ކުޅިވަރު
މެންޗެސްޓަރ ސިޓީ ބަލިކޮށް ކްރިސްޓަލް ޕެލެސްއިން އެފްއޭ ކަޕް ކާމިޔާބުކޮށްފި

ކްރިސްޓަލް ޕެލެސްއިން އެފްއޭ ކަޕް ކާމިޔާބުކުރުން ---
އިނގިރޭސި ގަދަބާރު، މެންޗެސްޓަރ ސިޓީ ބަލިކުރުމަށްފަހު ކްރިސްޓަލް ޕެލެސްއިން އެފްއޭ ކަޕް ކާމިޔާބުކޮށްފިއެވެ.
ވެމްބްލޭ ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލް މެޗުގައި، ޕެލެސްއިން ވަނީ ކުރީ ކޮޅު ލީޑު ނަގާފައެވެ. އެގޮތުން މެޗުގެ 16 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ އެބެރެޗީ އެޒޭއެވެ. އޭނާ ވަނީ މި މުބާރާތުގެ ކުއާޓާ ފައިނަލާއި އަދި ސެމީ ފައިނަލުގައި ވެސް ޕެލެސްއަށް ގޯލު ޖަހާދީފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ނަތީޖާ ހަމަހަމަކުރުމަށް ސިޓީއަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ބަނާޑޯ ސިލްވާއަށް ކުރި ފައުލަކަށް އެ ޓީމަށް ލިބުނު ޕެނަލްޓީ އުމަރު މަރުމޯޝް ފޮނުވާލިއިރު، ޕެލެސްގެ ގޯލްކީޕަރު ޑީން ހެންޑަސަން ވަނީ ޕެނަލްޓީ ދިފާއުކޮށްފައެވެ. އަދި ހުޝިޔާރުކަމާއެކު އެ ބޯޅައިގެ ރީބައުސްވެސް އޭނާ ދިފާއުކޮށްފައި ވެއެވެ. މަރުމޯޝްއަށް ޕެނަލްޓީ ޖެހުމުގެ ފުރުސަތު ދިނީ އާރލިން ހާލަންޑާއި ކެވިން ޑި ބްރޫނޭ ވެސް ދަނޑުމަތީގައި ތިއްބައެވެ.
މީގެ އިތުރުން ވެސް ފުރަތަމަ ހާފާއި ދެވަނަ ހާފުގައި ވެސް ސިޓީއިން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް ކީޕަރު ހެންޑަސަންގެ ހުޝިޔާރުކަމާއި، ޑިފެންސްލައިނުގެ ރޭވުންތެރިކަން ރަގަޅުވުމުން، ސިޓީއައް ގޯލެއް ކާމިޔާބުކުރެވޭ ގޮތް ނުވީއެވެ.
ދެވަނަ ހާފުގައި ޕެލެސްގެ ޑެނިއެލް މުނޯޒް ވެސް ގޯލެއް ކާމިޔާބުކުރިއެވެ. ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ ފަހުން ނިންމީ އެއީ އޮފްސައިޑް ގޯލެއް ކަމަށެވެ.
ސިޓީއަކީ މިދިޔަ އަހަރުގެ ފައިނަލު ވެސް ކުޅުނު ޓީމެކެވެ. ނަމަވެސް ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު އެ ޓީމަށް ގެއްލުނީ 2-1 އިންނެވެ.
އަނެއްކޮޅުން ޕެލެސް މީގެ ކުރިން ދެ ފަަހަރު ފައިނަލް ކުޅެފައިވާއިރު، އެ ޓީމަށް ދެ ފަހަރު ވެސް ނާކާމިޔާބުވީ ފައިނަލުގައި ޔުނައިޓެޑާ ދެކޮޅަށް ކުޅެގެންނެވެ. އެއީ 1990 ވަނަ އަހަރާއި 2016 ވަނަ އަހަރެވެ.
އެފްއޭ ކަޕްގެ ކާމިޔާބަކީ 119 އަހަރަށްފަހު ޕެލަސްއަށް ލިބުނު ފުރަތަމަ ބޮޑު ތައްޓެވެ.