ޚަބަރު
4000 ހައުސިންގ ޔުނިޓާ ގުޅޭ މުޢާމަލާތްތައް ކުރިއަށްގެންދެވޭނީ ހައުސިން މިނިސްޓްރީން ވަކިގޮތަކަށް އެންގުމުން- އެފްޑީސީ
4000 ހައުސިންގ ޔުނިޓުގެ މަޝްރޫޢުގެ އެންމެ ފަހުގެ މަސައްކަތްތައް ބެއްލެވުން/ ފޮޓޯ:އެފްޑީސީ
ފަރުދުން
26 އޯގަސްޓު 2024، 03:02
26 އޯގަސްޓު 2024، 03:02
ހުލާސާ
- 4،000 ހައުސިން ޔުނިޓާ ބެހޭ އެއްވެސް މުއާމަލާތެއް ކުރިއަށް ގެންދެވޭނީ ހައުސިން މިނިސްޓްރީން އެކަމުގައި ވަކި ގޮތެއް އެންގުމުން ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނުން
- ގިނަ ބަޔަކު ފްލެޓްތަކާ ގުޅޭގޮތުން ސުވާލު ކުރަމުންދާ ކަމަށް އެފްޑީސީން ބުނޭ
- މަސައްކަތް މަޑުޖައްސާލީ ގިނަ އަދަދެއްގެ މީހުން ޝަކުވާ ހުށަހެޅުމުން ކުރެވުނު ތަޙުގީގު ރިޕޯޓް ދައްކާގޮތުން ފޯމުތަކުގެ %59.6 ފޯމަކީ ޝަރުތު ހަމަނުވާ ފޯމުތަކެއް ކަމަށް އޭސީސީން ބުނުމުން
- ސަރުކާރުން ނިންމާފައިވަނީ ކުރީގެ ސަރުކާރުން ގެޒެޓުކުރި ދާއިމީ ލިސްޓަށް އެއްވެސް އުނި އިތުރެއް ނުގެނެސް، އަލުން ރިވިއުކުރުމަށް
'ގެދޮރުވެރިޔާ ސްކީމް'ގެ ދަށުން މިދިޔަ ސަރުކާރުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްޤީ ކުރަން ފަށާފައިވާ 4،000 ހައުސިން ޔުނިޓާ ބެހޭ އެއްވެސް މުއާމަލާތެއް ކުރިއަށް ގެންދެވޭނީ ހައުސިން މިނިސްޓްރީން އެކަމުގައި ވަކި ގޮތެއް އެންގުމުން ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ބުނެފި އެވެ.
އެ ކޯޕަރޭޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ ގިނަ ބަޔަކު ފްލެޓްތަކާ ގުޅޭގޮތުން ސުވާލު ކުރަމުންދާ ކަމަށާއި އެހެން ނަމަވެސް މިނިސްޓްރީ އޮފް ހައުސިންގ ލޭންޑް އެންޑް އަރބަން ޑިވޮލޮޕްމަންޓްއިން މީގެ ކުރިން ހައުސިން ޔުނިޓްތައް ހަވާލުކުރުމާ ގުޅުންހުރި އެންމެހާ މަސައްކަތްތައް މަޑުޖައްސާލުމަށް އަންގާފައި ކަމަށެވެ.
ކުރީ ސަރުކާރުން މާލޭގައި ދިރިއުޅޭ މީހުންނަށް ފްލެޓު ދިނުމަށް 'ގެދޮރުވެރިޔާ' ސްކީމުން ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓެއް ދައުރުގެ ފަހުކޮޅުގައި ވަނީ ގެޒެޓުކޮށްފަ އެވެ. ނަމަވެސް ދާއިމީ ލިސްޓަށް ގިނަ އަދަދެއްގެ މީހުން ޝަކުވާ ހުށަހެޅުމުން އޭސީސީން ކުރެވުނު ތަޙުގީގު ރިޕޯޓް ދައްކާގޮތުން ފޯމުތަކުގެ %59.6 ފޯމަކީ ޝަރުތު ހަމަނުވާ ފޯމުތަކެއް ކަމަށް ވަނީ ބުނެފަ އެވެ. އެއާ އެކު، މި ސަރުކާރުން ނިންމާފައިވަނީ ލިސްޓު އަލުން ރިވިއު ކުރުމަށްފަހު ފްލެޓްތައް ދޫކުރުމަށެވެ.
އެފްޑީސީގެ ބަޔާނުގައިވާގޮތުން 'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން ފްލެޓް ލިބޭނެ ފަރާތްތަކާއި އެ ފަރާތްތަކަށް ލިބޭނެ ފްލެޓު ކަނޑައެޅުމުގެ މަސައްކަތް ކުރަމުން ގެންދަނީ ހައުސިން މިނިސްޓްރީނެވެ. އަދި މި ސްކީމްގެ ދަށުން އެފްޑީސީން ވެސް އަމަލުކުރަމުން ދަނީ މިނިސްޓްރީން އަންގާ ގޮތަށް ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އެންގެވުމާއި އެއްގޮތަށް މި ސަރުކާރުން ނިންމާފައިވަނީ ކުރީގެ ސަރުކާރުން ގެޒެޓުކުރި ދާއިމީ ލިސްޓަށް އެއްވެސް އުނި އިތުރެއް ނުގެނެސް، އަލުން ރިވިއުކުރުމަށެވެ.