ޚަބަރު
ޢީދު ލައިޓުތަކުގެ ޑިމާންޑު ވަރަށް މަތި، ގިނަ ކައުންސިލްތަކުން ދަނީ އެދެމުން: ވަޒީރު އާދަމް ޝަރީފް

ޢީދަށް ޙާއްސާ ލައިޓުތައް މާލޭގައި ދިއްލާލާފައި، ފޮޓޯ: ފަޔާޒް މޫސާ
އަޟްހާ ޢީދުގައި ރަށުތެރެ ދިއްލާލުމަށް ބޭނުންކުރާ ލައިޓުތަކުގެ ޑިމާންޑު ވަރަށް މަތިކަމަށާއި، މި ކަމުގައި އެހީތެރިވެދިނުމަށް ގިނަ ކައުންސިލްތަކުން އެ ވުޒާރާގައި އެދެމުންދާ ކަމުގައި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
މިކަން ޙިއްސާކުރެއްވުމަށް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު އާދަމް ޝަރީފް ވިދާޅުވީ، މިއަހަރުގެ އަޟްހާ ޢީދަށް ލައިޓު ނުހޯދާ ކަމަށާއި މިދިޔަ އަހަރު ވެސް ޢީދު ލައިޓު ހޯދީ އެއްފަހަރު ކަމަށެވެ.
ބޮޑު ޢީދަށް، އީދު ލައިޓް ހޯއްދަވަން ވަރަށް ގިނަ ކައުންސިލްތަކުން @MoCLPmv ގައި އެދިވަޑައިގަންނަވަމުން އެބަގެންދަވާ! “އީދު ލައިޓްގެ ޑިމާންޑް ވަރަަށް ހައި.”
— Adam Shareef Umar (@Adamshareefz) May 16, 2025
މިދިޔަ އަހަރުވެސް އަދި މިއަހަރުވެސް ބޮޑުއީދަށް އީދު ލައިޓް ނުހޯދަން. މިދިޔަ އަހަރުވެސް އީދުލައިޓް ހޯދީ އެއްފަހަރު. pic.twitter.com/O6b8ZNyrXh
ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު އިތުރަށް ވިދާޅުވީ، މި އަހަރުގެ ފިޠުރު ޢީދަށް ދިއްލާލި ރަށްތަކާއި ސިޓީ ކައުންސިލްތަކުގެ އިތުރުން ވެސް، އެހެން ރަށްރަށުން އެ ރަށްތައް ދިއްލުމަށް އެދި މިހާރުވެސް އެ ވުޒާރާއަށް ގުޅައި، ސިޓީތައް ފޮނުވަމުންދާކަމަށެވެ.
ރަޢީސުލްޖުމްހޫރިއްޔާ ފެއްޓެވި ޢީދު ލައިޓްގެ މި މަޝްރޫޢަކީ އަސްލު ވަރަށް ޕޮޕިއުލާ، ވަރަށް ރައްޔިތުންގެ މެދުގައި މަޤުބޫލު ވެފައިއޭ މިއޮތީ މި މަޝްރޫޢު. އެހެންވީމަ އެނގިވަޑައިގަންނަވާނެ ބައެއް ފަރާތްތަކުން އޭރު އެކަމަށް ކްރިޓިޓިޒަމް ގެންނަން އުޅުނު ކަމުގައިވިޔަސް އަދިވެސް ވަރަށް ޕޮޕިއުލާ ކަމަކަށޭ މިކަން ވެފަމިއޮތީ. ރައްޔިތުންގެ ޑިމާންޑް އެބައޮތޭ އަސްލު މިކަމަށް. ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މި އަހަރުގެ ޑިމާންޑަށް ބެލުމަށްފަހު މި އަންނަ އަހަރު ލައިޓު ގެންނައިރު އެކަމަށް ވިސްނަވާނެ ކަމަށެވެ. އެގޮތުން މި އަންނަ އަހަރަށް ބަޖެޓު ކުރުމަށް ޑިމާންޑު އޮތް މިންވަރު ބެލުމަށް ލިސްޓެއް ތައްޔާރުކުރަމުންދާކަމަށް ވަނީ ވިދާޅުވެފައެވެ.
ޢީދުގައި އެކި ރަށްރަށް ދިއްލަނީ، ސަރުކާރުން ފެށި "ޢީދު އަލި" ޕްރޮގްރާމްގެ ތެރެއިންނެވެ. މި ކަމުގެ ބޭނުމަކީ ޢީދު ފަދަ އިސްލާމީ މުނާސަބާތައް ކުލަގަދަކޮށް ފާހަގަކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
މި ޕްރޮގްރާމްގެ ތެރެއިން ރަށްތައް ދިއްލުމަށް ބޭނުންކުރާ ލައިޓުތައް ހުންނަނީ މާބަގީޗާތަކާއި ޢީދުގެ އެކި ޝިއާރުތައް ފެންނަގޮތަށް ފަރުމާކޮށްފައެވެ.