ޚަބަރު
ޝަރުއީ ކޯޓުތަކުން ކުށާއި ދަރަނީގެ ރެކޯޑު އޮންލައިންކޮށް ސާފުކުރެވޭ ގޮތް ހަދައިފި

ރެކޯޑު ސާފުކުރުމަށް ޤާއިމްކޮށްފައިވާ ޕޯޓަލް ---
ޝަރުއީ ކޯޓުތަކުން ކުށާއި ދަރަނީގެ ރެކޯޑު އޮންލައިންކޮށް ސާފުކުރެވޭ ގޮތް ހަމަޖައްސައިފިއެވެ. މި ޚިދުމަތް މިއަދު ފެށުނުއިރު، ޚިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ އީފާސް މެދުވެރިކޮށެވެ.
ވަޒީފާތަކަށްއެދި ހުށަހެޅުމަށާއި އެކިއެކި ބޭނުންތަކަށް ރެކޯޑު ސާފު ކުރުމަކީ ބައެއް ފަހަރު ތަކުލީފަކަށް ވެފައިއޮންނަ ކަމެކެވެ. ގިނަ އޮފީސްތަކުން މި ޚިދުމަތް އީމެއިލް މެދުވެރިކޮށް ދޭން މިހާރު ފަށާފައިވާއިރު، އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް މި ޚިދުމަތް ދިނުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަނުން ފެށުމަކީ މި ޚިދުމަތް ހޯދުމަށް ލިބިގެން ދިޔަ އިތުރު ފަސޭހައެކެވެ.
މި ޚިދުމަތް އޮންލައިންކޮށް ހޯދުމަށް records.judiciary.gov.mvއަށް ޒިޔާރަތްކޮށްލާށެވެ. އެއަށްފަހު ހޯމް ޕޭޖުގައި އިންނަ "އެޕްލައި ނައޮ" ބަޓަންއަށް ފިއްތާލުމަށްފަހު އީފާސް މެދުވެރިކޮށް ލޮގިން ވެލާށެވެ. އެއަށްފަހު އަނެއްކާ ވެސް "އެޕްލައި ނައޮ" އަށް ގޮސް ފޯމް ފުރިހަމަކުރުމަށްފަހު "ސަބްމިޓް" އަށް ފިތާލުމުން އެޕްލިކޭޝަން ހުށަހެޅުނީއެވެ.
We are pleased to announce the launch of our new portal for online criminal and debt record clearance. Access the service at https://t.co/YlmcFhw5TP via eFaas.#RecordClearancePortal pic.twitter.com/kcweHk3u9N
— Maldives Judiciary (@judiciarymv) May 15, 2025
މި ޕޯޓަލް ފަރުމާކޮށްފައި ވަނީ އެޕްލިކޭޝަން ހުށަހެޅުމަށްފަހު، އެޕްލިކޭޝަންގެ އަޕްޑޭޓު ވެސް ބަލާލެވޭނެ ގޮތަށެވެ. އަދި ރިޕޯޓު ނިމުމުން، އީފާސްގައި ރެޖިސްޓްރީކޮށްފައިވާ ނަންބަރަށް އެސްއެމްއެސް މެދުވެރިކޮށް އެކަން އަންގާނެކަމަށް ޖުޑީޝިއަރީއިން ވަނީ ހާމަކޮށްފައެވެ. އަދި އެއަށްފަހު އީފާސްގައިރެޖިސްޓްރީކޮށްފައިވާ އީމެއިލްއަށް "ރެކޯޑު ސާފުކުރި ކަމުގެ ލިޔުން" ފޮނުވޭނެކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.