ޚަބަރު
ގއ. ވިލިނގިލީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފި
ގއ.ވިލިނގިލީގައި ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި ތިން މީހުން- ފޮޓޯ: ދިވެހި ފުލުހުންގެ ޚިދުމަތް
ފަރުދުން
30 ސެޕްޓެމްބަރު 2024، 12:38
30 ސެޕްޓެމްބަރު 2024، 12:38
ފުލުހުންގެ ނާކޮޓިސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ގއ. ވިލިނގިލީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ،
ގއ. ވިލިނގިލި، އެތެންސް، މުހައްމަދު އަތޫފް ހަބީބް (24އ)،
ގއ. ވިލިނގިލި / ޒޫމް، މުހައްމަދު ތަޤިއްޔު (25އ)
އަދި ގދ. ގައްދޫ / ވިލަސް، މުޙައްމަދު ޒަހުވާން (23އ) އެވެ.
ފުލުހުން ވިދާޅުވީ މިއީ ވިލިނގިލީ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ސެޕްޓެންބަރު 28 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނަކީ ވިލިނިގިލީގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. މި އޮޕަރޭޝަނުގައި، އެ މީހުން ހައްޔަރުކޮށް، އެތަނުން އެކަކު ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށްބެލެވޭ އެއްޗެއްހުރި ހަތް ރަބަރު ޕެކެޓާއި، ހަތަރު ރަބަރުކޮޅާއި، ސެލޯފިންކޮޅެއްގެ އިތުރުން ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 20 ލީޓަރުގެ ހަމެއް ފެނިފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން އެ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މުހައްމަދު އަތޫފް ހަބީބް 15 ދުވަހަށް އަދި އަނެއް ދެ މީހުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. މި މައްސަލަ ވިލިނގިލި ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަޙުޤީޤުކުރަމުންނެވެ.