ޚަބަރު
ކަރަންޓު މައްސަލަ ޙައްލު ކުރުމަށް އައްޑޫއަށް އައު ޖަނަރޭޓަރު ސެޓެއް ފޮނުވައިފި

އައްޑޫއަށް އައު ޖަނަރޭޓަރު ސެޓެއް ފޮނުވުން- ފޮޓޯ: ފެނަަކަ
އައްޑޫ ސިޓީން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެއް މެގަވޮޓުގެ އައު ޖަނަރޭޓަރެއް އައްޑޫއަށް ފޮނުވުމަށް މާލެއިން ފުރުވާލާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.
ފެނަކައިން ވިދާޅުވީ އައްޑޫ ސިޓީން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އައްޑޫ ސެންޓްރަލް ޕަވަރސްޓޭޝަންގެ ޖެނެރޭޝަން ކެޕޭސިޓި އިތުރުކުރުމަށް 1000ކ،ވ އައު ޖަނަރޭޓަރެއް އައްޑޫއަށް ފޮނުވާލުމަށް ލޯޑު ކުރެވިފައިވާ ކަމަށެވެ. އަދި މިއުޅަނދު އައްޑޫ ސިޓީއަށް ބަނދަރުކުރެވޭނެ ކަމަަށް ލަފާ ކުރެވެނީ މިމަހުގެ 13 ވަނަ ދުވަހު ކަމަށް ވެސް އެ ކޯޕަރޭޝަނުން ވިދާޅުވިއެވެ.
ފެނަކައިން އިތުރަށް ވިދާޅުވީ އިންޑިއާއިން 1.8 މެގަވޮޓްގެ ޖަނަރޭޓަރެއްވެސް ރާއްޖެ ގެނައުމުގެ މަގުމަތީގައި ވާކަމަށާއި ތާވަލާއި އެއްގޮތަށް ދަތުރު ކުރަމުންދާކަމަށެވެ.
އައްޑޫ ސިޓީގެ ރަށްރަށުން ކަރަންޓު ކެންޑުމުގެ މައްސަލައަކީ އައްޑޫ ސިޓީގެ ރައްޔިތުންނަށް ކުރިމަތިވަމުން އަންނަ، ދާއިމީ ހައްލެއް ލިބިފައި ނުވާ މައްސަލައެކެވެ. ފެނަކަ ކޯޕަރޭޝަނުން ވިދާޅުވީ، އައްޑޫސިޓީ ހިތަދޫއާއި ގުޅިފައިވާ ރަށްރަށަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ސެންޓްރަލް ޕަވަރ ސްޓޭޝާންގައި ބޭނުންކުރަމުންދާ ޖެނެރޭޓަރ ސެޓްތަކުގެ ތެރެއިން 3 ގެނެރޭޓަރަކަށް މައްސަލަ ދިމާވެ، އެ ޖަނެރޭޓަރުތައް މަރާމާތު ނުކުރެވޭވަރަށް ހަލާކުވެފައިވާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިރުޝާދާއި ލަފާފުޅާއެކު އައްޑޫސިޓީގެ ކަރަންޓަށް ދާއިމީ ހައްލު ހޯދުމަށް މަސައްކަތް ފަށައި، ދޮޅު އަހަރު ތެރޭ ޢަމަލީ މަސައްކަތް ނިންމުމަށް އަމާޒުހިފާފައިވާކަމަށްވެސް ފެނަކައިން ވަނީ ވިދާޅުވެފައެވެ.