ޚަބަރު
އެފްއޭއެމްގެ ފައިސާއިން ބައްސާމް ގަތް ދެ ޕެންޓްހައުސް ފުލުހުންނާ ހަވާލު ކުރަން އަންގައިފި
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް- ފޮޓޯ: ދަ މޯލްޑިވްސް ޖަރނަލް
ފަރުދުން
04 އޮކްޓޯބަރު 2024، 02:42
04 އޮކްޓޯބަރު 2024، 02:42
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އެ އެސޯސިއޭޝަންގެ ފައިސާއިން ގަނެފައިވާ ދެ ޕެންޓްހައުސްތައް ފުލުހުންނާ ހަވާލުކުރަން އަންގައިފިއެވެ.
ބައްސާމް އެ ދެ ޕެންޓްހައުސް ގަނެފައިވަނީ ކޮވިޑު 19 ދުވަސްވަރު ފުޓްބޯޅަ ކްލަބްތަކަށް ދިމާވި މާލީ ދަތިކަން ހައްލުކުރުމަށް އެފްއޭއެމުން، ފީފާ މެދުވެރިކޮށް ނެގި ލޯނު ފައިސާއިންނެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކޮށްދޭން ފުލުހުން ވަނީ މިދިޔަ މަހު ޕީޖީ އޮފީހުގައި ވެސް އެދިފަ އެވެ.
ފުލުހުން މީޑިއާއަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އެ މައްސަލަ ބެލުމަށްފަހު، އަންނަ އާދީއްތަ ދުވަހުގެ ކުރިން އެ ދެ އެޕާޓްމަންޓް ފުލުހުންނާ ހަވާލުކުރުމަށް ބައްސާމުގެ މައްޗަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. އެހެންވެ އެ ދެ އެޕާޓްމަންޓް ފުލުހުންގެ ބެލުމުގެ ދަށަށް ނެގުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
ފީފާއިން ވަނީ އެފްއޭއެމްއަށް ލޯނުގެ ގޮތުގައި 1.9 މިލިއަން ޑޮލަރު ދީފައެވެ. އޭގެ ތެރެއިން އެއް މިލިއަން ޑޮލަރު މާރުކުރުމަށްފަހު ފުލެޓް ގަތް މައްސަލައިގައި ބައްސާމާއި އިތުރު ދެ މީހެއްގެ މައްޗަށް ދައުވާކުރަން ފުލުހުން މީގެ ކުރިން ފޮނުވާފައިވެއެވެ.
ފުލުހުން ވަނީ މި މައްސަލައިގައި ބައްސާމުގެ އިތުރުން އެޕާޓްމަންޓް ވިއްކި އަމީން ކޮންސްޓްރަކްޝަނާއި އެފްއޭއެމްގެ އޭރުގެ ފައިނޭންސް ހެޑް މުހައްމަދު އަގީލާއި އެ އެސޯސިއޭޝަނުގައި އޭރު މަސައްކަތް ކުރި ހަސަން ވަހީދުގެ މައްޗަށް ވެސް ދައުވާކޮށްދޭން އެދިފަ އެވެ.
ފީފާއިން މީގެ ކުރިން ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ފީފާގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރިކަމުގެ ތުހުމަތުގައި ބައްސާމް ސަސްޕެންޑްވެސް ކޮށްފައެވެ.