ޚަބަރު
އައިސް ޕްލާންޓެއްގެ މައްސަލައިގައި ފެނަކަ ސައީދާއި އޭރުގެ ޗީފް އެކައުންޓެންޓަށް ދައުވާކުރަން ފޮނުވައިފި

ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަޙުމަދު ސަޢީދު މުޙައްމަދު ---
އައިސް ޕްލާންޓެއްގެ މައްސަލައިގައި ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަޙުމަދު ސަޢީދު މުޙައްމަދާއި، އޭރުގެ ޗީފް އެކައުންޓެންޓު، މުޙައްމަދު މަސްޢޫދުގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައިފިއެވެ.
މިއީ ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓް ފެނަކަ ކޯޕަރޭޝަނަށް ގަތުމުގައި ކުންފުނީގެ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލައަކާ ގުޅިގެން، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ތަޙުޤީޤު ކުރުމަށްފަހު ޕީޖީއަށް ފޮނުވާފައިވާ މައްސަލައެކެވެ.
އޭސީސީން ފާހަގަކޮށްފައިވާ ގޮތުގައި، މި ފެން ޕްލާންޓް އެ ކުންފުންޏަށް ގަންނަން ނިންމިއިރު ސައީދު ވަނީ ކުންފުނީގެ ބޯޑަށް ދޮގު މަޢުލޫމާތު ދީފައެވެ. އަދި ސައީދު މި އައިސް ޕްލާންޓު ގަންނަން ނިންމިއިރު އެ ޕްރޮޖެކްޓަކީ ކުންފުންޏަށް ގެއްލުންހުރި، "އިންޓަރނަލް ރޭޓް އޮފް ރިޓާން" އަދި "ނެޓް ޕްރެޒެންޓް ވެލިއު" ވަރަށް ބޮޑަށް ނެގެޓިވް ކަމަށް ފާހަގަކޮށްފައިވާ ގެއްލުންހުރި ޕްރޮޖެކްޓެއްކަން އެނގޭނެ ކަމަށް ވެސް އޭސީސީން ތުހުމަތުކުރެއެވެ.
މީގެ އިތުރުން މި އައިސްޕްލާންޓު ގަންނަން މަސްޢޫދު ހުށަހަޅާފައިވާ އަގަކީ މާކެޓް ވެލިއުއަށްވުރެ މަތީ އަގެއްކަން ތަޙްޤީޤަށް ހާމަވެފައިވާކަމަށް ވެސް އޭސީސީން ވަނީ ބުނެފައެވެ. އަދި އައިސްޕްލާންޓް ފަދަ ތަކެތީގެ ވެލުއޭޝަން ހެދުމުގެ ޤާބިލްކަން ފެނަކައިގައި ހުރި ނަމަވެސް، މާކެޓް ވެލިއު ހޯދުމުގެ މަސައްކަތް ނުކޮށް، އައިސްޕްލާންޓް ވިއްކި ފަރާތުން ހުށަހެޅި އަގުތައް ބޭނުންކޮށްގެން ވެލުއޭޝަން ތައްޔާރުކޮށް އޮޅުވާލާފައިވާކަން ފާހަގަކުރެވޭކަމަށްވެސް އޭސީސީން ވިދާޅުވެއެވެ.
ސައީދުއާއި މަސްއޫދުގެ މައްޗަށް ދެ ކުށަކަށް ދަޢުވާ ކޮށްދިނުމަށް އޭސީސީންވަނީ ހުށަހަޅާފައެވެ. އެއީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއާއި، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި ދައުލަތަށް ފައިދާ ނުލިބޭގޮތަށް ޢަމަލުކުރުން ނުވަތަ ދައުލަތަށް ލިބެން އޮތް ފައިދާއަކަށް އުނިކަމެއް ލިބޭގޮތަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާއެވެ.