ޚަބަރު
ބެލެނިވެރިޔާއާއި، ކުއްޖާއާއި ދެމެދުގައި އޮންނަ ގުޅުމަކީ އިތުބާރުކުރެވޭ ގުޅުމެއްކަން ކަށަވަރު ކޮށްދިނުން މުހިންމު: މެޑަމް ސާޖިދާ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން- ސާޖިދާ މުޙައްމަދު : ފޮޓޯ: ރައީސް އޮފީސް
ބެލެނިވެރިޔާއާއި، ކުއްޖާއާއި ދެމެދުގައި އޮންނަ ގުޅުމަކީ އިތުބާރުކުރެވޭ ރަނގަޅު ގުޅުމެއްކަން ކަށަވަރު ކޮށްދިނުން މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް 2025 ގެ ތެރެއިން "ކުޑަކުދިންގެ ޢަދުލުގެ ނިޒާމް، ބެލެނިވެރިންނާއި މުދައްރިސުންގެ އުންމީދުތައް" ނަމުގައި މިއަދު ކުރިއަށްދިޔަ ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން އެކަމަނާ ވިދާޅުވީ ޢަދުލު އިންސާފުގެ ނިޒާމަށް ބެލެނިވެރިން އަހުލުވެރިވުން މުހިންމު ކަމަށެވެ.
އަދި އެކަމަނާ ވަނީ ޢަދުލު އިންސާފުގެ ނިޒާމުގެ މައުލޫމާތު ބެލެނިވެރިންނަށް ލިބުމުގައި ހުރި ގޮންޖެހުންތައް ފާހަގަކުރައްވައި، ކުށުގެ މާހައުލުން ކުއްޖާ ރައްކާތެރިކުރުމަށް ބެލެނިވެރިޔާގެ ޒިންމާ ރަނގަޅު ގޮތުގައި އަދާކުރުމަށް ބާރުއަޅުއްވާފައެވެ. މީގެއިތުރުން ކުށުގެ ވެށިން ކުއްޖާ ރައްކާތެރިކުރުމަށް ބެލެނިވެރިޔާއާއި، ކުއްޖާއާއި ދެމެދުގައި އޮންނަ ގުޅުމަކީ އިތުބާރުކުރެވޭ ރަނގަޅު ގުޅުމެއްކަން ކަށަވަރު ކޮށްދިނުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މެޑަމް ސާޖިދާ ވިދާޅުވީ، އެންމެ ދެކެން ބޭނުންފުޅުވާ ދުވަހަކީ ޢަދުލުގެ ނިޒާމުގެ ތެރެއަށް ކުދިން ނުވަންނަ ދުވަހެއް ކަމުގައެވެ. އަދި މިކަން ކުރެވޭނީ މުއައްސަސާތަކުގެ މެދުގައި އޮނަންނަ ގުޅުން އިތުރަށް ހަރުދަނާކުރެވިގެންކަމުގައި އެކަމަނާ ވިދާޅުވިއެވެ. މީގެއިތުރުން ކުށްކުރެވޭ ކުއްޖާއަށް ވަގުތުން ފިޔަވަޅު އެޅުމުގެ ބަދަޅުގައި، "ޑައިވާރޝަން ޕްރޮގުރާމް" ފަދަ ޕްރޮގުރާމްތައް ތައާރަފުކޮށް، ކުއްޖާއަށް ދެވަނަފުރުސަތުގެ މަގުފަހި ކޮށްދިނުމަށްވެސް އެކަމަނާގެ ވާހަކަފުޅުގައި ބާރުއެޅުއްވިއެވެ.
މި ޕެނަލް ޑިސްކަޝަންގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އަރިހުގައި، މުޙިއްޔުއްދީން ސްކޫލުގެ ޕްރިންސިޕަލް ނާޒިމާ ޢަލީ މަނިކް އަދި ހުރަވީ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ފަސާނާ މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.