ވިޔަފާރި / ޚަބަރު
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް މިދިޔަ އަހަރު 2.78 ބިލިއަން ރުފިޔާ ދޫކޮށްފި

އެސްޑީއެފްސީ ---
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް މިދިޔަ އަހަރު 2.78 ބިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)އިން ހާމަކޮށްފިއެވެ.
އެ އިދާރާގެ 6 ވަނަ އަހަރީ އާންމު ޖަލްސާގައި އެސްޑީއެފްސީއިން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރު ކެޕިޓަލް ލޯނުގެ ގޮތުގައި ވަނީ 1.736 ބިލިއަން ރުފިޔާ ދޫކޮށްފައެވެ. އަދި ސަރުކާރުގެ އެކި އިދާރާތަކާ ގުޅިގެން އެ އިދާރާއިން ކުރިޔަށް ގެންދާ އެޑްމިނިސްޓަރޑް ލޯނުތަކަށް 1.045 ބިލިއަން ރުފިޔާ ދޫކުރިއެވެ.
2019 ވަނަ އަހަރު އުފެދުނު މި މާލީ އީދާރާ މެދުވެރިކޮށް މިހާތަނަށް އެންމެ ގިނަ ލޯނު ދޫކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއަށެވެ. އެއީ 521 މިލިއަން ރުފިޔާއެވެ. ދެވަނައަށް އެންމެ ގިނަ ލޯނު ދޫކޮށްފައިވަނީ ކޮމާރސް ދާއިރާއިންނެވެ. އެއީ 509.9 މިލިއަން ރުފިޔާއެވެ.
އެސްޑީއެފްސީ އުފެއްދި ފަހުން މިހާތަނަށް ލޯނު ދޫކޮށްފައިވާ ދާއިރާތަކާއި ފައިސާގެ އަދަދުތައް:
- ފަތުރުވެރިކަން – 521 މިލިޔަން ރުފިޔާ
- ކޮމާރސް – 509.9 މިލިޔަން ރުފިޔާ
- މަސްވެރިކަން – 303 މިލިޔަން ރުފިޔާ
- ދަތުރުފަތުރު – 208.9 މިލިޔަން ރުފިޔާ
- އުފެއްދުންތެރިކަން – 107.7 މިލިޔަން ރުފިޔާ
- އިމާރާތްކުރުން – 61.5 މިލިޔަން ރުފިޔާ
- އިންފޮމޭޝަން ޓެކްނޮލޮޖީ – 13 މިލިޔަން ރުފިޔާ
- ދަނޑުވެރިކަން – 11.2 މިލިޔަން ރުފިޔާ
މީގެ އިތުރުން، ސަރުކާރުގެ އިދާރާތަކާ ގުޅިގެން އެންމެ ގިނަ ލޯނު ދޫކޮށްފައިވަނީ މަސްވެރިކަމުގެ ސިނާއަތަށެވެ. އެގޮތުން 647 މިލިއަން ރުފިޔާ އެ ސިނާއަތަށް ވަނީ ދޫކޮށްފައެވެ.
ދެވަނައަށް އެންމެ ގިނައިން ލޯނު ދޫކޮށްފައިވަނީ ކޮމާރސް ދާއިރާގައި މަސައްކަތްކުރަމުންދާ ވިޔަފާރިތަކަށެވެ. އެއީ މުޅި ޖުމްލަ 230 މިލިޔަން ރުފިޔާއެވެ.
އަދި މިދިޔަ އަހަރު ނިމުނުއިރު ސަރުކާރުގެ އެހެން އިދާރާތަކާ ގުޅިގެން ދޫކޮށްފައިވާ ލޯނުތަކުގެ 44 އިންސައްތައަކީ އަތޮޅުތެރެއަށް ދޫކޮށްފައިވާ ލޯނުތައްކަމަށް ވެސް އެ އިދާރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެއީ 1.13 ބިލިއަން ރުފިޔާއެވެ.
އެސްޑީއެފްސީއަކީ އެންމެ ކުދި ވިޔަފާރިތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އަލަށް ފެށުމަށާއި، ހިނގަމުންދާ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އަދި ވިޔަފާރިތައް އިތުރަށް ތަރައްޤީކޮށް ފުޅާކުރުމަށް ބޭނުންވާ މާލީ އެހިތެރިކަން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ޤާއިމްކޮށްފައިވާ މާލީ އިދާރާއެކެވެ.