ޚަބަރު
ބައްސާމްގެ ދެ އެޕާޓްމަންޓް ފުލުހުންނާ ހަވާލުކޮށްފި
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް- ފޮޓޯ: ދަ މޯލްޑިވްސް ޖަރނަލް
ފަރުދުން
09 އޮކްޓޯބަރު 2024، 01:47
09 އޮކްޓޯބަރު 2024، 01:47
އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން އެ އެސޯސިއޭޝަނުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ހުޅުމާލެއިން ގަނެފައިވާ ދެ އެޕާޓްމަންޓް ފުލުހުންނާ ހަވާލުކޮށްފި އެވެ.
ފުލުހުން މީޑިއާތަކަށް ހިއްސާކުރެއްވި މެސެޖެއްގައި ބުނެފައިވަނީ ހުޅުމާލެ ލޮޓް ނަމްބަރު އެން 2-25 ގެ "ބްލޮކް އޭ" ގެ އެޕާޓްމަންޓް 1205 އާއި 1206 ރޭގެ 12:00 ގައި ފުލުހުންނާއި ހަވާލުކޮށްފައިވާކަމަށެވެ.
ބައްސާމްގެ 2 އެޕާޓްމަންޓް ފުލުހުންނާ ހަވާލުކުރުމަށް އަމުރުކުރީ ކްރިމިނަލް ކޯޓުންނެވެ. ކޮވިޑުގެ ދުވަސްވަރު ފީފާއިން އެފްއޭއެމްއަށް ފޮނުވި ފައިސާއިން ބައްސާމް ގަތް ކަމަށް ތުހުމަތުކުރެވެނީ ހުޅުމާލޭ އަމީން އެވެނިއުގެ އޭ ބްލޮކުގެ ދެ އެޕާޓްމެންޓެވެ.
ފީފާއިން ވަނީ އެފްއޭއެމްއަށް ލޯނުގެ ގޮތުގައި 1.9 މިލިއަން ޑޮލަރު ދީފައެވެ. އޭގެ ތެރެއިން އެއް މިލިއަން ޑޮލަރު މާރުކުރުމަށްފަހު ފުލެޓް ގަތް މައްސަލައިގައި ބައްސާމާއި އިތުރު ދެ މީހެއްގެ މައްޗަށް ދައުވާކުރަން ފުލުހުން މީގެ ކުރިން ފޮނުވާފައިވެއެވެ.
ފުލުހުން ވަނީ މި މައްސަލައިގައި ބައްސާމުގެ އިތުރުން އެޕާޓްމަންޓް ވިއްކި އަމީން ކޮންސްޓްރަކްޝަނާއި އެފްއޭއެމްގެ އޭރުގެ ފައިނޭންސް ހެޑް މުހައްމަދު އަގީލާއި އެ އެސޯސިއޭޝަނުގައި އޭރު މަސައްކަތް ކުރި ހަސަން ވަހީދުގެ މައްޗަށް ވެސް ދައުވާކޮށްދޭން އެދިފަ އެވެ.
ފީފާއިން މީގެ ކުރިން ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ފީފާގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރިކަމުގެ ތުހުމަތުގައި ބައްސާމް ސަސްޕެންޑްވެސް ކޮށްފައެވެ.