ޚަބަރު
ޤައުމީ ފެންވަރުގައި ޢީދު ފާހަގަކުރުމަށް ހޮވުނު ހުރިހާ ރަށަކުން އެއްބާރުލުން ލިބޭ

ޢީދު ކުޅިވަރެއްގެ ތެރެއިން
1446 ވަނަ އަހަރުގެ އަޟްޙާ ޢީދު ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ހޮވުނު ތިން ރަށުން ވެސް ފުރިހަމަ އެއްބާރުލުމެއް ލިބެމުންދާކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ އިވެންޓްސް ޑިޕާރޓްމަންޓްގެ ޑެޕިޔުޓީ ޑިރެކްޓަރ މުޙައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އަޑުގެ "އަދުގެރާއްޖެ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މުޙައްމަދު އައްބާސް އިތުރަށް ވިދާޅުވީ, މިފަހަރުގެ ޢީދުގެ ހަރަކާތްތައް ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ހޮވިފައިވާ ރަށްތައް ކަމުގައިވާ ހއ ކެލާ, ކ. ގުރައިދޫ އަދި ލ. ގަން, މި ތިން ރަށުންވެސް ރާވައި ހިންގައި ހަރަކާތްތައް ވުޒާރާއިން ވިލަރެސްކުރަމުން އަންނަ ކަމުގައެވެ. އަދި އެހެން ޢީދުތަކެކޭ އެއްގޮތަށް, މި ޢީދަކީ ވެސް ފޯރިގަދަ ސަގާފީ ޢީދަކަށް ހެދުމަށް ހުރިހާ ރަށަކުން ވެސް މަސައްކަތް ކުރަމުން އަންނަ ކަމުގައި އައްބާސް ވިދާޅުވިއެވެ.
އައްބާސް ވިދާޅުވީ، ސްޓޭޖް ޝޯތަކުގައި ވެސް މިޔުޒިކްގެ ބަދަލުގައި ލަނގިރި, ބަނޑިޔާ ފަދަ ހަރަކާތްތަކަށް އިސްކަން ދީގެން ޕްރޮގްރާމް އެކުލަވާލުމަށް ކައުންސިލްތަކާ ވާހަކަދައްކަމުންދާ ކަމަށެވެ. ޢީދު ފާހަގަ ކުރުމުގައި އިހުގެ ގޮތްތަކަށް އިޔާދަ ވުމަށް, ސަގާފީ އާދަތަކާއި ކުޅިވަރުތަކަށް އިސްކަން ދިނުމަށް ވުޒާރާއިން ހިތްވަރުދޭކަންވެސް އައްބާސް ފާހަގަކުރެއްވިއެވެ.
ޒަމާނަށް އައި ބަދަލުތަކާ އެކު ދިވެހިންގެ ސަގާފީ ކުޅިވަރުތައް ފަހަކަށް އައިސް ފެނުން މަދުވެފައިވީ ނަމަވެސް, މިދިޔަ އަހަރާއި މި އަހަރުގެ ޢީދު ފާހަގަކުރުމުގައި އެފަދަ ހަރާކާތްތަކަށް އަލުން ދިރުން ގެނައުމަށް ވުޒާރާގެ އިސްނެގުމުގެ މަތިން ޚާއްސަ މަސައްކަތްތަކެއް ފަށާފައިވާކަމަށް އައްބާސް ވިދާޅުވިއެވެ.
ޤައުމީ ފެންވަރުގައި މި އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް ކަނޑައަޅާފައި ވަނީ ތިން ރަށެއްގައެވެ. އެއީ ހއ. ކެލާ, މާލެ އަތޮޅު ގުރައިދޫ, އަދި ލ. ގަމެވެ. މި ރަށްތައް ކަނޑައެޅީ ޤައުމީ ފެންވަރުގައި ޢީދު ފާހަގަ ކުރުމަށް ޝައުޤުވެރިކަން ފާޅުކޮށް، ޕްރޮޕޯސަލް ހުށަހެޅި ރަށްތަކުގެ ތެރެއިން "ޤައުމީ ފެންވަރުގައި އަޟްޙާ ޢީދު ފާހަގަކުރާ ރަށްތައް ކަނޑައެޅުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލު" ގެ ދަށުން އެންމެ ގިނަ ޕޮއިންޓް ލިބިފައިވާ ރަށްރަށްކަމަށް ބަހާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.