Ads by Exprox

ޚަބަރު

ގޭގޭގައި ވިއްކަން ކާބޯތަކެތި ހެދިޔަސް، ހެދޭނީ ލައިސެންސެއް އޮވެގެން!

ގޭގޭގައި  ވިއްކަން ކާބޯތަކެތި ހެދިޔަސް، ހެދޭނީ ލައިސެންސެއް އޮވެގެން!

ދިވެހި ރާއްޖޭގައި ކެއުމަށް ބޭނުން ކުރާ ހެދިކާ. ފޮޓޯ: އިންޓަރނެޓް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

25 އޯގަސްޓު 2024، 02:00

25 އޯގަސްޓު 2024، 02:00

މަޖިލީހުން ފާސްކުރި، ކާބޯތަކެތީގެ ސަލާމަތާ ބެހޭ ޤާނޫނަށް ޢަމަލުކުރަން ފެށުމުން ގޭގައި ވިއްކަން ކާބޯތަކެތި ހެދިޔަސް، ހެދޭނީ ލައިސެންސެއް އޮވެގެން ކަމަށް ޞިއްޙަތާއި ބެހޭ ވަޒީރު ޑރ ޢިބްރާހިމް ޙަލީލް ވިދާޅުވެއްޖެއެވެ.

ވަޒީރު ޙަލީލް މިހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިކަމާއި ގުޅިގެން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ އެ ޤާނޫނުގެ ދަށުން ހަދާ ޤަވައިދާ އެކު، ދިރިއުޅޭ ގޭގައި ކާބޯތަކެތި ހަދާ މީހުން ވެސް ލައިސެންސް ނަގަން ޖެހޭނެ ކަމަށެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދޫކުރާ އެ ލައިސެންސްގެ ނަމްބަރު، އުފައްދާ ޕެކޭޖުތަކުގައި އޮންނަން ޖެހޭނެ ކަމަށްވެސް ވަޒީރު ޙަލީލް ވިދާޅުވި އެވެ. އެއާ އެކު މައްސަލައެއް ދިމާވެއްޖެ ނަމަ، ފިޔަވަޅު އަޅަން ޖެހޭ ފަރާތް އެނގޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

"ހޯމްބޭސްޑްކޮށް މި ހަދާ ތަކެއްޗަށް ލައިސަންސް ދޫކުރަން ފެށޭ ހިސާބުން އެ މިންގަނޑުތަކަށް އެކަން ކުރެވޭ ކަމަށްވަންޏާ އެއޮތީ ރަނގަޅަށް. އެކަމަކު ހިލާފުވެއްޖެ ނަމަ، އެ އުފައްދާ މީހާ އެބަ އެނގޭ. އެ ލޭބަލުން އެނގޭނެ އުފައްދަނީ ކޮންތާކުކަން. ކާކުގެ ބެލެނިވެރިކަމުގެ ދަށުންކަން،" ވަޒީރު  ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވީ މާލޭގެ ގޭގޭގައި ކުދި ދޮރުތައް ކަނޑައިގެން ކާތަކެތި ވިއްކަމުން ދާއިރު މިފަދަ ތަންތަނުން ވެސް އެ ލައިސެންސް ނަގަން ޖެހޭނެކަމަށެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި ލައިސެންސް ދޫކުރަން ޖެހޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ކާބޯތަކެތީގެ ސަލާމަތާ ބެހޭ ޤާނޫނަށް މާދަމާ ޢަމަލުކުރަން ފަށާނެ އެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco