Ads by Exprox

ޚަބަރު

މުއުމިނުން ވާންޖެހޭނީ މަލާއިކަތުންނަކީ ލައްވައިފައިވާ ބައެއްކަން ދަނެ ޢަމަލުތައް ސީދާ ކުރާ ބަޔަކަށް: ހުކުރު ޚުތުބާ

މުއުމިނުން ވާންޖެހޭނީ މަލާއިކަތުންނަކީ ލައްވައިފައިވާ ބައެއްކަން ދަނެ ޢަމަލުތައް ސީދާ ކުރާ ބަޔަކަށް: ހުކުރު ޚުތުބާ

އުޑުމަތީގެ ފޮޓޯއެއް. ފޮޓޯ: ގޫގުލް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

25 އޯގަސްޓު 2024، 03:24

25 އޯގަސްޓު 2024، 03:24

މުއުމިނުން ވާންޖެހޭނީ މަލާއިކަތުންނަކީ ލައްވައިފައިވާ ބައެއްކަން ދަނެ ޢަމަލުތައް ސީދާ ކުރާ ބަޔަކަށް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

“މަލާއިކަތުންނަށް އީމާންވުން” މި މައުޟޫއަށް އިއްވި ހުކުރު ޚުތުބާގައި ބުނެފައިވަނީ މަލާއިކަތުންނަށް އީމާންވުމަކީ އީމާންކަމުގެ ރުކުނެއް ކަމަށެވެ. އަދި އެއީ ﷲ ތަޢާލާ މާތްކުރައްވައިފައިވާ މަޚްލޫޤުންތަކެއް ކަމަށެވެ.

މީގެއިތުރުން މުސްލިމުން މަލާއިކަތުންނަށް އީމާންވާން ޖެހޭނީ ކީރިތި ޤުރްއާނާއި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ސުންނަތުން ސާބިތުވާ ގޮތައް ކަމަށާއި، މަލާއިކަތުންނަކީ ފިރިހެން ނުވަތަ އަންހެން ޖިންސަށް ނިސްބަތްވާ ބަޔެއް ނޫން ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.

އަދި ކާފިރުވީ މީހުންގެ ތެރޭގައި މަލާއިކަތުންނާ މެދު ނުބައި ޤަބޫލުކުރުންތަކެއް ފެތުރިފައި ވާ ކަމަށެވެ. އަދި އޭގެތެރޭގައި މަލާއިކަތުންނަކީ އަންހެން ޖިންސުގެ ބައެއް ކަމުގައި ޤަބޫލުކުރުން ހިމެނޭ ކަމަށާއި، އަދި އެއީ ﷲ ގެ އަންހެންދަރީންކަމުގައި ވެސް ޔަހޫދީންނާއި މުޝްރިކުން ބުނާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

“މަލާއިކަތުންނާ މެދު އެ ގޮތަށް ޤަބޫލުކުރާ މީހުންނަކީ އާޚިރަތްދުވަހަށް އީމާންނުވާ މީހުން” ޚުތުބާގައި ބުނެފައިވެއެވެ.

މަލާއިކަތުންނަށް ކެއިންބުއިމާއި، ނިދުމާއި އަރާމުކުރުން ފަދަ ކަންކަމަށް ބޭނުމެއް ނުވާނެ ކަމަށާއި، އެބައިމީހުން ﷲ އަށް ނުއުރެދޭނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ﷲ އެންގެވިކަމެއް މަލާއިކަތުން ކުރައްވާނެ ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.

“މަލާއިކަތުންނަށް އީމާންވުން” މި މައުޟޫއަށް އިއްވި ޚުތުބާގައި އިތުރަށް ބުނެފައިވަނީ މަލާއިކަތުންނަކީ ވަކި ޖިންސެއްގެ މަޚްލޫޤުން ކަމުގައި ނުވިޔަސް، ﷲގެ އިޛުނަފުޅަށް އިންސާނުންގެ ސިފައިގައި މަލާއިކަތުން ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ލޫޠުގެފާނުގެ ޤައުމުގެ މީހުންގެ މައްޗަށް ޢަޛާބު ފޮނުއްވުމުގެ ކުރިން އެކަލޭގެފާނުގެ އަރިހަށް ﷲ ތަޢާލާ ފޮނުއްވެވި މަލާއިކަތުން ވަޑައިގަތީ ޒުވާން ފިރިހެނުންގެ ސިފައިގައި ކަމަށާއި، ބައެއް މީހުންނަށް ﷲ ލަޢުނަތްލެއްވި އިބިލީހާ މެދު ކުށްހީއެއް ކުރެވޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ، އެއީ އިބިލީހަކީ މަލާއިކަތެއް ކަމުގައި ހީކުރާ ހީކުރުން ކަމަށާއި ކީރިތި ޤުރްއާނުގެ ނައްޞުން ސާފުކޮށް އެނގޭ ގޮތުގައި، އިބިލީހަކީ ޖިންނިއެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

“މަލާއިކަތުންނަށް އީމާންވުމުގެ ތެރޭގައި އެބޭކަލުން ހައްދަވައިފައިވަނީ ނޫރުންކަން ޤަބޫލުކުރުން ހިމެނޭ” ޚުތުބާގައި ބުނެފައިވެއެވެ.

މަލާއިކަތުންގެ ތެރޭގައި މީސްތަކުންގެ ޢަމަލުތައް ލިޔުއްވާ މަލާއިކަތުން ވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެހެންކަމުނ،ް، މުއުމިނުން ވާންޖެހޭނީ، ސިއްރާއި ފައުޅުގައި ކުރާ ޢަމަލުތައް ލިޔުއްވުމަށް ޓަކައި، ކޮންމެ މީހަކާއެކު ﷲ ތަޢާލާ މަލާއިކަތުން ލައްވައިފައިވާކަން ދަނެ، ޢަމަލުތައް ސީދާކޮށް ﷲ ތަޢާލާ އަށް ތަޤްވާވެރިވާ ބަޔަކަށް ކަމަށް ޚުތުބާ ނިންމާލަމުން ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco