ކޮލަމް / ރިޕޯޓް
އެންޓި ސެމިޓިޒަމަކީ ކޮބާ؟

އެންޓި ސެމިޓިޒަމަކީ ކޮބާ؟
"އެންޓި ސެމިޓިޒަމަކީ" ވަރަށް ގިނައިން އަޑު އިވޭ ބަހެކެވެ. މި ބަސް މި ބޭނުން ކުރެވެނީ ކޮން ކަމަކާއި ގުޅިގެންތޯ މިއީ ސުވާލުކޮށްލަން ޖެހޭ ކަމެކެވެ. އަދުގެ ދުނިޔޭގައި މި ބަސް ބޭނުން ކުރެވެމުން ދަނީ އޭގެ އަސްލު ހަޤީޤަށް އޮޅޭ ގޮތަށެވެ. އެހެނީ "އެންޓި ސެމިޓިޒަމް" މި ލަފްޒުގެ ނިވާފަށުގައި އިންސާނިއްޔަތާއި ޚިލާފު އެތައް ކަމެއް އިޒްރޭލާއި އިޒްރޭލަށް ވާގިވެރިވާ ހުޅަނގުގެ ގައުމުތަކުން ދަނީ ކުރަމުންނެވެ. ވީމާ މިއީ ކިހިނެތް ވާރިދުވެ އުފަންވެގެން އުޅޭ ބަހެއްތޯ ބަލައިލުން އެއީ ނެތް ކަމެއް ނޫނެވެ.
"އެންޓި ސެމިޓިޒަމް" ނިސްބަތް ކުރެވެނީ ޔަހޫދީންނާއި އިދިކޮޅުވެ، އެމީހުންނަށް އަނިޔާކުރުމާއި، އެމީހުންނަށް ބަދުބަސް ރައްދު ކުރާ ފިކުރުތަކަށާއި ހަރަކާތްތަކަށެވެ. ތާރީޚަށް ބަލާ އިރު އިޖްތިމާޢީ ގޮތުންނާއި ދީނީ ގޮތުންނާއި، އިޤްތިޞާދީ ގޮތުންނާއި އަދި ސިޔާސީ ގޮތުން ދުނިޔޭގައި އެންމެ ދުވަސްވީ އެއް ނަފްރަތަކީ ޔަހޫދީންނަށް ކުރާ ނަފްރަތެވެ. ސަބަބުތަކެއް އެކަމުގައި ނެތިއެއްވެސް ނޫނެވެ. އެކަން މިއަދު އަޅުގަނޑުމެންގެ ލޯ ކުރިމަތިން ފެނިގެން މިދަނީ ހައިރާން ކުރުވަނިވި ދަރަޖައަކަށެވެ.
ޔަހޫދީންނަށް މިފަދަ އުނދަގޫތަކެއް އެންމެ ބޮޑަށް ކުރިމަތި ކުރުވި ބަޔަކީ މިއަދު އެމީހުންގެ ހިމާޔަތުގައި ރެއާއި ދުވާލު މަސައްކަތްކުރަމުން އަންނަ ހުޅަނގުގެ ޤައުމުތަކެވެ. ޔަހޫދީންނަކީ ބާވައިލެއްވި ދީނެއްގެ ބަޔަކަށް ވުމާއި އެކު އެމީހުންގެ ޘަޤާފަތާއި އެމީހުންގެ ދީނީ ކަންކަން ދުނިޔޭގެ ކޮންމެ ޤައުމެއްގައި އެމީހުން ދިރިއުޅުނަސް އެގޮތުގައި ދަމަހައްޓައެވެ. ގިނަ ފަހަރު ޔަހޫދީން އެކަހެރިކޮށްލުމުގެ ސަބަބެއް ކަމުގައި މިކަން ވެގެން ދެއެވެ. އެހެނީ، ޔަހޫދީން ވަޒަންވެރިވާ ތަނެއްގައި ނުވަތަ އެމީހުން ހިޖްރަ ކުރާ ތަނެއްގައި އޮންނަ ޘަޤާފަތާއި އެމީހުން ވަރަށް ބޮޑަށް ބީރައްޓެހިވެ ބަރީއަ ވެގެން ވަކި ބައެއްގެ ގޮތުގައި އުޅެއެވެ. ޢީސާގެފާނަށް ފަހު ޔޫރަޕަށް ނަޞާރާދީން ފެތުރިގެން ދިއުމާއި ގުޅިގެން، ޔޫރަޕުގައި ޔަހޫދީންނާއި މެދު އޮންނަ ނަފްރަތު އިންތިހާޔަށް ދިޔައީ އިތުރުވަމުންނެވެ. ނަޞާރާއިން ޔަހޫދީން ދެކެ ރުޅި އަންނަ މައިގަނޑު ސަބަބަކީ އެމީހުން ޤަބޫލު ކުރާ ގޮތުން ޢީސާގެފާނު ސަލީބަށް އެރުވި މީހުންނަކީ ޔަހޫދީން ކަމުގައި ވާތީއެވެ. އެރާއި މިހާރު މިކަމުގައި ޔޫރަޕްގެ ގިނަ ގައުމުތަކުން އަމަލު ކުރަމުން އައި ގޮތް ބަދަލުވެގެން ގޮސް ޔަހޫދީންނާއި އެއްބައި ވުމުގެ އަސްލު ސަބަބަކީ، ޔޫރަޕްގެ ޤައުމުތައް ސެކިއުލަރ ވިސްނުން އިސްކޮށް ނަޞާރާއިންގެ ފައްޅިތައް ފަޅުކޮށްލުމާއި ގުޅިގެންނެވެ. މާއްދީ ގޮތުން ޔަހޫދީންނަކީ އަބަދުވެސް ވިޔަފާރިއަށާއި، ލޭންދޭނަށް ކުރިއަރާފައިވާ ބަޔަކަށް ވީތީވެ ޔޫރަޕްގެ މުޅި އިޤްތިޞާދު ހިފެހެއްޓުމުގެ އެންމެ މުހިންމު ބަޔަކީ ޔަހޫދީންނެވެ. ނަމަވެސް މީގެ ދެހާސް އަހަރު ކުރިން، ޔަހޫދީން ހުޅަނގުގެ ޤައުމުތަކުން ނެރެ، އެތައް އަނިޔާއެއްކޮށް އެތައް ހައިޖާނުތަކެއް ހިންގީ ޔަހޫދީންނާއި ހެދި ޔޫރަޕުގައި އޭރު ދިމާވެގެން އުޅުނު އިޤްތިޞާދީ ދަތި ކަމަކީ ޔަހޫދީންގެ ސަބަބުން ވާ ކަންތައް ކަމަށް ބުނެއެވެ. މިގޮތުން ޔޫރަޕުގައި ޔަހޫދީންނާއި މެދު ހިންގި އެންމެ ބޮޑު ޤަތުލްޢާންމު ހިންގީ ޖަރުމަނުގެ އޭރުގެ ޗާންސެލަރ ހިޓްލަރެވެ. ގާތްގަނޑަކަށް 6 މިލިއަން ޔަހޫދީން ހިޓްލަރުގެ ބާރު ދުނިޔެއަށް ހިނގި އިރު ނައްތާލެވިފައިވާކަމަށް އެމީހުން ބުނެ އުޅެއެވެ. މިއީ "އެންޓި ސެމިޓިޒަމް"ގެ އެންމެ މަތީ ދަރަޖައިގައި އަދި މިހާތަނަށް ދުނިޔެ ދެކެފައި ނުވާ މިންވަރަކަށް ޔަހޫދީންނާއި މެދު އިހާނެތިވި ފަހަރެވެ.
ދެން ބަލާލަން ޖެހެނީ "އެންޓި ސެމިޓިޒަމް" ގައި މި ބުނާ "ސެމިޓިކް" މީހުންނަކީ ކޮބައިތޯއެވެ. އަސްލު ހަޤީޤަތުގައ ސެމިޓިކް މީހުންނަކީ ހަމަ އެކަނި ޔަހޫދީންނެއް ނޫނެވެ. މެދު އިރުމައްޗަށް ނިސްބަތްވާ ކޮންމެ މީހަކީ "ސެމިޓިކް" މީހެކެވެ. އެގޮތުން އަރަބީންނާއި، އިބްރީންނާއި އަސޭރިއަނުން ފަދަ މެދު އިރުމައްޗަށް ނިސްބަތްވަ އެންމެން "ސެމިޓިކް" ކެޓަގަރީގައި ހިމެނެއެވެ. ލުޣަވީގޮތުން ބަލާ ކަމުގައިވާނަމަ، އަރަބީންނާއި ދެކޮޅުވެ ބަސް ބުނުމަކީ ވެސް ސެމިޓިކްސް މީހުންނާއި އިދިކޮޅުވުމެވެ. ނުވަތަ އެންޓި ސެމިޓިޒަމެވެ. ނަމަވެސް މިހާރު މި ލަފްޒު ބޭނުން ކުރެވެނީ ހަމަ އެކަނި ޔަހޫދީންނާއި އިދިކޮޅުވުމުގެ މައްޗަށް އެކަންޏެވެ.
ދެން އޮތީ ޔަހޫދީންނާއި ޒަޔަނިސްޓުންގެ ތަފާތެވެ. ގިނަ ފަހަރު މުސްލިމުންނަށް ވެސް މި ދެ ބައި އޮޅިފައި އޮންނަނީ ވަރަށް ވެސް ބޮޑަށެވެ. ބައެއް މީހުންގެ ނަޒަރުގައި ޔަހޫދީންނަކީ އެއް ފިކުރެއްގެ އެއް ބައެކެވެ. އިސްލާމްދީނުގައި ވެސް ޔަހޫދީންނާއި މެދު އޮތީ ނަފްރަތެވެ. އެއީ މުޅިން ގޯސް ވިސްނުމެކެވެ. މުސްލިމުންނަށް އޮތީ އެމީހުންނާއި މެދު ހުށިޔާރުވެ ތިބުމެވެ. އެކަމުގައި ޔަހޫދީންނެކޭ ނަޞާރާއިންނެކޭ ވަކި ތަފާތެއް ނެތެވެ. ޔަހޫދީންގެ ތެރެއިންވެސް ރަނގަޅު ވިސްނުމުގައި ތިބެ ރަނގަޅުގޮތް އިޚްތިޔާރު ކުރާ މީހުންވެސް މަދެއް ނޫނެވެ. އަދި ޔަހޫދީންނާއި މެދުވެސް އަމަލު ކުރަން ޖެހޭނީ އެހެން ޢައިރު މުސްލިމުންނާއި މެދުވެސް އަމަލު ކުރަން އޮންނަ އިސްލާމީ ރިވެތި އަދަބުގެ ތެރެއިންނެވެ. އަދި އަދާވާތްތެރިވެ ހަނގުރާމަކޮށްފިއްޔާމު އޭގެ ރައްދު ދިނުންވެސް އޮތީ އެހެން ދީންތަކުގެ މީހުންނާއި މެދުވެސް އަމަލުކުރާ އުސޫލުންނެވެ.
ޒަޔަނިސްޓުންނަކީ، ޔަހޫދީންގެ ތެރެއިން ހައްދުފަހަނަ އަޅާފައިވާ ޖަމާޢަތެއްގެ ބައެކެވެ. ހިތާމަޔަކީ އަދުގެ ޔަހޫދީންގެ ބޮޑު އަޣްލަބިއްޔަތު މި ފަލްސަފާގެ މައްޗަށް ޒަޔަނިސްޓުން ލަންބުވައިފަ ވާތީއެވެ. ނަމަވެސް ހެޔޮ ވިސްނޭ ޔަހޫދީން ކުރިއަށް ނިކުމެ ޒަޔަނިސްޓުންނަކީ ޔަހޫދީ ދީނަށް ނިސްބަތްވާ ބައެއް ނޫންކަމުގައި ފާޅުކޮށް ހާމަ ކުރަމުން ދެއެވެ. މި ކަމުގައި ޔަހޫދީންގެ ބޮޑެތި ޢިލްމުވެރިންނާއި، ސިިޔާސީ މީހުން ބަސް ބުނަމުން ދާކަން ފާހަނގަކޮށްލަން ޖެހެއެވެ.
ފަލަސްތީނުގެ ބިމުގައި، އިޒްރޭލުގެ ނަމުގައި ދައުލަތެއް އުފެއްދުމުގެ ކުރިން ޔަހޫދީންނަށް އޮންނަ ނަފްރަތަކީ ނެތް އެއްޗެކޭވެސް ބުނެވިދާނެއެވެ. ފަލަސްތީނުގައި އުޅުނު އަރަބި ޔަހޫދީންނާއި މުސްލިމުންނާއި ނަޞާރާއިން އުޅުނީ ގުޅިގެންނެވެ. އަދި ހިޓްލަރުގެ އަނިޔާވެރިކަމުން މިންޖުވާން އެބިމަށް ހިޖްރަކުރި އެތައް ޔަހޫދީންނަކަށް މުސްލިމުން ހިމާޔަތްވެސް ދިނެވެ. ނަމަވެސް " ކާން ދިން އަތުގައި ދަތް އެޅީ" ޒަޔަނިސްޓުން ހިންގި ބޮޑު ޕްރޮޕެގަންޑާއެއްގައި ޔަހޫދީން ޖެހި، ފަލަސްތީނުގެ ބިމަކީ ޔަހޫދީންނަށް މާތް ﷲ ހިބައިން ދެއްވާފައިވާ އަދި އެބިމަކަށް އެހެން ބަޔަކަށް އެއްވެސް ހައްޤެއް ނެތް ބިމެއް ކަމުގައި ބުނެގެނެވެ.
ކަންތައް މިހެން ވެފައި އޮތަސް، އަޅުގަނޑުމެން ވިސްނަން ޖެހޭ ކަމެއް އެބަ އޮތެވެ. އެއީ، ކޮންމެ ޔަހޫދީ އަކީ ޒަޔަނިސްޓެއް ނޫންކަމެވެ. އަދި ކޮންމެ ޒަޔަނިސްޓަކީ ޔަހޫދީ އެއް ނޫންކަމެވެ. އެމެރިކާގެ ގިނަ ޒަޔަނިސްޓުންނަކީ އިވެންޖެލިކަލް އަދި ކެތޮލިކް ކްރިސްޓިއަނުން ނެވެ. އަދި މުސްލިމުގެ ތެރޭގައި މަދުން ނަމަވެސް ޒަޔަނިސްޓުން ހިމެނޭ ކަމެވެ. އެހެނީ ޒަޔަނިސްޓުންނަކީ ޔަހޫދީންނަށް ފަލަސްތީނުގެ ބިމުގެ މިލްކުވެރިކަންވާ އެމީހުންގެ ތާރީޚީ ހައްޤެއް ކަމަށް ޤަބޫލުކުރާ ކޮންމެ މީހެކެވެ. ޒަޔަނިސްޓުން ފަލަސްތީނުގެ ބިމުގައި ބޮޑެތި ޖަރީމާތަކެއް ހިންގަނީ އެމީހުން ޤަބޫލުކުރާ "މަސީހް" ނުވަތަ "މަސަޔާ" ގެނައުން އަވަސް ކުރުވަންށެވެ. ޒަޔަނިސްޓުން ޤަބޫލުކުރާ ގޮތުގައި އެމީހުން ޤަބޫލު ކުރާ މަސާޔާ އައުމަށް ފުރިހަމަ ކުރަންޖެހޭ ކަންކަން އެމީހުން ތަންފީޒު ނުކުރަނީސް އެ މަސާޔާއެއް ފާޅެއް ނުވާނެއެވެ. ނަޞާރާއިންގެ ތެރެއިން ޒަޔަނިސްޓުންނަށް ވާގިވެރިވާ ފަރާތްތައް އެކަން ކުރަނީ ޢީސާގެފާނު ދެވަނަ ފަހަރަށް ދުނިޔެއަށް އަންނަ އައުން އަވަސް ކުރުވުމަށެވެ. މީގެ ފަހަތުގައި ފޮރުވިފައި ވަނީ ކޮންމެ ބައެއްވެސް އެބައެއްގެ އަމިއްލަ ބޭނުމެކެވެ. އަދި މިކަމަކީ ޢީސާގެފާނު ދުނިޔެއަށް ވަޑައިގަތުމަށް ވެވޭ ތައްޔާރީއެއް ކަމަށް ބައެއް މުސްލިމުންވެސް ދެކޭ ދެކުމަކީ މުޅިން ގޯހެކެވެ. މި ޤަބޫލުކުރުންތަކާއި އެކު، ޒަޔަނިސްޓު ޔަހޫދީން ފަލަސްތީނުގައި ހިންގަމުން އަންނަ ޖަރީމާ ވަރިހަމަކޮށްލައިގެން ތިބި މަދު މުސްލިމުންވެސް އުޅޭކަމީ ހިތާމަ ކުރަން ޖެހޭ ކަމެކެވެ.
ހުޅަނގުންނާއި ޒަޔަނިސްޓުން އަޑީގައި ތިބެ ދުނިޔޭގެ އެކި ޤައުމުތަކުގެ ތަޢުލީމީ މުޤައްރަރުތަކުގައި "އެންޓި ސެމިޓިޒަމް" އާއި ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުވަން ވަރަށްވެސް ގިނަ މަސައްކަތްތަކެއް ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން ފެށިއެވެ. ނަމަވެސް ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ އަނިޔާތަކާއި ދުއްތުރާތައް ހާމަވެ ފާޅުވުމުގެ ސަބަބުން އަދުގެ ދުނިޔޭގައި ޒަޔަނިސްޓުންގެ ސަބަބުނު މުޅި ޔަހޫދީ ދަރިފަސްކޮޅަށް މިވަނީ ބަދުބަސް ލިބެން ފަށާފައެވެ. ޔަހޫދީންނާއި މެދު އަރަބި ނަޞާރާއިންނާއި މުސްލިމުންގެ ރުޅިވެރިކަން އިހުނަށް ވުރެ ބޮޑަށް ދަނީ އިތުރުވަމުންނެވެ. ހުޅަނގާއި އެމެރިކާ ބައްރުގައިވެސް ޔަހޫދީންނާއި މެދު މަޑު ހިތެއް ގެންގުޅުނު ފަރާތްތަކުން މިހާރު އެމީހުން ދެކޭގޮތް ވަނީ ބަދަލުވެފައެވެ. އެންޓި ސެމިޓިޒަމް ދިރުވައި އާލާ ކުރުމުގެ ތުހުމަތަކީ މިއަދު މުސްލިމުންގެ ބޮލުގައި އެޅުވޭނެ އެއްޗެއް ނޫނެވެ. އެކަމުގެ ފުރިހަމަ ޒިންމާ ޒަޔަނިސްޓުން އުފުލަން ޖެހޭ ކަމީ އެއީ ދެބަސް ނުވެވޭނެ ހަޤީޤަތެކެވެ.