ޚަބަރު
ހަށިވިއްކާ ވިޔަފާރި ތަކާއި ޢާންމު ޞިއްޙަތަށް ގެއްލުންވާ ކާބޯތަކެތި ވިއްކާ ވިޔަފާރިތައް ހުއްޓުވާނަން: ވަޒީރު އިޙްސާން
ޞިއްޙީ ވުޒާރާ އާއި ދާޚިލީ ވުޒާރާ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. ފޮޓޯ: ޞިއްޙީ ވުޒާރާ
ހަށިވިއްކާ ވިޔަފާރިތަކާއި ޢާންމު ޞިއްޙަތަށް ގެއްލުންވާ ކާބޯތަކެތި ވިއްކާ ވިޔަފާރިތައް ހުއްޓުވާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
އިޙްސާން މިހެން ވިދާޅުވީ މިއަދު ޞިއްޙީ ވުޒާރާ އާއި ދާޚިލީ ވުޒާރާ އާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ވަޒީރު އިޙްސާން ވިދާޅުވީ މިހާރު ކުރިއަށް ގެންދާ ރެއިޑްތަކުގެ ތެރޭގައި އެވުޒާރާއިން ބަލާ ފާސްކުރާ ބައެއް ކަހަލަ ސްޕާގޮތުގައި ހިންގާ ތަންތަނުގައި ހަށި ވިއްކުމުގެ ވިޔަފާރިތައް ކުރިއަށް ދާތީ މިހާރު ވުޒާރާގެ ސްކޯޕްގެ ތެރެއިން މިހާތަނަށް ޢަމަލުކުރަމުން އައި ގޮތަކީ އެތަންތަނުގައި ތިބޭ ބިދޭސީން ހައްޔަރުކޮށް އެމީހުންނާ ދޭތެރޭ އިމިގްރޭޝަނާއި ޤާނޫނުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅު އެޅުން ކަމަށެވެ.
"މިހާރު އަޅުގަނޑުމެން ޓާސްކްފޯސްގެ ތެރޭގައި އެތަންތަން ބަންދުކޮށް އެތަންތަނުގެ ވިޔަފާރި ބަންދުކުރުވާން، ކޮށްފައި އެވިޔަފާރި އަލުން ހުޅުވާކަމުގައި ވެއްޖެއާމުން މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ މަތިން އަލުން އެތަން ހުޅުވޭނީ" އިޙްސާން ވިދާޅުވި އެވެ.
މީގެއިތުރުން ވަޒީރު އިޙްސާން ވިދާޅުވީ އާންމު ޞިއްޙަތަށް ގެއްލުން ވާގޮތަށް ފާހަގަ ކުރެވޭފަދަ ބަދިގެ، ރެސްޓޯރަންޓް، ކެފޭ އަދި ފިހާރަ ފަހަތުގައި ހިންގަމުން އަންނަ ތަންތަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ ގެ ދަށުން ބަންދުކޮށް ތަޅުއަޅުވާނެ ކަމަށެވެ.
އަދިއެއަށް ފަހު އެތަންވެސް ހުޅުވޭނީ ދެން އެއޮންނަ އުސޫލެއްގެ ދަށުން ކަނޑައަޅާ މިންގަޑުތަކަށް އެބަޔަކު އެކަމާ އެއްގޮތަށް، ޤާނޫނާއި އެއްގޮތަށް މަސައްކަތް ކުރަން ފެށުމުން ކަމަށްވެސް ވަޒީރު އިޙްސާން ވިދާޅުވި އެވެ.
ހަމަމިއާއި އެކު ބިދޭސީން ލައްވާ ޤާނޫނާއި ޚިލާފަށް މަސައްކަތް ކުރާ ދިވެހީންނާ ދޭތެރޭ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ފިޔަވަޅުވެސް އަޅާނެ ކަމަށެވެ.
އޭގެ ތެރޭގައި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އަންގާފައިވާ ގޮތުގެ މަތިން 50،000 ރުފިޔާ ގެ އަގުން ޖޫރިމަނާ ކުރުމާއި ޕާސްޕޯޓު ހިފެހެއްޓުމުގެ ކަންކަން ކުރިއަށް ގެންދާނެކަމަށް ދާޚިލީ ވަޒީރު އިޙްސާން ވިދާޅުވި އެވެ.
މިފަހަކަށް އައިސް ފުލުހުންނާއި އިމިގްރޭޝަނުން ހިންގަމުންދާ ރެއިޑް ތަކުގައި ޤާނޫނާއި ޚިލާފަށް ވިޔަފާރި ކުރަމުންދާ އެތައް ބިދޭސީންނެއް ހައްޔަރުކޮށްފައިވެއެވެ. އަދި އެތަންތަން ބަލައި ފާސް ކުރުމުން އާންމު ޞިއްޙަތުގެ މިންގަނޑަށް ނުފެތޭ އެތައް މަންޒަރުތަކެއް ފެނިފައިވެއެވެ.