ޚަބަރު
100،000ރ. ގެ އިނާމަކާއެކު ހުޅުމާލޭގައި 17 މޮނިއުމެންޓް ހަދަން މުބާރާތެއް
ހުޅުމާލޭގައި 17 މޮނިއުމެންޓް ހަދަން ޢިއުލާންކޮށްފި- ފޮޓޯ: އެޗްޑިސީ
ފަރުދުން
25 ސެޕްޓެމްބަރު 2024، 01:09
25 ސެޕްޓެމްބަރު 2024، 01:09
ހުޅުމާލޭގެ މަގުތަކުގައި މިހާރު ހަދަމުން އަންނަ ރައުންޑްއެބައުޓްސްތަކުގައި ބަހައްޓާނެ މޮނިއުމެންޓްތައް ހެދުމަށް، އެ އެއްޗެހި ޑިޒައިންކުރުމުގެ މުބާރާތެއް އެޗްޑީސީން ފަށައިފިއެވެ.
އެޗްޑީސީން ކުރި އިއުލާނެއްގައި ވަނީ ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ހަދަމުން އަންނަ ރައުންޑްއެބައުޓްސްތަކުގައި ބަހައްޓާ މި މޮނިއުމެންޓްތަކުން އެ އަވަށުގެ ލޭންޑްސްކޭޕް ބަދަލުކޮށްލާނެ ކަމަށެވެ. މި މޮނިއުމެންޓްތައް ޑިޒައިންކުރަން ޖެހޭނީ "ދިވެހީންގެ ރާއްޖެ" ރަމްޒުވާނެ ގޮތަށް ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.
އަރޓިސްޓުންނާއި ޑިޒައިނަރުން އަދި އާކިޓެކްޓްސްއަށް ހުޅުވާލާފައިވާ މި ފުރުސަތުގައި އެންމެ ފުރިހަމަ ޑިޒައިންތައް ހުށަހަޅާ މީހަކަށް 100،000ރ. ގެ ފައިސާގެ އިނާމެއް ލިބޭނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
މި މޮނިއުމެންޓްތައް ޑިޒައިންކުރުމުގައި ޚާއްޞަ މިންގަނޑުތަކަކާއި ޝަރުތުތަކެއް ހިމެނެއެވެ. އެގޮތުން މުބާރާތުގައި ބައިވެރިވޭނީ ޕްރޮފެޝަނަލް އާޓިސްޓުންނާއި ޑިޒައިނަރުންނާއި އާކިޓެކްޓްސް އަދި ގުޅޭ ދާއިރާއަކުން ކިޔަވާ ދަރިވަރުންނަށެވެ. ޑިޒައިންތައް ހުށަހެޅުމުގައި ފަސް މީހުންގެ ޓީމަކުން ގުޅިގެން ވެސް ޑިޒައިންތައް ހުށަހެޅޭނެއެވެ. މީގެ އިތުރުން ބައިވެރިންނަކީ އުމުރުން 18 އަހަރު ވެފައިވާ މީހުންނަށް ވާންޖެހޭ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
އެޗްޑީސީން އާންމުކޮށްފައިވާ ގައިޑްލައިންގައިވާ ގޮތުން، ޖުމްލަ 17 މޮނިއުމެންޓް ޑިޒައިންކުރާނެ ކޮންސެޕްޓް ވަކިވަކިން ހުށަހަޅަން ޖެހޭނެއެވެ. މޮނިއުމެންޓް ޑިޒައިންކުރަން ޖެހޭނީ ޓްރެފިކަށް އެއްވެސް ކަހަލަ ހުރަހެއް ނޭޅޭނެ ގޮތަށް ކަމަށާއި، ރޯޑް ސޭފްޓީގެ ޤަވާޢިދުތަކަށް ފެތޭނެ ގޮތަށް ޑިޒައިންކުރުމަށް ސަމާލުކަން ދިނުމަށް ވެއެވެ.
ހަމައެއާއެކު މެއިންޓެނަންސްގެ ހަރަދު ކުޑަވާނެ ގޮތަކަށް މޮނިއުމަންޓްތައް ބައްޓަން ކުރުމަަށާއި ފެން ނުވަތަ ކަރަންޓު ބޭންނުންކުރަން ނުޖެހޭ ގޮތަކަށް ޑިޒައިން ކުރުމަށް އަންގާފައިވެއެވެ.
އެޗްޑީސީން ބުނީ، ކޮންމެ މޮނިއުމެންޓަކުން ވެސް ދިވެހިންގެ އުސޫލުތަކާއި ޤައުމިއްޔަތާއި ސަޤާފަތާއި ތަރިކަ އަދި ތާރީޚު ރަމްޒުކޮށްދޭން ޖެހޭނެ ކަމުގައެވެ.
މި މުބާރާތައް ޑިޒައިންތައް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހު 30ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.