ކޮލަމް / ރިޕޯޓް

ސްކޫލް ކުދިންގެ ލުއިނުވި ދަބަސް، މިކަމަށް އޮތް ހައްލަކީ ކޮބާ؟

ސްކޫލް ކުދިންގެ ލުއިނުވި ދަބަސް، މިކަމަށް އޮތް ހައްލަކީ ކޮބާ؟

ސްކޫލް ކުދިންގެ ލުއިނުވި ދަބަސް، މިކަމަށް އޮތް ހައްލަކީ ކޮބާ؟

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

21 އޭޕްރީލު 2025، 05:45

21 އޭޕްރީލު 2025، 05:45

ހައްޓަށްވުރެ ބަރު ދަބަސް ހިފައިގެން މަދަރުސާއަށް ދެވޭއިރު، އިންތިހާއަށް ވަރުބަލިވެފައިހުރެ ދަރިވަރަށް މިޖެހެނީ ކިޔެވުމާއިގެން މަޝްއޫލުވާށެވެ. އެއަށްވުރެވެސް ދެރަކަމަކީ ހަގީގަތުގައި ކުއްޖާއަށް ސިއްހީ ގޮތުން ލިބޭ ގެއްލުމެވެ. ބަރު ދަބަސް އުފުލުމުގެ ސަބަބުން ކުދިންގެ ކޮނޑަށާއި ބުރަކައްޓަށް ބޮޑެތި ގެއްލުންތަކެއް ވެދާނެ ކަމަށް ސިއްހީ މާހިރުން ބުނެއެވެ. މިއީ މިހާތަނަށް ޙައްލެއް ލިބިފައިނުވާ މައްސަލައެކެވެ.ސްކޫލުތައް ޑިޖިޓައިޒްކޮށް ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދޭން ފަށަން ނިންމުމުން ގިނަ ބަޔަކަށް ހީކުރެވުނީ ދަރިވަރުންގެ ފޮތް ދަބަސް ބަރުވުމުގެ މައްސަލަ އަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ. އެކަމަކު އެއިން އެއްވެސް ކަމަށް ހައްލެއް ނުލިބި، އެ ކަންބޮޑުވުންތައް ހަމަ އޮތްތާނގައި އޮތީ އެވެ. ސްކޫލަށް ގެންދަންޖެހޭ އެއްޗެހި ދިޔައީ އިތުރުވެގެންނެވެ.

ގިނަ ސްކޫލްތައް ހުންނަނީ ، ގިނަ ފަންގިފިލާތަކެއް ހިމެނޭ އިމާރާތްތަކުގައި ކަމުން، ކުދިން އާންމުކޮށް ބައެއްފަހަރު 6 ވަނަ ފަންގިފިލާއާ ހަމައަށްވެސް އަރަން ޖެހެއެވެ. އަދި ބައެއް ފަހަރު ދުވާލަކު އެތައް ފަހަރަކު މިކަން ކުރަން ޖެހެއެވެ. މިގޮތަށް އަރާ ފައިބާއިރު އުފުލަން ޖެހެނީ ޞިއްޙީ ގޮތުން އެކަށީގެންވާ ވަރަށްވުރެ ބަރު ދަބަސްތަކެކެވެ.

ފޮތް ދަބަސް ބަރުވުމުގެ ޝަކުވާ އަކީ މީގެ އެތައް އަހަރެއް ކުރިން ފެށިގެން ބެލެނިވެރިން ކުރަމުން އަންނަ ޝަކުވާއެކެވެ. ޓެބްލެޓް ބޭނުންކުރަން ފެށުމުން ދަބަސް ލުއިވާނެ ކަމަށް ބުނި ނަމަވެސް ގިނަ މާއްދާތައް ކިޔަވައިދެނީ އަދިވެސް ފޮތުންނެވެ.

މި ހާލަތު އިތުރަށް ގޯސްވަނީ ބައެއް ސްކޫލްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން "ދަރިވަރުންނަށް ލިފްޓް ބޭނުންކުރުން މަނާ" ކުރެވިފައި އޮންނަ އޮތުންކަމުގައި ބައެއް ބެލެނިވެރިން ފާހަގަކުރެއެވެ. ލިފްޓް ހުރި ނަމަވެސް، އެއީ މުދައްރިސުންނާއި އިދާރީ މުވައްޒަފުންނަށް ޚާއްޞަ ކުރެވިފައިވާ އެއްޗެކެވެ. މިކަމުގެ ސަބަބުން  ކުޑަކުދިންވެސް ބަރު ދަބަސް އުފުލައިގެން ސިޑިން އަރަން ޖެހެއެވެ. މިކަމަކީ ހެދިބޮޑުވަމުން އަންނަ ކުދިންގެ ހަށިގަނޑަށް ދިގު މުއްދަތަކަށް ގެއްލުން ލިބިދާނެ ކަމެއް ކަމަށް މައިންބަފައިންނާއި ޞިއްޙީ ދާއިރާގެ ފަންނީ މާހިރުން ދެކެއެވެ.

މުދައްރިސުންނާއި އެކީގައި ކުރީގަ ލިފްޓް ބޭނުންކުރެވޭ، އެކަމަކު މިހާރު މަނާކޮށްފި ލިފްޓާއި ރޭމްޕް، ވަރަށް ދެރަ ކަންކަންމީ، ސްކޫލަށްދާހިތުން އުޅޭކުދިން މިހާރު ނުދާންވެސް ބޮޑާހާކާ، އަސްލު އަހަރެމެން ބޮޑެތި މީހުނަށްވެސް އެއީ ވަރަށް ތަކުލީފު ސިޑިިން އެހާމައްޗަށްއެރުން ، އަދި ކުދިންނަށް ވާނީ ކިހިނެއް؟"

ސޯޝަލްމީޑިއާގައި ބެލެނިވެރިއެއް ފާޅުކޮށްފައިވާ ކަންބޮޑުވުން

ޞިއްޙީ މާހިރުން ލަފާދެނީ ކުދިން އުފުލާ ދަބަސްތަކުގެ ބަރުދަން އެ ކުއްޖެއްގެ ހަށިގަނޑުގެ ބަރުދަނުގެ 10-15 އިންސައްތައަށްވުރެ އިތުރު ނުވާނެ ގޮތަށް ބެހެއްޓުމަށެވެ. ބަރު ދަބަސް ބުރަކަަށީގައި އަޅުވާ ނަމަ، އެ ކުދިންގެ ހެދި ބޮޑުވުމާއި ބުރަކައްޓާއި ކަނދުރާ އަދި މޭމަތީގެ ކާވް (ގޮނި) އާ ގުޅިފައިވާ ހިސާބަށް މައްސަލަތައް ދިމާވާ ކަމަށް ދިރާސާތަކުން ދައްކައެވެ.ބަރު ދަބަސް އާއްމުކޮށް ހަފްތާއަކު ފަސް ދުވަހު އުފުލުމުން ހެދި ބޮޑުވަމުންދާ ކުދިންގެ މައިބަދައިގެ ބައްޓަމަށް ބަދަލު އާދެއެވެ. އެގޮތުން ބުރަކަށީގެ މެދުގެ ގޮންޏާއި ތިރީ ގޮންޏަށް ބަދަލު އަންނަކަމަށް ދިރާސާތަކުން ވަނީ ހާމަވެފައެވެ. މީގެ ސަބަބުން އުނަގަޑުގައި ރިހުމާއި ބުރަކަށީގެ މެދު ބައިގައި ރިހުމާއި މޭކަށިތަކާއި ހުޅުތައް އަދި މަސްތަކުގައި ރިހޭ ގޮތްވެ ތަދުވުން ފަދަ ކަންކަން ދިމާވެއެވެ. އަދި ބައެއްފަހަރު ބުރަކަށީގައި ގޮށްގަޑެއް ލާގޮތް ވެސް ވެއެވެ.ނަމަވެސް، ޑިޖިޓަލް ވަސީލަތްތަކާއި ލޮކަރުތައް ނެތުމާއި، މަންހަޖު ރޭވިފައިވާ ގޮތުގެ ސަބަބުން ދަރިވަރުން ގިނަ ފަހަރަށް އުފުލަން ޖެހެނީ ހުރިހާ ފޮތްތަކަކާއި، ނޯޓު ފޮތްތަކާއި، ކެއުމުގެ ތަކެއްޗާއި އެހެނިހެން ތަކެތި އެއްފަހަރާ ބަރުދަބަހެއްގައެވެ.

މިމައްސަލައަށް ޙައްލު ހޯދައިދިނުމުގެ ގޮތުން ކުރީގައި ދަރިވަރުން ބޭނުންކުރަމުންއައި މޮނީޓަރު ފޮތުގެ ބަދަލުގައި ބޭރުގަނޑު ތުނި ފޮތް ބޭނުންކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންގާފައެވެ.

ކަށީގެ ޑޮކްޓަރު ހުސެއިން ޝަކީލް ވިދާޅުވެފައިވަނީ ނުވަ އަހަރުން ފެށިގެން ފުރާވަރު އުމުރުގެ ކުދިން ގައިގައި ރިއްސާތީ ފުދޭވަރަކަށް ގިނައިން ފަރުވާހޯދާ ކަމަށެވެ. ބަރުދަބަސް އުފުލައިގެން އެކަމުގެ އަސަރު ޅައުމުރުގައި ނުފެނުނު ކަމުގައި ވިއަސް ގެއްލުން ފެންނާނީ މެދު އުމުރާ ހިސާބަށް ދިއުމުން ކަމަށް ޑޮކްޓަރ ޝަކީލް ވިދާޅުވިއެވެ. އެހެންވެ އެއީ ގައުމީ ފެންވަރުގައި އިދާރާތަކުން ވިސްނައިގެން އަވަސް ހައްލެއް ގެންނަންޖެހޭ ކަމެއް ކަަމަށް ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ސްކޫލުތަކުގެ ދަރިވަރުން (ކީ ސްޓޭޖް 1،2 އަދި 3) ގެ ސްކޫލް ދަރިވަރުންގެ ފޮތް ދަބަސް ގާތްގަނޑަކަށް 5 ކިލޯ އަށް ވުރެ ބަރުވާނެއެވެ.ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ގައުމުތަކުގައި ސްކޫލު ކުދިންގެ ފޮތް ދަބަސް ވަކި މިންވަރަކަށް ވުރެ ބަރު ކުރުމަކީ މަނާ ކަމެކެވެ. އެގޮތުން އިންޑިއާ ސަރުކާރުން ވަނީ 2018 ވަނަ އަހަރު، އެ ގައުމުގެ ސްޓޭޓް ސަރުކާރުތަކަށް އެސްޓޭޓްގެ ދަރިވަރުންގެ ސްކޫލު ދަބަހުގެ ބަރުދަން ލުއިކުރުމަށް އަންގާފައެވެ.

ބަރު ދަބަސް ހިފައިގެން އެހާ މައްޗަށް އަރާއިރު ހުންނަނީ ކަކުލުގަ ރިއްސާފައޭ މަގޭ ދަރިފުޅު ބުނީ ފުރަތަމަ ދުވަހު ސްކޫލަށް ގޮއްސައައިސަވެސް،މިއީ ވަރަށް ކަންބޮޑުވާކަމެއް އަޅުގަނޑުވެސް، ސްކޫލްގައި ފިލާވަޅުތައް ނެތް ފޮތްތައް ބެހެއްޓޭ ގޮތް ހަދާލަދޭނަމަވެސް ރަނގަޅު ، ދަބަސްް ބަރުކަމުން ނުހުރޭ ކޮންޑުހުޅުގަވެސް ކުރާނެކަމެއް

ސޯޝަލްމީޑިއާގައި ބެލެނިވެރިއެއް ކޮށްފައިވާ ކޮމެންޓް

މައިންބަފައިން މިކަމާ ގުޅޭގޮތުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި މިކަން ސްކޫލްތަކުގެ ބައްދަލުވުންތަކުގައާއި ސޯޝަލް މީޑިއާގައި އާންމުކޮށް ފާހަގަކުރެވެއެވެ. ނަމަވެސް، ގިނަ މައިންބަފައިން ދެކޭގޮތުގައި ސްކޫލްތަކުގެ އިސްވެރިންނާއި ތަޢުލީމީ ދާއިރާގެ އިސްފަރާތްތަކުން މިކަމަށް އެކަށީގެންވާ ސަމާލުކަމެއް ދީފައެއް ނުވެއެވެ.މިކަމުގެ ހައްލެއްގެ ގޮތުން ބައެއް ރަށްރަށުގެ ސްކޫލު ކުދިންގެ ބެލެނިވެރިން ފައިސާ އެއްކޮށްގެން ކުލާހުގައި ފޮތް ހަރުގަނޑެއް ނުވަތަ ތަޅުލެވޭ ލޮކަރު ބަހައްޓާފައި ހުރެއެވެ. ނަމަވެސް ގުދާރު ގުޑާވަރުގެ ބަރު ދަބަސް ބަހައްޓަން އުނދަގޫވެ ބެލެންސް ގެއްލި ކުރިއަށް ވެއްޓޭ ގޮތްވާ ކަމަށް ވެއެވެ. އަދި ހަގު އުމުރުގައި ރާއްޖެ ބަލި (އާރތްރިޓްސް)ގެ އަލާމާތް ފެންނުމުގެ ފުރުސަތު ވެސް ބޮޑުވެއެވެ. ސްކޫލްގައި ލޮކަރ ނުވަތަ ފޮތްބަހައްޓާނެ ކަބަޑް ހެދުމަށް ފައިސާދައްކާފައިވާ ބައެއް ބެލެނިވެރިންވެސް ވަނީ ހައްލުނުލިބޭކަން ފާހަގަކޮށްފައެވެ.

ބައެއް ބެލެނިވެރިންވަނީ އެއްބައި ސްކޫލްތަކުން އާދީއްތަ ދުވަހު ހުރިހާ ފޮތެއް ސްކޫލަށް ގެންގޮސް ކްލާހުގައި ބެހެއްޓޭ ކަމަށާއި ހަފްތާ ނިމުމުން ބުރާސްފަތި ދުވަހު ކުދިންނާއި އަނބުރާ ފޮތްތައް ހަވާލްކުރާކަން ފާހަގަ ކޮށްފައެވެ. ނަމަވެސް މިކަން މިގޮތަށް ކުރަނީ މަދު ސްކޫލަކުންކަން ބެލެނިވެރިންވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ބައެއް ދަރިވަރުންނަކީ މިހާރުވެސް ބެލެނިވެރިންނާއިއެކު ފައިމަގުގައި ސްކޫލަށްދާ ކުދިންނެއް، އެއްބައިކުދިން ބަސް ނަގައިގެން މާލެއިން ހުޅުމާލެއަށް ދަތުރުކުރަންޖެެހެއެވެ. ބައެއް ބެލެނިވެރިންނަކީ އެއްފަހަރާ ދެތިންކުދިން ސްކޫލަށް ގެންގޮސް ގެނެސް ހަދަން ޖެހޭއިރު މިއީ ބެލެނިވެރިންނަށް ވެސް ލިބޭ ތަކުލީފެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.

ބައެއް ބެލެނިވެރިން މިކަމާ ގުޅިގެން  ހުށަހަޅާފައިވާ ޙައްލުތަކުގެ ތެރޭގައި 3 ބުރިއަށްވުރެ އުސް އިމާރާތްތަކުގައި، ޚާއްޞަކޮށް ދަރިވަރުންނަށް ލިފްޓް ބޭނުންކުރުމުގެ ހުއްދަ ދިނުން،ޑިޖިޓަލް ފޮތްތަކާއި އީ-ލަރނިންގ ވަސީލަތްތައް ތަޢާރަފުކޮށް، ގެންގުޅެން ޖެހޭ ތަކެތި މަދުކުރުން،ދަރިވަރުންނަށް ލޮކަރު ނުވަތަ ކްލާސްރޫމްގައި ތަކެތި ބެހެއްޓޭނެ ގޮތް ހަދައިދިނުން އަދި ދުވާލަކު ގެންނަން ޖެހޭ މާއްދާތަކާއި ފޮތްތައް މަދުކުރެވޭނެ ގޮތަށް ޓައިމްޓޭބަލް އެކުލަވާލުން ހިމެނެއެވެ.

ޖާގައިގެ ދަތިކަމަކީ ރާއްޖޭގެ ސްކޫލްތަކަށް ކުރިމަތިވެފައިވާ ގޮންޖެހުމަކަށްވާއިރު، ތަޢުލީމީ ނިޒާމުވެސް އެއާ އެއްގޮތަށް ތަރައްޤީވެ، ދަރިވަރުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދިނުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ބެލެނިވެރިން ފާހަގަކޮށްފައިވެއެވެ.


                    


                    

މި ލިޔުން ކިޔާލުމުން

Ads by MSS