ޚަބަރު
ވިޔަފާރީގެ ފުރުޞަތުތައް ދެނެގަތުމަށް ސަޢޫދީ ޢަރަބިއްޔާއާއި ރާއްޖެއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި.
ފޮޓޯ: އަޚްބަރު24 ނިއުސް
ވިޔަފާރީގެ ފުރުޞަތުތައް ދެނެގަތުމަށް ސަޢޫދީ ޢަރަބިއްޔާއާއި ރާއްޖެއާ ދެމެދު އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފިއެވެ.
ދިވެހި ސަރުކާރުގެ މިނިސްޓްރީ އޮފް އިކޮނޮމިކް އެންޑް ޓްރޭޑް ޑިވެލޮޕްމަންޓާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު ވެވުނު މި އެއްބަސްވުމުގެ މަޤްސަދަކީ މުދަލާއި ހިދުމަތުގެ ދާއިރާއިން ދެ ފަރާތުގެ މެދުގައި ވިޔަފާރީގެ ގުޅުން ބަދަހިކޮށް، ދެ ގައުމުގެ ލޯކަލް ޤަވާއިދުތަކާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ދެ ފަރާތަށް ކުރިމަތިވެދާނެ ހުރަސްތަކާއި ގޮންޖެހުންތައް ނައްތާލުމެވެ.
މި އެއްބަސްވުމުގައި ސޮއިކުރެވުނީ ރާއްޖޭގެ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ކޮމާސް މުޙައްމަދު ސަޢީދާއެކު ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް ކޮމާސް އަދި ޖެނެރަލް އޮތޯރިޓީ އޮފް ފޮރިން ޓްރޭޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަން ޑރ.މަޖީދު އަލްޤަޞާބީއާއި ބޭއްވުނު ބައްދަލުވުމުގައެވެ.
ސަޢޫދީ ސަރުކާރާއިއެކު އެއްބަސްވުމެއްގައި ސޮއިކުރެއްވުން
މި މެމޮރެންޑަމް އޮފް ކޯޕަރޭޝަން MOU)) ގެ ދަށުން ވިޔަފާރީގެ ދާއިރާތަކާ ގުޅުންހުރި ތަޖުރިބާއާއި މަޢުލޫމާތާއި ގާނޫނުތައް ހިއްސާކުރުމާއި، ކުރިއެރުމާއި ތަރައްޤީގެ ފުރުސަތުތަކާއި، މާކެޓް ރިސާޗް އަދި ދެ ފަރާތުގެ މެދުގައި ހިމެނޭ އެހެނިހެން ދާއިރާތަކުގެ އިތުރުން މައުރަޒުތަކާއި، ސެމިނާތަކާއި، ފޯރަމްތަކާއި އަދި ވޯކިން ސެޝަންތަކުގައި ބައިވެރިވުމަށް ބާރުއެޅުން ހިމެނެއެވެ.
މި އެމްއޯޔޫގެ އެންމެ ބޮޑު މަގްސަދަކީ މުދަލާއި ޚިދުމަތްތައް ކުރިއެރުވުމާއި، ދެ ޤައުމުގެ ވިޔަފާރީގެ ފުރުޞަތުތައް ދެނެގަތުމާއި، ވިޔަފާރީގެ ފުރުޞަތުތައް ބަދަލުކޮށް، އެކަކު އަނެކަކަށް ލަފާދިނުމާއި، ވިޔަފާރީގެ ފުރުޞަތުތަކާއި ސިޔާސަތުތަކާއި، ރައްޔިތުންނަށް ލިބެންހުރި ޤާނޫނުތައް ދައްކުވައިދޭ ޑިޖިޓަލައިޒްޑް ޕްލެޓްފޯމްތަކެއް ޤާއިމުކުރެވިގެންދިއުމެވެ.