އެދިއްޖެ

ޤާސިމް އިބްރާޙިމް---
ވިލާ ފައުންޑޭޝަންގެ ފަރާތުން އދ. މާމިގިލީގައި ޕޮލިސް ސްޓޭޝަނެއް އެޅުމުގެ ޙުއްދައަށް އެދި، ވިލާ ގްރޫޕްގެ ފައުންޑަރ، ޤާސިމް އިބްރާޙިމް، ކޮމިޝަނަރ އޮފް ޕޮލިސް، ޢަލީ ޝުޖާޢުއަށް ސިޓީފުޅެއް ފޮނުއްވައިފިއެވެ.
މި ސިޓީފުޅުގައި ޤާސިމް ވިދާޅުވީ، ފާއިތުވި ފަސް އަހަރު ވެސް މާމިގިލީގައި ޕޮލިސް ސްޓޭޝަނެއް އެޅުމަށް ދައުލަތުގެ ބަޖެޓުގައި ހިމެނިކަމަށާއި، ނަމަވެސް އެކަން ހާސިލް ނުކުރެވި، އެކަމުގައި "އެޅެމުންދާ ދަތި ހާލު" އެ މަނިކުފާނަށް ވަޒަން ކުރެވޭ ކަމަށެވެ.
އެހެންނަމަވެސް، ފުލުހުންގެ ޚިދުމަތް އެ ރަށަށް އިންތިހާއަށް ބޭނުންވެފައިވުމުން، ވިލާ ފައުންޑޭޝަންގެ އެހީގައި އެކަން ކުރައްވަން ނިންމަވާފައިވާކަމަށް ޤާސިމް ވިދާޅުވިއެވެ.
އަދި ދަންނަވަމެވެ. ކޮމިޝަނާ އޮފް ޕޮލިސް ހުއްދަ ދެއްވައިފި ނަމަ މާމިގިލީގައި އެޅުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒު ވިލާ ފައުންޑޭޝަންގެ ސްޕޮންސާޝިޕްގެ ދަށުން އިމާރާތް ހެދުމަށް އަޅުގަނޑު ނިންމާފައިވާ ވާހަކަ ދެންނެވީމެވެ. ވީމާ އިމާރާތް ކުރުމަށް ބޭނުންވާ ކުރެހުމާއި އިމާރާތް ހެދުމަށް ސްޕޮންސަޝިޕް ގަބޫލުކުރި ކަމުގެ ލިޔުން ލިބޭނެ ގޮތް ހަމަޖައްވައި ދެއްވުން އެދެމެވެ.
ވިލާ ގްރޫޕްގެ ފައުންޑަރ ޤާސިމް އިބްރާޙިމް ވިދާޅުވިއެވެ.
މި މަސައްކަތުގެ މުހިންމުކަމަށް އަލިއަޅުވާލައްވަމުން ޤާސިމް އިތުރަށް ވިދާޅުވީ، މާމިގިއްޔަކީ ކ، އއ، އދ އަދި ވ. އަތޮޅު ހިމެނޭ ސަރަޙައްދުގައި އާބާދީގެ ގޮތުންނާއި ބިމުގެ ގޮތުން ވެސް އެންމެ ބޮޑު ރަށްކަމަށާއި، އަދި ކައިރީގައި ރިޒޯޓުތައް ގިނަކަމާއި، ރަށުގައި އެއާރޕޯޓެއް އޮތުމުން، އެ ރަށަށް އާންމު ގޮތެއްގައި ދަތުރުކޮށް އުޅޭ މީހުންގެ އަދަދު ގިނަކަމަށެވެ.
މީގެ އިތުރުން، ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، އެ އަތޮޅުގައި ކުށްކުރުން އެންމެ ގިނައީ ވެސް މާމިގިލީގައި ކަމަށާއި، އެހެންކަމުން ފުލުހުންގެ ރީޖަނަލް ސްޓޭޝަނެއް ޤާއިމްކުރުމަށް އެކިފަހަރުމަތިން މަޝްވަރާކުރައްވާފައިވާކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ޤާސިމް މިހެން ނިންމެވިއިރު، މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިހާތަނަށް 27 ރަށެއްގައި ޕޮލިސް ސްޓޭޝަން ގާއިމް ކޮށްދީފައިވާ ކަމަށެވެ. އަދި ފުލުހުންގެ ހިދުމަތް ޤާއިމްނުކޮށް އޮތް 39 ރަށުގައި މި އަހަރު އެ ޚިދުމަތް ފަށާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.