Ads by Aqeeqa Maldives

ޚަބަރު

ކ.ގުޅީގެ ބިން ހިއްކުމުގެ މަޝްރޫޢުގެ 95 އިންސައްތަ މަސައްކަތް ނިމިއްޖެ

ކ.ގުޅީގެ ބިން ހިއްކުމުގެ މަޝްރޫޢުގެ 95 އިންސައްތަ މަސައްކަތް ނިމިއްޖެ

ކ.ގުޅި ހިއްކި ސަރަޙައްދާއި އެކު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 މޭ 2025، 04:55

19 މޭ 2025، 04:55

ކ. ގުޅީގެ ބިން ހިއްކުމުގެ މަޝްރޫޢުގެ 95 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ހާމަކޮށްފިއެވެ.

މި އަހަރުގެ އޭޕްރީލް މަހުގެ 5 ވަނަ ދުވަހު ފެށުނު މި މަޝްރޫޢުގެ ދަށުން ގުޅީގައި 10.15 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އެމްޓީސީސީން ބުނާ ގޮތުގައި ސެޕްޓެމްބަރު މަހުގެ ނިޔަލަށް ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމުމަކީ އެ ކުންފުނީގެ އަމާޒެކެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ޖެނުއަރީ މަހު ގުޅީއަށް ކުރެއްވި ދަތުރުފުޅެއްގައި، އެ ރަށަށް ދިމާވެފައިވާ ބިމުގެ ޖާގައިގެ މައްސަލައަށް ޙައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ވެވަޑައިގެންނެވި ވަޢުދުފުޅެއް ފުއްދުމުގެ ގޮތުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ އަގަކީ 83 މިލިއަން ރުފިޔާއެވެ.

ގުޅީގައި ބިމުގެ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ދިމާވެފައިވާއިރު، އެންމެ ފަހުން އެ ރަށުން ބިން ދޫކޮށްފައިވަނީ 2003 ވަނަ އަހަރުއެވެ. ގުޅީގެ ކައުންސިލުން ފާހަގަކުރާ ގޮތުގައި އެ ރަށުގައި އަމިއްލަ ބޯހިޔާވަހިކަން ބޭނުންވާ 150 އާއި 200 އާ ދެމެދުގެ އަދަދެއްގެ މީހުން އެބަ ތިއްބެވެ.



މި މަޝްރޫޢުގެ ދަށުން 940 މީޓަރުގެ ހިލަ ރިވެޓްމަންޓް އަދި 362 މީޓަރުގެ ޖީއޯބޭގް ރިވެޓްމަންޓް ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢާއެކު ގުޅީގެ ބިން 2 ގުނައަށް އިތުރުވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

ބިމުގެ ޖާގައިގެ މައްސަލަ ޙައްލުވުމާއެކު ބޯހިޔާވަހިކަމުގެ މައްސަލައިގެ އިތުރުން ރަށަށް އިޤްތިޞާދީ ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ރަށުގެ ރައްޔިތުން އުންމީދުކުރެއެވެ. ގުޅިއަކީ ލޯކަލް ޓުއަރިޒަމްގެ ވިޔަފާރިވެސް ފުޅާ ދާއިރާއެއްގައި ކުރަމުންދާ ރަށެކެވެ.


                    

މި ލިޔުން ކިޔާލުމުން

Ads by MSS