ޚަބަރު / ވިޔަފާރި
އިލެކްޓްރިކް ވެހިކަލް ޗާޖިންގ ސްޓޭޝަންގެ ޢަމަލީ މަސައްކަތް ފަށައިފި
އިލެކްޓްރިކް ވެހިކަލް ޗާޖިންގ ސްޓޭޝަންގެ ޢަމަލީ މަސައްކަތް ފަށުން- ފޮޓޯ: ސްޓެލްކޯ
ސްޓެލްކޯއިން ޤާއިމްކުރުމަށް ހަމަޖެހިފައިވާ އިލެކްޓްރިކް ވެހިކަލް ޗާޖިންގ ސްޓޭޝަންގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
މި ސްޓޭޝަން ތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތިމާވެށީގެ ހަރުދަނާ ސިޔާސަތުފުޅުތަކުގެ ތެރެއިން ކާރބަން ފުޓް ޕްރިންޓް ކުޑަކުރުމަށާއި، ޤައުމަށާއި ދުނިޔެއަށް އަންނަ ކުރިއެރުންތަކާއެކު، ތިމާވެށްޓާ ރައްޓެހި އުޅަނދުތަކަށް އޮންނަ ޑިމާންޑްބޮޑުވެ، އެފަދަ އުޅަނދުތައް ގެންގުޅެން ބޭނުންވާ ފަރާތްތަކަށާއި، މިހާރުވެސް ގެންގުޅޭ ފަރާތްތަކަށް ލުއި ފަސޭހަތައް ހޯދައިދިނުމުގެ ގޮތުން ޤާއިމްކުރާ ސްޓޭޝަން ތަކެކެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވީ، އެކުންފުނީން މާލޭގައި ގާއިމްކުރާ އިލެކްޓްރިކް ވެހިކަލް ޗާޖިން ސްޓޭޝަންގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރިޔަށް ދާ ކަމަށެވެ. މި މަސައްކަތް ޝެޑިއުލާއި އެއްގޮތަށް ކުރިޔަށް ދާކަމަށާއި ވަރަށް އަވަހަށް މި ސްޓޭޝަންގެ މަސައްކަތް ނިމި އެ ތަނުން ރައްޔިތުންނަށް ޚިދުމަތް ދޭން ފެށޭނެ ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ. މި ސްޓޭޝަން އަކީ ހަތަރުފުރޮޅުލީ އުޅަނދުގެ އިތުރުން ދެ ފޮރުޅުލީ އުޅަނދުތައްވެސް ޗާޖްކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ތަނެކެވެ.