Ads by Aqeeqa Maldives

ޚަބަރު

މޫސުމީ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ކުރާމަސައްކަތުގައި ދިވެހިރާއްޖެއިން އެންމެކުރީސަފުގައި ދެމިތިބޭނެ: ނައިބު ރައީސް

މޫސުމީ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ކުރާމަސައްކަތުގައި ދިވެހިރާއްޖެއިން އެންމެކުރީސަފުގައި ދެމިތިބޭނެ: ނައިބު ރައީސް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް

farudhun logo

ފަރުދުން

20 މޭ 2025، 12:03

20 މޭ 2025، 12:03

 މޫސުމީ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ކުރާމަސައްކަތުގައި ދިވެހިރާއްޖެއިން އެންމެކުރީސަފުގައި ދެމިތިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުތާޛް ހުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ. 

ހަވާއީގެ ހޮނޮލޫލޫގައި ބޭއްވި "ބްލޫ ޕްލެނެޓް އެލަޔަންސް ފެލޯޝިޕް ޕްރޮގްރާމް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަކީ ނާޒުކު ތަންތަން ކަމަށެވެ. އަދި ރާއްޖެއަށް ކުރިމަތިވެފައިވާ މޫސުމީ ނުތަނަވަސްކަމަކީ، ދިރިއުޅުމުގެ ޙަޤީޤަތަކަށް މިހާރު ވެފައިވާއިރު، ދިމާވާ ގޮންޖެހުންތަކާއެކުވެސް، މޫސުމީ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ކުރާމަސައްކަތުގައި ދިވެހިރާއްޖެއިން އެންމެކުރީސަފުގައި ދެމިތިބޭނެކަށް އެމަނިކުފާނު ވިދާޅުވިއެވެ. 

ނައިބުރައީސްގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ "ތަރޑް ނެޝަނަލީ ޑިޓަރމިންޑް ކޮންޓްރިބިއުޝަން" (އެން.ޑީ.ސީ) އާއެކު ފަހުން އިޢުލާނުކުރި، "2024-2033 އެނަރޖީ ރޯޑްމެޕް" ގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. މި ޕްލޭންގައި 2028 ވަނަ އަހަރުގެ ނިޔަލަށް އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކުން ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ އުފެއްދުމަށް އަމާޒެއް ކަނޑައަޅާފައިވާއިރު، މިއީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ދިއުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި އަމާޒަކީ ތެލަށް ބަރޯސާވާ މިންވަރު ދަށްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ޤައުމީ އެޖެންޑާގެ މައިގަނޑު އަސާސެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޓެކްނޮލޮޖީގެ ދާއިރާއިން ބޭރަށް ނިކުމެ ވިސްނުމަށާއި، މުޖުތަމަޢުތަކަށް ބަދަލުގެނެވޭފަދަ، ދުނިޔޭގެ މޫސުމީ ނޭދެވޭ ބަދަލުތަކާ ގުޅޭ މަޝްވަރާތަކަށް ބަދަލު ގެނެވޭނެފަދަ އީޖާދީ ސިޔާސަތުތަކާއި، މާލީ އެހީ ހޯދުމުގެ ނިޒާމްތަކަށް އަމާޒު ހިފުމަށް ފެލޯޝިޕް ބައިވެރިންނަށް ހިތްވަރުދެއްވާފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS