Ads by Aqeeqa Maldives

ޚަބަރު

ވޯލްޑް ހެލްތު އެސްމްބްލީގައި މިނިސްޓަރ ޢަބްދުﷲ ނާޡިމް ބައިވެރިވަޑައިގެންފި

ވޯލްޑް ހެލްތު އެސްމްބްލީގައި މިނިސްޓަރ ޢަބްދުﷲ ނާޡިމް ބައިވެރިވަޑައިގެންފި

ވޯލްޑް ހެލްތު އެސްމްބްލީގައި ރާއްޖެއިން ބައިވެރިވުން

19 މޭ 2025، 03:23

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން އިންތިޒާމުކޮށްގެން ބާއްވާ ވޯލްޑް ހެލްތު އެސެމްބްލީގެ 78 ވަނަ ސެޝަން ސްވިޒަލޭންޑްގެ ޖެނީވާގައި މިއަދު ފަށައިފިއެވެ.

މިއަހަރުގެ ވޯލްޑް ހެލްތު އެސެމްބްލީގައި ބައިވެރިވާ ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޡިމް އިބްރާހީމްއެވެ. މި އެސެމްބްލީ ހުޅުވުމުގެ ރަސްމިއްޔާތުގައި ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ.ސަލްމާ ރަޝީދާއި، މިޝަންގެ އިސްބޭފުޅުންގެ އިތުރުން މިނިސްޓްރީ އޮފް ހެލްތްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި އެސެމްބްލީގައި ދުނިޔޭގެ ޞިއްޙީ ދާއިރާއިން މިހާރު ފާހަގަކުރެވޭ ތަފާތު މައުޟޫތަކަށް މަޝްވަރާކުރެވޭނެއެވެ. މިގޮތުން ޔުނިވާސަލް ހެލްތު ކަވަރޭޖް، މައިންނާއި ކުޑަކުދިންގެ ޞިއްޙަތާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޞިއްޙަތަށް ކުރާ ނޭދެވޭ އަސަރުތަކާއި އެންޓިމައިކްރޯބިއަލް ރެސިސްޓެންސް ފަދަ މައުޟޫއުތައް މަޝްވަރާ ކުރެވޭނެއެވެ. މީގެ އިތުރުން އިމަރޖެންސީ ޕްރިޕެއަރޑްނަސް އެންޑް ރެސްޕޮންސް، ޕްރޮގްރާމް ބަޖެޓްއާ ގުޅޭގޮތުންވެސް މަޝްވަރާކުރެވޭނެއެވެ. އަދި، ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތްތައް މެދުވެރިވުމުން އަމަލުކުރާނެ ގޮތްތަކާ ގުޅޭ މުހިންމު އެގްރީމެންޓެއް ކަމަށްވާ "ޕެންޑަމިކް އެގްރީމަންޓް" ގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހެލްތު އެސްމްބްލީގެ ހަވާސާގެ ތެރެއިން އެކި ޤައުމުތަކުގެ ހެލްތު މިނިސްޓަރުންނާ މިނިސްޓަރ ބައްދަލުކުރައްވާ ޞިއްހީ ދާއިރާއިން އެއްބާރުލުމާއި އެތެރިކަން ހޯދުމަށް މަޝްވަރާކުރުމަށް ވަނީ ނިންމާފައެވެ.

މި މަހުގެ 19 އިން 27 އަށް ކުރިއަށްދާ މި ބައްދަލުވުމުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ މެމްބަރު 194 ޤައުމެއްގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS