Ads by Aqeeqa Maldives

ޚަބަރު

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ރާއްޖޭން ކުށްވެރިކޮށްފި

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ރާއްޖޭން ކުށްވެރިކޮށްފި

ޚާރިޖީ ވުޒާރާ

farudhun logo

ފަރުދުން

19 މޭ 2025، 11:49

19 މޭ 2025، 11:49

އިސްރާއީލުން ޣައްޒާގެ މުސްލިމުންނަށް ހުއްޓުމެއްނެތި ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފިއެވެ.

ޚާރިޖީ ވުޒާރާއިން ނެރުނު ނޫސް ބަޔާނެއްގައި ވަނީ އިސްރާއީލުން ޣައްޒާއަށް ދެމުންދާ މި ހަމަލާތަކުގައި މިއަދު އެކަނިވެސް ކުށެއްނެތް 100 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާ ކަމަށެވެ.

ހަމައެއާއެކު، މި ހަމަލާތަކަކީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި، ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ޤާނޫނާއި އަދި ބައިނަލްއަޤްވާމީ އިންސާނިއްޔަތުކަމުގެ ޤާނޫނާ ޚިލާފު ޢަމަލުތަކެއް ކަމަށްވެސް އެ ބަޔާނުގައި ވެއެވެ. 

"އިސްރާއީލުން ޕަލަސްތީނު ރައްޔިތުންގެ ނަސްލު ނައްތާލުމަށް ކުރިއަށް ގެންދާ އަނިޔާވެރި ޢަމަލުތައް ވަގުތުން ވަގުތަށް ހުއްޓުވައި، ޣައްޒާގެ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދީ، އިސްރާއީލުގެ ޢަމަލުތަކަށް ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ދިވެހިރާއްޖެއިން ގޮވާލަމެވެ." ޚާރިޖީ ވުޒާރާގެ ބަޔާނުގައި ވެއެވެ.

މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި ޢަދުލުވެރި، ޞުލްޙަވެރި ޙައްލެއް ލިބޭނީ 1967 ގެ ކުރީގެ ސަރަޙައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނު ދައުލަތެއް ޤާއިމްކުރެވިގެންކަމުގައި ދިވެހިރާއްޖެއިން ދެކޭކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS